ދުނިޔެ

ޔަމަންގައި އެތައްހާސް ބަޔަކު ހާލުގައި ޖެހިފައި- އދ


ޔަމަންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާއި ގުޅިގެން އެތައްހާސް ބަޔަކު ހާލުގައި ޖެހި، ގިނަ އަދަދެއްގެ މީހުން ޔަމަނުން ފައިބަން ފަށާފައިވާ ކަމަށް އދ.ން ހާމަކޮށްފިއެވެ.ޔަމަންގައި ޙަރަކާތްތެރިވާ ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައުދީން އިސްވެ އޮވެ ހިންގާ އަސްކަރީ އޮޕަރޭޝަންގައި ވައިގެ ހަމަލާތައް ދޭންފެށި ފަހުން މިހާތަނަށް 120 ހާހަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް އދ.ން ހާމަކުރެއެވެ.ވައިގެ ހަމަލާތަކާއި ގުޅިގެން ވެރިރަށް ސަންޢާގެ ގިނަ ސަރަޙައްދުތައް ސުންނާފަތިވެފައިވާ ކަމަށާއި، އަދި މަގުތައް ބަންދުވެ، ފިހާރަތައްވެސް ބަންދުކޮށްފައިވާ ކަމަށް ޚަބަރުލިބެއެވެ. ސައުދީން ދެމުންދާ ވައިގެ ހަމަލާތައް ވަރުގަދަކުރުމާއި ގުޅިގެން މިހަމަލާތަކުގައި މަރުވާ ޢާއްމުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އދ.ން ހާމަކުރެއެވެ.ޔަމަންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާއި ގުޅިގެން ބޭރު ޤައުމުތަކުންވެސް ވަނީ އެޤައުމުތަކުގެ ރައްޔިތުން ޔަމަނުން ބާލާފައެވެ. ޔަމަނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންގެ ބޭނުމަކީ ހޫޘީ ޖަމާއަތް ބަލިކުރުމުގެ އިތުރުން ޔަމަންގެ ވެރިކަމުން އެއްފަރާތް ކޮށްފައިވާ ރައީސް އަބްދުއް ރައްބޫ މަންސޫރު ހާދީއަށް ވެރިކަން ހޯދައި ދިނުންކަމަށް ސައޫދީ އަރަބިޔާއިން ބުނެއެވެ.