ވިލިމާލޭގައި މުޅިން އަލަށް ތަރައްޤީކުރެވުނު ބަށި ކޯޓާއެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ އެއަވަށުގެ ކަނބަލުންނަށެވެ. ދުވަސްވީ ހުވަފެނެއް ކުލަވުމާއެކު އިހު އޮތް ޖޯޝާ ފޯރީގައި އަލުން ކޯޓަށް އަރާ، ކުރީގެ އުފާވެރި މާޒީއަށް އިޔާދަވުމަށް ވިލިމާލޭގެ ކަނބަލުން ތިބީ ކެތްމަދުވެފައެވެ.
ގްރޭޓާ މާލޭގެ އެންމެ ހިތްފަސޭހަ ސަރަހައްދުކަމަށްވާ ވިލިމާލެއަކީ ރަށްފުށުގެ ހަމަހިމޭންކަމާއި ހިތްގައިމުކަން އެންމެ ގާތުން ވަޒަންކޮށްލެވޭނެ ތަނެވެ. ތިމާވެއްޓާ ރައްޓެހި އުޅަނދުތަކުން ފެށިގެން ގޮސް ތާޒާކަން ގެނެސްދޭ ރީތި ގަސްގަހާއިގެއްސާއި މާމެލިން ޖަރީވެފައިވާ ވިލިމާލެއަށް ލިބުނު އިތުރު ފުރިހަމަކަމަކީ އަލަށް ގާއިމުވެގެންދިޔަ ވިލިމާލޭ ބަށިކޯޓެވެ.
ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކެކޭ އެއްގޮތަށް ވިލިމާލެއަކީވެސް ކުޅިވަރަށް ލޯބިކުރާ ރައްޔިތަކު ނިސްބަތްވާ ތަނެކެވެ. ހަވީރު ފިންޏާއިއެކު ފުޓްސަލް، ހޭންޑްބޯލް ފަދަ ކުޅިވަރުތަކުގައި ވަކި އުމުރެއް ނެތި ގިނަ ބަޔަކު މަޝްޣޫލުވަމުން އަންނައިރު، ކުޅިވަރު ބޭނުންވާ އެތައްވަސީލަތެއް ޤާއިމްވެފައިނެތުމަކީ ވިލިމާލޭގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.
ކުޅިވަރު ވުޒާރާއި ވެމްކޯގެ އިތުރުން ދާއިރާގެ މެންބަރުގެ އެހީތެރިކަމާއެކު ވިލިމާލޭ ބަށި ކޯޓް ގާއިމްކޮށް ރަސްމީކޮށް ކޯޓް މިހާރު ހުޅުވާފައިވާއިރު، މިވަސީލަތާއެކު އެންމެ ބޮޑު ހިނިތުންވުމެއް ލިބިގެން ދިޔައީ އެރަށުގެ ކަނބަލުންނަށެވެ. ސަބަބުތައް ބައިވަރެވެ.
މާޒީއަށް ބަލާއިރު، ވިލިމާލޭ ބަށި ޓީމަކީ އެތައް ކާމިޔާބީތަކެއް ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިންގެ މައްޗަށް އެކުލެވިފައިވާ ޓީމެކެވެ. އެހެންނަމަވެސް ފާއިތުވެދިޔަ ސަރުކާރުތަކުން ވިލިމާލެއަށް އަޅާނުލެވުމުގެ ނަތީޖާއަކަށްވީ، ވިލިމާލޭ ބަށި ޓީމަށް ފަރިތަކުރާނެ ތަނެއް ނުލިބި، ޓީމު މަޑުމަޑުން އުވިގެންދިއުމެވެ. އޭރުގެ ކުޅުންތެރިންގެ އުދާސްތައް އަޑުއަހާނެ ކަންފަތެއް ނެތި، ބާކީވުމުގެ ނަތީޖާ ކިތަންމެހާވެސް ހިތިކަމަށް ރަށުގެ ރައްޔިތުން އިއްތިފާގުވެއެވެ.
ވިލިމާލެއަށް އިތުރުކުރެވުނު އައު ކޯޓާއެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު އެއް ފަރާތަކީ ވިލިމާލޭ ޑަބްލިއުޑީސީގެ މެންބަރު ހިޝްމާ އަހްމަދުއެވެ. ހިޝްމާވެސް ފާހަގަކުރިގޮތުގައި މިކޯޓަކީ މިސަރުކާރުގެ ފަރާތުން ވިލިމާލެއަށް ގިނަ ދެމުންދާ އެހީތެރިކަމާއި އެއްބާރުލުމުގެ ރަމްޒެކެވެ. އަދި މި ކޯޓާއެކު ވިލިމާލޭގެ ކުޅިވަރުގެ ކާމިޔާބު މާޒީ އިޔާދަވެގެންދާނެކަމަށް ހިޝްމާ ފާހަގަކުރިއެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުއަދާކުރަން މިކަމުގައި އަޅުގަނޑުމެންގެ ސަރުކާރުން އެހީތެރިވީތީވެ، ކުރީގެ ވަރަށް ގަދައަށް ވިލިމާލޭގައި ބަށި ކުޅެމުންދިޔަ. ވަރަށް ގިނަ ކާމިޔާބީތަކެއް ވިލިމާލޭގެ ނަންމަތީގައި ހޯދާފައިވެސްވޭ. އެކަމު އެކަން ގެއްލިގެން ދިޔަ ތަން ފެނުނީ ދަނޑެއް ނެތުމުން" ހިޝްމާ ބުންޏެވެ.
ވިލިމާލޭގެ ރައްޔިތުން އެދިއެދި ތިބި ކަމަކަށް އުފާވެރި ނިމުމެއް އައުމުން ހިޝްމާވަނީ ސަރުކާރަށާއި ބަށި ކޯޓުގެ މަސައްކަތް ފުރިހަމަކަމާއެކު ނިންމާލުމުގައި އެހީތެރިވި އެންމެހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ.
"އަނެއްކާވެސް ބަށި ކުޅުން އާލާކުރުމަށް ކުޅިވަރު މިނިސްޓްރީއިންނާއި އެމްޕީއާއި ވެމްކޯގެ ފަރާތުން އެއްބާރުލުމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަންހެން ބޭފުޅުން މިހާރު މިތިބީ ވަރަށް އުފަލުން. އަޅުގަނޑުމެން މިތިބީ ސަރުކާރާއެކު ކުރިއަށް ދިއުމަށް" ޝުކުރުއަދާކުރަމުން ހިޝްމާ ބުންޏެވެ.
ވިލިމާލޭގައި ދިރިއުޅޭތާ 35 ވަރަކަށް އަހަރުވެފައިވާ އާމިނަތު ރަޝީދާވެސް ފާހަގަކުރިގޮތުގައި މި ކޯޓު ވިލިމާލޭގައި ގާއިމްވެގެން ދިއުމަކީ ލިބުނު އުފަލެކެވެ. މީގެ ކުރިން ކޯޓެއް ނެތުމުން، ވިލިމާލޭގެ ކަނބަލުން ބަށި ކުޅެން ޖެހުނުގޮތް އޭނާ ޕީއެސްއެމް ނިއުސްއާ ހިއްސާކުރިއެވެ.
"މިއީ ވަރަށް އުފާވެރި ދުވަހެއް. ޚާއްސަކޮށް ވިލިމާލެއަށް. މިރަށުގަ 35 އަހަރަށްވުރެ ގިނަދުވަސްވަނީ އިސްރައްވެއްސެއްގޮތަށް ހޭދަކުރާތާ. މިރަށުގަ ގަސްކޮޅެއް ނެތް ތަންކޮޅެއް ބަލާލައިގެން ކުޅެލައިގެން އެކަހަލަ ގޮތަކަށް މިއުޅުނީ" އައިންތު ބުންޏެވެ.
އައިންތު އިތުރަށް ބުނީ މި އައު ކޯޓުގެ ސަބަބުން ވިލިމާލޭގެ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރަކަށްވެގެންދާނެކަމަށެވެ. ވިލިމާލެއަކީ ކުޅިވަރަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ތަނަކަށްވާއިރު، ބަށި ކޯޓް ފަރުމާކޮށްފައިވަނީ ރޭގަނޑަށްވެސް ކުޅެވޭނެހެން ލައިޓްވެސް ހަރުކޮށްފަކަން އައިންތު އުފަލާއެކު ފާހަގަކުރިއެވެ.
"މިހާރު ޚާއްސަކޮށް މިލިބުނީ ބައްޓަށް ތަނެއް. މިއީ ރަށުގެ ރައްޔިތުން ވަރަށް އުފާކުރާނެ ކަމެއް. މިހާރު ލައިޓްތައް ޖަހާފަ ރޭގަނޑުވެސް ކުޅެވޭގޮތަށް މިއޮތީ. އެހެންވީމަ އަންހެނުންނަށް ކުޅޭނެ ކުޅިވަރުތައް އިތުރުވުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށްވެސް ބޭނުންވާ ކަމެއް" އައިންތު ބުންޏެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުޅިވަރު ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައެވެ. މި ވަސީލަތްތަކާއެކު، ރާއްޖެއަކީ ސިއްހީގޮތުން ދުޅަހެޔޮ ރައްޔިތަކު ދިރިއުޅޭ ގައުމަކަށް ވެގެން ދިއުމަކީ ސަރުކާރުގެ އަމާޒެވެ.