ސިޔާސީ

މަސްތުވާތަކެތި އެތެރެކުރުމާއި ބޭނުންކުރުން ހުއްޓުވުމާ ގުޅޭގޮތުން ސިންގްޕޫރުގެ ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކޮށްފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ސިންގަޕޫރުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯއާއި އެޤައުމުގެ ޕްރިޒަން ސަރވިސްގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިހާރު ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ނާއިބު ރައީސް ވަނީ މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި އެތެރެކުރުމާ ދެކޮޅަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ސިންގަޕޫރުގެ އޮފިޝަލުން ވަނީ އެޤައުމުގެ ޕްރިޒަން ރިހެބިލިޓޭޝަން ޕްރޮގްރާމާ ބެހޭ މަޢުލޫމާތު ނާއިބްރައީސާއި ހިއްސާކުރައްވާފައެވެ. އެގޮތުން މި ޕްރޮގްރާމްގައި އެންމެ އިސްކަމެއް ދެނީ ޤައިދީން މިނިވަންވުމަށްފަހު އެމީހުން މުޖުތަމަޢަށް ނުކުންނައިރު އެމީހުންނަކީ ޒިންމާދާރު ބަޔަކަށްވެ، ވާޒީފާ ލިބުމަށް މަގުފަހިވެ، އާމްދަނީ ލިބޭނެ ފަދަ ހުނަރުތަކެއް ދަސްކޮށްދިނުމަށްކަން ސިންގަޕޫރުގެ އޮފިޝަލުން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސިންގަޕޫރުގެ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުވެސް ބައްލަވާލައްވާފައެވެ.

ޒުވާނުންގެ މެދުގައި މަސްތުވާތަކެތި ބޭނުން ކުރުން ރާއްޖޭގައިވެސް އިތުރުވަމުންދާކަމަށް ސަރުކާރުން ފާހަގަކުރެއެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި އެހެނިހެން އިޖުތިމާޢީ މައްސަލަތައް ގިނަވަމުން އަންނަކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ހައްލުކުރުމުގެގޮތުން ސަރުކާރުން ގެންދަނީ ކަމާގުޅުންހުރި ޤާނޫނުތައް ތަންފީޒުކުރުން ހަރުދަނާކޮށް ސިންގަޕޫރު ފަދަ ބޭރު ޤައުމުތަކުގެ މާހިރުންގެ ލަފަޔާއެކު ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ރާއްޖޭގައިވެސް ހިންގަމުންނެވެ.