ޚަބަރު

ކޮރަޕްޝަނާއި ފަސާދައަށް ރައްޔިތުން ކުޑަކަކޫ ނުޖަހާނެ - އިމްރާން


އަނިޔާވެރިކަމާއި ކޮރަޕްޝަންގެ ފަސާދައިގެ ކުރިމަތީގައި ހިމޭންވެ ކުޑަކަކޫ ނުޖަހާނެކަން 2015ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ދިވެހި ރައްޔިތުން ސާބިތުކޮށްދީފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާޒީގެ ހަނދާންތައް އައުކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ސަރުކާރު ހިންގަން ތިއްބެވި އިސްވެރިންގެ އަނިޔާވެރިކަން ހައްދު ފަހަނައަޅާފައިވާކަމަށް ބުނެ 2015 ވަނަ އަަރުގެ މޭމަހުގެ އެއްވަނަދުވަހު ގިނަ އަދަދެއްގެ ބަޔަކުން މަގުމައްޗަށް ނުކުތެވެ. އެ ދުވަހު ނުކުތް މީހުންގެ އަދަދުން މުޅި މަޖީދީމަގު އެއްކޮޅުން އަނެއްކޮޅަށް އޮތީ ފުރާލާފައެވެ.

މޭޑޭގެ ސުލްހަވެރި އެއްވުމަށް ނުކުތް އެތައްހާސް މީހުންނާއިއެކު ސިޔާސީ އިސްބޭފުޅުންގެ ޢަދަދު ގިނަވުމަކީ ސަރުކާރަށް ހަޖަމް ކުރެވޭ ކަމަކަށް ނުވިއެވެ. މުޒާހަރާގެ ވަކި ހިސާބަކުން ރައްޔިތުންނާއި ފުލުހުންނާއި ކުރިމަތިލުން ހިނގާ އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިގެންދިޔައެވެ. އަދި ސިޔާސީ މީހުންނާއި ދެކޮޅަށް ދައުލަތުން ބޮޑެތި ދައުވާތައް އުފުލިއެވެ. އެ ދައުވާތަކާއި އެކު އެއްބަޔަކު ޖަލުގެ ތޭރިތަކުގެ ބިށްދޮށަށް ދާންޖެހުނެވެ. އަނެއް ބަޔަކު ރާޢްޖެއިން ބޭރަށް އަމިއްލައަށް އަރުވާލެވިގެން ތިއްބެވެ.

2015 ވަނައަހަރު މޭޑޭ މުޒަހަރާ އިސްކޮށް ހަރަކާތެރިވެޑައިގެންނެވި މިހާރު ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އެ ދުވަހުގެ ބައެއް ފޮޓޯތަކާއި އެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދުވަހު ދިވެހި ރައްޔިތުން ގުޅިގެން އަނިޔާވެރިކަމާ ދެކޮޅަށް ފެށި މަސައްކަތްތަކަށް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް އިސްލާޙަށްޓަކައި އެންމެން އެކުގައި ޙާސިލް ކުރަންޖެހޭ ގިނަ ކަންކަން އަދިވެސް އެބަހުރި ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މޭޑޭގެ މުޒާހަރާއިން އަނިޔާ ލިބުނު ފަރާތްތައް އެ ދުވަހު ލިބުނު ކާމިޔާބީގެ އުފާ ލިބިގަންނަމުންދާއިރު އެދުވަހު ރައްޔިތުންނަށް އަނިޔާދިން ފަރާތްތަކަށް މަޖުބޫރުވީ ރައްޔިތުންގެ ކުރިމަތީގައި ކުޑަކަކޫ ޖެހުމަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.