ޚަބަރު

އެމެރިކާ ސިފައިން 23 އަހަރަށްފަހު ޢިރާޤުން ފައިބަނީ


އިރާޤުގައި ތިބި އެމެރިކާގެ ސިފައިންގެ ހުރިހާ މީހުން، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ޤައުމުން ފައިބާނެކަމަށް އެމެރިކާ އާއި އިރާޤުގެ ސަރުކާރުން ކަށަވަރުކޮށްދީފިއެވެ.

ވައިޓް ހައުސްގައި އިރާޤުގެ ބޮޑުވަޒީރު ޢަލީ އަލް ޒައިދީއާ އެކު ބޭއްވި ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އިރާޤުގައި އެމެރިކާގެ ސިފައިން އިތުރަށް ތިބެން ބޭނުންވާ ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. އަދި ތެޔޮ ކުންފުނިތަކާ އެކު އިރާޤުން ބާއްވާ ގުޅުން އިތުރަށް ބަދަހިވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިއީ އަސްކަރީ ބޭނުންތަކަށްވުރެ ބޮޑަށް، އިޤްތިޞާދީ ގޮތުން ބަދަހިވަމުން އަންނަ ވަރުގަދަ ގުޅުމެއް،" ޓްރަމްޕް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ އެހީތެރިވާން. ބޭނުންވެއްޖެ ޙާލަތެއްގައި ރައްކާތެރިކަން ވެސް ފޯރުކޮށްދޭނަން. ނަމަވެސް އެއީ މިހާރު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަކަށް ނުދެކެން."

އިރާޤުގެ ބޮޑުވަޒީރު އަލްޒައިދީ ވިދާޅުވީ، އަންނަ ސެޕްޓެމްބަރު 30 ގެ ނިޔަލަށް އިރާޤުގައި ތިބި އެމެރިކާގެ ސިފައިންގެ ހުރިހާ މީހުން އިރާޤުން ފުރާނެ ކަމަށެވެ. ނަމަވެސް، އެމެރިކާގެ ކުންފުނިތަކުން އިރާޤުގައި ކުރިއެކޭވެސް އެއްފަދައިން ޙަރަކާތްތެރިވަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ، އިރާޤުގައި ޙަރަކާތްތެރިވާ ދާޢިޝް ނިރުބަވެރި ޖަމާޢާތާ ދެކޮޅަށް މަސައްކަތް ކުރުމަށް 2024ވަނަ އަހަރު އިރާޤާ އެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަން ނިންމާފައިވާ ކަމަށެވެ.

އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ ދިފާޢީ ގުޅުން ބިނާވެފައިވަނީ ނިރުބަވެރިކަމުގެ ބިރުވެރިކަމުން އެއްކިބާވެފައިވާ، ސަލާމަތީ ގޮތުން ސުލްޙަވެރި މާޙައުލެއް ބިނާކުރުމުގެ މައްޗަށެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގައި އެކުލަވާލި މި އެއްބަސްވުމުގެ ދަށުން، އިރާޤުގައި ތިބި އެމެރިކާ ސިފައިންގެ ގިނަ މީހުން މިހާރު ވަނީ އެ ޤައުމުން ފައިބައިފައެވެ. އެމެރިކާއިން މިހާރު މަސައްކަތް ކުރަމުންދަނީ ދާޢިޝްއާ ދެކޮޅަށް ކުރާ މަސައްކަތުގެ ޒިންމާ، އެމެރިކާގެ ތަމްރީނު ލިބިފައިވާ އިރާޤުގެ އަސްކަރިއްޔާއާ ޙަވާލުކުރުމަށެވެ.

އެމެރިކާ ސިފައިން އިރާޤަށް ފުރަތަމަ އެރީ 2003 ވނަ އަހަރުގެ މާޗް މަހުގައެވެ. އެއީ އިރާޤުގެ އޭރުގެ ރައީސް ސައްދާމް ޙުސައިން، ފަނާކުރަނިވި ހަތިޔާރުގެންގުޅޭ ކަމަށް ބުނެ ލިބުނު ގޯސް މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ހިންގި އޮޕަރޭޝަނެކެވެ.

އޭގެ އަހަރުތަކެއް ފަހުން، އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވަނީ އިރާޤުގައި އެފަދަ ހަތިޔާރެއް ނެތް ކަމަށް އިޢުތިރާފުވެވަޑައިގެންފައެވެ.

ދިރާސާތަކުން ދައްކާގޮތުގައި 2003އިން 2011އަށް ކުރިއަށްދިޔަ ހަނގުރާމައިގެ ސަބަބުން ގާތްގަނޑަކަށް ބައި މިލިއަން މީހުން ވަނީ މަރުވެފައެވެ.

2007 ވަނަ އަހަރު އިރާޤުގައި އެމެރިކާ ސިފައިންގެ ޢަދަދު 170،000އަށް އެރިއެވެ. ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ބެރެކް އޮބާމާގެ ވެރިކަމުގައި އެމެރިކާ ސިފައިން ބޭލުމަށް ނިންމައި، 2011 ވަނަ އަހަރު އޭގެ ތެރެއިން ގިނަ ޢަދަދެއްގެ އެމެރިކާގެ ސިފައިންގެ މީހުން ވަނީ އަނބުރާ ގެންގޮސްފައެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ދާޢިޝްގެ ނުރައްކާ ބޮޑުވުމާ ގުޅިގެން، އިރާޤުގެ ސަރުކާރުގެ އެދުމުގެ މަތިން އެމެރިކާ ސިފައިން އަލުން އެ ޤައުމަށް އެނބުރި ދިޔައެވެ.

ދާޢިޝްގެ ބާރު ކަނޑުވާލުމަށްފަހު، އެމެރިކާ އާއި އިރާޤު ގުޅިގެން ހިންގި އަސްކަރީ އޮޕަރޭޝަންތައް 2021 ވަނަ އަހަރު ވަނީ ރަސްމީކޮށް ނިންމާލާފައެވެ. މިހާރު އިރާޤުގައި ތިބީ އެމެރިކާގެ ހަމައެކަނި އަސްކަރީ ލަފާދޭ މީހުންނާއި މަދު ޢަދަދެއްގެ ސިފައިން ހިމެނޭ ކުޑަ ޓީމެކެވެ.