ޚަބަރު

ތިން އަހަރުގެ ޗެމްޕިއަން ޖޯލި ބީން ކަޓުވާލާ, ކުޑަފުށި ލީގު ބުރަށް!


  • ލީގު ބުރު މިރޭ ފަށާނެ

ރ.މީދޫގައި އެކުވެރި ކްލަބުން ބާއްވާ އިންޓަރ ރިސޯރޓް އިތާ ވޮލީބޯޅަ މުބާރާތުގެ ތިން އަހަރުގެ ޗެމްޕިއަން ޖޯލި ބީން ކަޓުވާލުމަށްފަހު ކުޑަފުށި ލީގު ބުރަށް ދަތުރުކޮށްފިއެވެ.

ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ކުޑަފުށިން ޖޯލި ބީން ބަލިކުރީ ސީދާ ތިން ސެޓުންނެވެ. ގައުމީ ޓީމްގެ ކުރީގެ ކޯޗު މުޙައްމަދު ޝަރަފްގެ އިރުޝާދުގެ ދަށުން ކުޅޭ ޖޯލި ބީން މުބާރާތުން ކެޓީ މޮޅެއް ނުލިބިއެވެ. މޮޅުވާން މަޖުބޫރު މެޗުގެ ސެޓްތައް ގެއްލުނީ 25-18, 25-16 އަދި 25-18 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކުޑަފުށީގެ އުދަޔަންގާ އެވެ.

ލީގު ބުރުގައި ވާދަކުރަނީ ގްރޫޕް ސްޓޭޖްގެ ގަދަ ހަތަރު ޓީމެވެ. އެއީ ކޮންމެ ގްރޫޕަކުން ދެޓީމެވެ. ލީގު ބުރުގެ ފުރަތަމަ މެޗުގައި މިރޭ ވާދަކުރާނީ މާލެ އަތޮޅުން ރ.އަތޮޅަށް ގޮސް އޮތް ބަނޑޮހާއި, ކުޑަފުށްޓެވެ. މިދެޓީމްގެ އިތުރުން ލީގު ބުރުގައި ވާދަކުރާނީ ކޯރާ ކޯރާ މޯލްޑިވްސް އާއި ދަ ސްޓެންޑާޑް އެވެ.

މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ލީގު ބުރުން ކުރި ހޯދާ ދެޓީމެވެ. ފައިނަލް މެޗު ކުޅޭނީ މިމަހުގެ 28 ވަނަ ދުވަހުގެ ރެއެވެ.