ޚަބަރު

މެޗުގެ ކުރިން ފުލުހުންގެ އިލްތިމާސެއް


  • އުފާފާޅުކުރުމުގައި އަމާންކަން ގެއްލިދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައި

  • އެހެންމީހުންނަށް އިހްތިރާމް ގެއްލޭފަދަ އެއްވެސްކަމެއް މެޗު ފޯރީގައި ނުކުރުމަށް ފުލުހުންވަނީ އެދިފައި

ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލުގައި މިރޭ އިނގިރޭސި ވިލާތާއި އާޖެންޓީނާ ވާދަކުރާ ފޯރި ގަދަ މެޗަށް ވަގުތު ކުޑަތަންވަމުން އަންނައިރު، ކުޅިބަލާ ފަރާތްތަކުން އުފާފާޅުކުރުމުގައި އަމާންކަން ގެއްލިދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންގެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

ސަޕޯޓަރުންނަށް އިލްތިމާސްކޮށް މީސްމީޑިއާގައި ފުލުހުންގެ އިދާރާއިން ކޮށްފައިވާ ޕޯސްޓެއްގައި އެދިފައިވަނީ މިރޭގެ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، އުފާފާޅުކުރުމުގައި އެހެންމީހުންގެ ހައްގުތަކަށް އިހްތިރާމްކުރުމަށާއި، އަމާންކަށް ގެއްލިދާނެފަދަ އެއްވެސްކަމެއް ނުކުރުމަށެވެ.

މެޗު ކުރިއަށްދާ ވަގުތަކީ ރާއްޖެއަށް ދަންވަރުގެ ވަގުތުކަމުން އެއީ ގިނަބަޔަކު އަރާމު ނިދި ބޭނުންވާނެ ވަގުތެއްކަމަށްވުމުން، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކޮށް، ބާރަށް ލަވަޖަހާ، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ އެހެން ފަރާތްތަކަށް އުނދަގޫވާނެފަދަ ކަންކަމުން ދުރުހެލިވެ ތިބުމަށް ފުލުހުންގެ ޚިދުމަތުންވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އާންމު ސަރަހައްދުތަކުގައި ހުންނަ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނެހެން މަގު ބޭނުންކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އެގޮތުން މަގަށް ދަތިވާނެހެން ސައިކަލުތަކުގައި މަޑުކޮށްގެން މެޗު ބެލުމާއި މެޗު ނިމުމަށްފަހު އުފާފާޅުކުރުމަށް ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުންފަދަ ކަންކަން ނުކުރުމަށް ފުލުންވަނީ އެދިފައެވެ.


ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ މެޗުތައް ދެއްކުމަށް ގްރޭޓާ މާލެ ސަރަހައްދުގެ އެކި ހިސާބުތަކުގައި ސްކްރީންތައް ބެހެއްޓިފައިވާއިރު، މެޗުތައް ބެލުމަށް ގިނަ ބަޔަކު މި ސަރަހައްދުތަކަށް އެއްވާކަން ފާހަގަކުރެވެއެވެ. ވަކިން ޚާއްސަކޮށް އާޖެންޓީނާ ކުޅޭނަމަ މި ސަރަހައްދުތަކަށް އެއްވާ ސަޕޯޓަރުންގެ އަދަދު އިންތިހާއަށް އިތުރުވެއެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ބިދޭސީންވެސް ހިމެނޭއިރު، އެފަދަ ރޭރޭ އާޓިފިޝަލް ބީޗް ސަރަހައްދު ފުރިބާރުވާކަން ފާހަގަކުރެވެއެވެ.