ޚަބަރު

ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް؛ ވިޔަފާރި ފުޅާކުރުމަށް މަޝްވަރާ


  • ފޯރަމް އޮންނާނީ މިމަހުގެ 23 އިން 25 އަށް ބާސެލޯސް ނަސަންދުރާގައި

  • މިއަހަރުގެ ފޯރަމްގައި 30އަށް ވުރެ ގިނަ ޤައުމުން ބައިވެރިވާނެ

ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ގިނަ ފައިދާތަކެއް ވެގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި ތަފާތު ދާއިރާތައް، ޚާއްސަކޮށް އެޤައުމުތަކުގެ ވިޔަފާރިތަކާއި މަދަނީ ޖަމްޢިއްޔާތަކާއި އެހީ ފޯރުކޮށްދޭ ޤައުމުތަކާއި ޖަމްޢިއްޔާތަކާއި ދިރާސާވެރިންނާއި އެހެނިހެން ދާއިރާތަކުގެ ކަމާގުޅޭ ފަރާތްތަކުގެ ޙިއްސާ އިތުރުކުރުމަށް ބާއްވާ ފޯރަމެކެވެ.

މި ފޯރަމްގެ ތެރެއިން އެޤައުމުތަކުގައި ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމާއި އެޤައުމުތަކުގައި އިންވެސްޓްކުރުމަށާއި ކުރާ އިންވެސްޓްމަންޓްތައް ދެމެހެއްޓުމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް ތަޖުރިބާ ޙިއްސާކުރާނެއެވެ. މި ފޯރަމް ބާއްވަނީ ކޮންމެ ދެ އަހަރުން އެއް އަހަރު ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ޤައުމެއްގައެވެ.

މި ފޯރަމް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވެގެންދިޔައީ 2024 ވަނަ އަހަރު އެންޓީގާ އެންޑް ބާބޫޑާގައި ބޭއްވި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިސްނަންގަވައި، ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި ގުޅުންތައް ބަދަހިކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް، އަދި ވަކީން ޚާޢްސަކޮށް ތަރައްޤީއަށް ބޭނުންވާ މާލީ ވަޞީލަތްތައް ހޯދުމަށް، އިތުރު މަސައްކަތްތަކެއް ކުރެއްވުމަށް ބާރުއެޅުއްވި އެޅުއްވުމުގެ ތެރެއިންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް އަޙްމަދު ވިދާޅުވީ، މިއީ ރާއްޖެއަށް އެއްގޮތައްވުރެ ގިނަ ގޮތުން ފައިދާ ކުރާނެ ފޯރަމެއްކަމަށެވެ. މި ފޯރަމްގެ ސަބަބުން ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ ދައުރު ވަރުގަދަވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ ފޯރަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

"މީގެތެރޭގައި ވަރަށް ރަނގަޅު ފުރުޞަތު އެބަހުރި އަޅުގަނޑުމެންނަށް އިންވެސްޓަރުން ހޯދިދާނެ. އަޅުގަނޑުމެންގެ ހުރި މުހިންމު ވަރުގަދަ ޕްރޮޖެކްޓްތަކަށް ހަމަ ރަނގަޅު އަގުތަކުގައި ރަނގަޅު ގޮތްގޮތުގައި އިންވެސްޓަރުން ލިބުމުގެ ފުރުސަތު މީގެތެރެއިން އަޅުގަނޑުމެންނަށް ލިބޭނެ." މުޙައްމަދު ޠާރިޤް އަޙްމަދު ވިދާޅުވިއެވެ.

މިއަހަރު ރާއްޖޭގައި ބޭއްވާ ފޯރަމް ތިން ގޮތަކުން ޚާއްސަވެއެވެ. އެއީ މިއީ ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމްގެ ގޮތުގައި މިފޯރަމް ބާއްވާތާ 10 އަހަރު ފުރޭ އަހަރުކަމަށްވާތީއެވެ. އަދި މިއީ 2024ވަނަ އަހަރު އެންޓީގާ އެންޑް ބާބިއުޑާގައި ބޭއްވުނު ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ބައްދަލުވުމުގައި ފާސްކުރި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ 10 އަހަރުގެ ތަރައްޤީގެ ތަޞައްވުރު "އެންޓީގާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އަބާސް)" ފާސްކުރުމަށްފަހު ބޭއްވޭ މިފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމްއެވެ. އަދި އަބާސްގެ ދަށުން ހިންގުމަށް ނިންމާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ އައިލެންޑް އިންވެސްޓްމަންޓް ފޯރަމް ސިލްސިލާ އިފްތިތާޙު ކުރެވިގެންދަނީ މި ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމްގެ ތެރެއިންކަމަށްވުމެވެ.

ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026 އާއި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އިން 25 އަށް ބާސެލޯސް ނަސަންދުރާގައެވެ. މިއަހަރުގެ ފޯރަމްގައި 30އަށް ވުރެ ގިނަ ޤައުމުގެ ސަރުކާރުތަކުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ވިޔަފާރިވެރިންގެ ޖަމިއްޔާތަކާއި އިންވެސްޓަރުންނާއި މަދަނީ ޖަމިއްޔާތަކާއި ޢިލްމީ އަދި ދިރާސާކުރާ ފަރާތްތައް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.