ވިޔަފާރި

ސްކޫޓުން ބައެއް މަންޒިލްތަކަށް ކުރަމުން އަންނަ ދަތުރުތައް މެދުކަނޑާލަނީ!


ދިވެހިރާއްޖެ ހިމެނޭހެން ސްކޫޓުން ހަތަރު މަންޒިލަކަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމަށް އެ އެއަރލައިނުން ނިންމައިފިއެވެ.

ސިންގަޕޫރުގެ ބަޖެޓް އެއަރލައިން ސްކޫޓް އެއަރލައިނުން ބުނީ އެ އެއަރލައިނުން ހަތަރު މަންޒިލަކަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ. މި ދަތުރުތައް ހުޓާލުމަށް ނިންމީ ޑިމާންޑް ދަށްވުމާއި، އެއަރލައިނުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ބޯޓުތައް މަދުވުމުގެ ސަބަބުންނެވެ.
ބޯޓުތައް މަދުވި މައިގަނޑު ސަބަބަކީ ދާދިފަހަކުން އިތިއޯޕިއާ އެއަރލައިނުގައި ބޭނުންކުރަމުން އައި ބޮއިން މެކްސް މަރުކާގެ ބޯޓެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން، އެމަރުކާގެ ބޯޓުތައް ބޭނުންކުރުން ހުއްޓާލުމުންނެވެ.

ސްކޫޓުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމަށް ނިންމާފައިވާ ހަތަރު މަންޒިލަކީ، ދިވެހިރާއްޖެ، އިންޑިއާގެ ލަކްނޯ، ފިލިޕީންސްގެ ކަލިބޯ އަދި ޗައިނާގެ ގުއާންޒޯއެވެ.

ސްކޫޓުން ނެރެފައިވާ ބަޔާނެއްގައިވާގޮތުން އެ އެއަރލައިނުން ފިލިޕީންސްގެ ކަލިބޯ އަދި އިންޑިއާގެ ލަކްނޯއަށް ކުރަމުން އަންނަ ދަތުރުތައް މެދުކަނޑާލާނީ އަންނަ ޖޫންމަހުއެވެ. ގުއާންޒޯއަށް ކުރަމުން އަންނަ ދަތުރުތައް އޮގަސްޓްމަހުގެ 24 ވަނަ ދުވަހު މެދުކަނޑާލުމަށް ނިންމާފައިވާއިރު، ދިވެހިރާއްޖެއަށް ކުރާ އެންމެފަހު ފްލައިޓުގެ ދަތުރު އޮންނާނީ އޮކްޓޯބަރުމަހުގެ 25 ވަނަ ދުވަހެވެ.

ސްކޫޓުން އަންނަނީ ނަން މަޝްހޫރު މަންޒިލްތަކަށް ދަތުރު ކުރަމުންނެވެ. މީގެ ތެރޭގައި ބާލީ، ކުއާލަ ލަމްޕޫރު، ބެންގކޮކް، ހޯޗީ މިންހ ސިޓީގެ އިތުރުން ހެނޮއީ އަދި ސިޑްނީ ހިމެނެއެވެ.

ސްކޫޓްގެ ދަތުރުތައް މިހާރުވެސް ކޮންމެ ހަފްތާއަކު ސިންގަޕޫރުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބާއްވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.