ސިޔާސީ

ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ބައްދަލުވުން ނިންމާލައިފި


ހޯމް މިނިސްޓްރީގެ އިސްނަންގަަވައިގެން ކުރިއަށްގެންދާ ޒިންމާދާރު ރައްޔިތަކު ބިނާކުރުމުގެ މަސައްކަތު ބައްދަލުވުންތަކުގެ ސިލްސިލާގެ 12 ވަނަ ބައްދުވުން ނިންމާލައިފިއެވެ. މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ބައްދަލުވުންތަކުގެ ތެރެއިން މިފަހަރުގެ ބައްދަލުވުން އަމާޒުކޮށްފައިވަނީ މާޅޮސްމަޑުލު އުތުރުބުރިއަށެވެ.

ޒިންމާދާރު ރައްޔިތަކު ބިނާކުރުމުގެ 12ވަނަ މަސައްކަތު ބައްދަލުވުން އޮތީ ރ.އުނގޫފާރުގައެވެ. މިބައްދަލުވުން ފަށްޓަވައި ދެއްވީ ހޯމްމިނިސްޓަރު އިމްރާން ޢަބްދުﷲއެވެ. މުޅި އަތޮޅަށް އަމާޒުކޮށް ދެދުވަހަށް ކުރިއަށް ގެންދިޔަ ބައްދަލުވުމަށް ހޫނު ތަރުހީބެއް ވަނީ ލިބިފައެވެ.

މި ބައްދަލުވުން ޝަރަފްވެރި ކޮށްދެއްވައި ހޯމްމިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މިއީ ޤައުމުގެ މުސްތަޤްބަލަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުމެއްކަމަށާ މިއީ ކޮންމެމީހެއްގެވެސް ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އިރުޝާދު ދިނުމުގެ ކްލާސްތަކެއް ކަމަށެވެ.

"ކޮންމެބޭފުޅަކު އެނބުރި ރަށަށްގޮސް އަޅުގަނޑުމެންގެ ހަޤީޤީ ޒިންމާއާ ދޭތެރޭ ވިސްނާ ފިކުރުކޮށް، ޤައުމުގެ ކޮންމެ ފަރުދަކާ ހަމައަށް އެޒިންމާ އަދާކުރުމުގެ މަސްޢޫލިއްޔަތު އަދާކޮށްދިނުމަށް އަޅުގަނޑުމެން ނިކުންނަންޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.

ތަފާތު ސެޝަންތަކުގެ މައްޗަށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ނޭޝަނަލް ޑްރަގް އެޖެންސީ، ޖުވެނައިލް ޖަސްޓިސް ޔުނިޓް، މިނިސްޓްރީ އޮފް ހެލްތް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ތަޖުރިބާކާރު ބޭފުޅުންވަނީ ކްލާސްތައް ނަންގައިވައިދެއްވާފައެވެ.

މި ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންގެ ފަރާތުން ވާހަކަ ދެއްކި މެމްބަރު ބުނީ
ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާ ނުހަނު ބޮޑު ނަމަވެސް ނޭންގުމެއްގެތެރޭގައި ކަނުއަނދިރީގައި ތިބި ކަމަށާއި އެހެން ކަމުން ޤައުމު އޮތް ޙާލަތާއި ފަރުދީ ޒިންމާގެ މުހިންމުކަމާއި ބޭނުންތެރިކަން މި ބައްދަލުވުމުގެ ތެރެއިން ދަސްވެގެންދިޔަކަމަށެވެ.

"ހުކުރު ހުތުބާތަކުންވެސް އަޑު އިވެނީ ކޮންމެ މީހަކީވެސް ޒިންމާދާރުވާން ޖެހޭ ވާހަކަ. ނަމަވެސް އަޅުގަނޑުމެން މިތިބީ އަނދިރީގައި. ކުރަން އޮތް މަސައްކަތާއި އަދާ ކުރަންޖެހޭ ޒިންމާ އެހާ ގިނަ. އެންމެ ތަންފުކެއްވެސް ދޫކޮށްލެވޭކަށް ނެތް. ޤައުމުގެ ހާލަތު އޮތް ހިސާބު ތަސައްވަރު ކުރެވިގެން ހިނގައްޖެ." އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ އަތޮޅު ތެރޭގައި އަމާންވެއްޓެއް ޤާއިމް ކުރުމާއި، ރައްޔިތު މީހާ އަކީ ޒިންމާދާރު މީހަކަށް ހެދުމަށް މަސައްކަތް ކުރުމާއި، ފަރުދީ ޒިންމާ ނަގަން ހިތްވަރު ދިނުމުގެ އިތުރުން ޒިންމާދާރު ގޮތެއްގައި ރަށާއި އަތޮޅު ފެންވަރުގައި މަސައްކަތްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އުނގޫފާރުގައި ނިމިގެންދިޔަ ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ މަސައްކަތު ބައްދަލުވުން އަމާޒުކޮށްފައި ވަނީ، އަތޮޅާއި ރަށު ކައުންސިލް މެމްބަރުންނާއި ޒިންމާދާރު ވެރިންނާއި ހަރަކާތްތެރި ޖަމްއިއްޔާތަކާއި، ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނާއި މަދަރުސާތަކުގެ ވެރިންނާއި ޓީޗަރުންނަށެވެ. މީގެ އިތުރުން ސަރުކާރާއި އަމިއްލަ ބައެއް މުއައްސަސާތަކުންވެސް ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.