ވިޔަފާރި

މަޓާޓޯއިން މޯލްޑިވްސް ފައިންޑަރގެ 7 ވަނަ އަދަދު ނެރެފި


މޯލްޑިވްސް ފައިންޑަރގެ 7 ވަނަ އަދަދު މަޓާޓޯއިން ނެރެފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯތެ ޓްރެވަލް ގައިޑް، މޯލްޑިވްސް ފައިންޑަރގެ 7 ވަނަ އަދަދު ނެރެފައިވަނީ، ދުބާއީގައި މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވަލް މާޓުގައެވެ.
މަޓާޓޯގެ މޯލްޑިވްސް ފައިންޑަރގެ 7 ވަނަ އަދަދު ރަސްމީކޮށް ނެރެދެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ޠައްޔިބު މުޙައްމަދެވެ.

މަޓާޓޯއިން އަންނަނީ މޯލްޑިވްސް ފައިންޑަރގެ އަދަދުތައް އެޖަމިއްޔާއިން ތަމްސީލްކުރަމުން އަންނަ ބައިނަލްއަޤްވާމީ ޓޫރިޒަމްގެ އެކި ފެއާތަކުގައި ބަހަމުންނެވެ. މޯލްޑިވްސް ފައިންޑަރގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތާއި، ރާއްޖޭގެ ސަޤާފަތާއި އާދަކާދައިގެ އިތުރަށް، އެއިރަކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި ފަތުރުވެރިން ބޭނުންވާނޭފަދަ އެންމެހާ މައުލޫމާތުތައް ހިމަނާފައި ވެއެވެ.

މޯލްޑިވްސް ފައިންޑަރ، މި މަޖައްލާ މަޓާޓޯގެ ޕާޓްނަރުންނާއި، މީޑިއާތަކާއި އެނޫންވެސް ކުންފުނިތައް މެދުވެރިކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް ބެހިގެންދާނޭކަމަށް މަޓާޓޯއިން ބުނެއެވެ. މަޓާޓޯއިން އެންމެ ފުރަތަމަ މޯލްޑިވްސް ފައިންޑަރގެ އަދަދެއް ނެރެފައިވަނީ 2011 ވަނަ އަހަރެވެ. މޯލްޑިވްސް ފައިންޑަރ އަކީ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށްޓަކައި މަޓާޓޯއިން ކޮންމެ އަހަރަކުވެސް ނެރެމުން އަންނަ މަޖައްލާއެކެވެ.