ޚަބަރު

ތަކުރާރުކޮށް ވައްކަންކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދަށް


  • އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެހެން މައްސަލައެއް ވެސް ދަނީ ބަލަމުން

އައްޑޫ ސިޓީގައި ތަކުރާރުކޮށް ވައްކަންކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ސ.މަރަދޫ / އާލް، އަޙްމަދު ޙާރިޝް (32އ) ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ، މި މަހު 11 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫ ގެއަކުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.

އޭނާ ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. މި މައްސަލައިގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ވައްކަމުގެ އެހެން މައްސަލައެއްވެސް ގަން ޕޮލިހުން ގެންދަނީ، ތަޙުޤީޤު ކުރަމުންނެވެ.

މި މައްސަލާގައި، އަޙްމަދު ޙާރިޝްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.