ވިޔަފާރި

ރަށު މާރުކޭޓުގެ ގޮޅިތައް 42 ފަރާތަކަށް ކުއްޔަށް ދީފި


ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ރަށު މާރުކޭޓުގެ ގޮޅިތައް 42 ފަރާތަކަށް ކުއްޔަށް ދީފިއެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ވަނީ ގުރުޢަތުން ހޮވުނު 42 ފަރާތުގެ ނަން އިޢުލާންކޮށްފައެވެ.

ދިވެހި އުފެއްދުންތައް ވިއްކުމަށް ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ މި މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދޫކޮށްފައިވާއިރު މި މާރުކޭޓުގައި ޖުމްލަ 57 ގޮޅި ހިމެނެއެވެ. ގޮޅިތައް ދޫކޮށްފައިވަނީ ދެބަޔަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި މޭވާ ތަރުކާރީ އަދި ކާބޯތަކެތީގެ އުފެއްދުންތަކަށް ޚާއްސަ 37 ގޮޅިއާއި ރޯމަހުގެ ބާވަތްތައް ވިއްކުމަށް 20 ގޮޅި ހިމެނެއެވެ. މި ގޮޅިތަކުގެ ބޮޑުމިނުގައި 80 އަކަ ފޫޓު ހުރެއެވެ.

ހުޅުމާލެ ފެރީ ޓާރމިނަލް ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ މި ލޯކަލް މާރުކޭޓަކީ ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ދިވެހިން އުފައްދާ ކާބޯތަކެއްޗާއި ރޯމަހުގެ ބާވަތްތައް އާއްމުނަށް ފަސޭހަކަމާއިއެކު ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޤާއިމްކޮށްފައިވާ މާރުކޭޓެކެވެ.

މާރުކޭޓު ފަރުމާކޮށްފައިވަނީ މޭވާ އާއި ތަރުކާރީ އަދި އެހެނިހެން ދިވެހި އުފެއްދުންތައް ވިއްކުމަށް ޙާއްސަކުރެވިފައިވާ ގޮޅިތަކެއްގެ އިތުރުން، ރޯމަސް ވިއްކުމަށް ޙާއްސަ ގޮޅިތަކެއް ހިމެނޭގޮތަށެވެ.