ޚަބަރު

ފަތުރުވެރިކަން މިއަހަރުގެ އަމާޒާ ދިމާލަށް


ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލިކަމާއި ނުތަނަވަސްކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު މިދިޔަ ދެތިން އަަހަރު ފެނުނީ ކުރިނާރާ އޮތްތަނެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބަށްފަހު އެ މަންޒަރު މިވަނީ ބަދަލުވާން ފަށާފައެވެ. އެކަން އެންމެ ބޮޑަށް ފެންނަ ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަ ބަދަލުތަކާއި ފަތުރުވެރިން އަންނަ ކުރިއެރުންތަކުންނެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގައި އެންމެބޮޑު ޙިއްސާއެއް އަދާކުރާ ސިނާއަތެވެ. އަހަރަކަށްވުރެ އަހަރެއް ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. މިއަމާޒަށް ވާސިލްވެވޭނެކަމުގެ އުންމީދުވެސް ވަރަށްބޮޑެވެ.

މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުން ހިފާފައިވާ އަމާޒަށް ވާސިލްވެވޭނެކަމުގެ އުންމީދު ބޮޑުވެފައިވަނީ ޓޫއަރިޒަމް މިނިސްޓްރީން އެންމެ ފަހުން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގެ ނަތީޖާއިންނެވެ.

އެމިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިވެހިރާއްޖެއަށް ވަނީ، 482978 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ފުރަތަމަ ކުއާޓަރުގައި މިހައި ބޮޑު ޢަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމަކީ ހެޔޮ ފާލެކެވެ. މިއަހަރުގެ ޖެނުއަރީ މަހު 151،552 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރިއިރު މިއީ 2018 ވަނަ އަހަރުގެ މުއްދަތާ އަޅާބަލާއިރު %6.5 ކުރިއެރުމެކެވެ. ފެބްރުއަރީ މަހު ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ ޢަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު ވަނީ %16.8 އަށް އިތުރުވެފައެވެ. ފެބުރުއަރީމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު އުޅެނީ، 168،583 ގައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ފަތުރުވެރިން އެންމެ ގިނައިން ޒިޔާރާތްކޮށްފައިވަނީ މާޗް މަހުގައެވެ. އެއީ 162،843 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މާޗްމަހު ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންނާއި އަޅައިބަލާއިރު %22 އިތުރު އަދަދެކެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް 482،978 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިތުރަށް 1،017،022 ފަތުރުވެރިން ޒިޔާރަތްކުރުމުން 1.5 މިލިއަން ހަމަވާނެއެވެ. މިއީ ކޮންމެ ކުއާޓަރަކަށް 339،008 ފަތުރުވެރިންގެ މިންވަރެކެވެ. ކުރިއަށްއޮތީ ފަތުރުވެރިކަމުގެ ހައި ސީޒަންކަމުން ބޭނުންވާ ޢަދަދު ހާސިލްކުރެވޭނެކަމުގެ އުންމީދުބޮޑެވެ.

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 1،484،274 އެވެ. 2017 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު އުޅެނީ 1،389،542 ގައެވެ. އެހެންކަމުން މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދަށް ވަނީ އެހެން އަހަރުތަކާއި އަޅާބަލާއިރު ބޮޑު ކުރިއެރުމެއް އައިސްފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު، ފަތުރުވެރިކަން އިސްތިހާރުކުރުމަށް ވަރުގަދަ ކެންޕެއިންތަކެއްވެސް އަންނަނީ ހިންގަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ)އިން މިއަހަރު ބައިނަލްއަޤްވާމީ 22 މާކެޓެއްގައި ރާއްޖެ އިސްތިހާރު ކުރާނެއެވެ. މި 22 މާކެޓްގައި ކުރިއަށްދާ ފަތުރުވެރިކަމުގެ 21 ފެއަރއެއްގައި ރާއްޖެއިން ބައިވެރިވާއިރު، 18 ރޯޑް ޝޯވްއެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި 22 ޤައުމަކުން ނޫސްވެރިންގެ ޓީމްތައް ރާއްޖެ ގެނެސް ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތު ދިނުމަށްވެސް ވަނީ ރާވާފައެވެ. މީގެތެރެއިން 2 ޤައުމެއްގެ ނޫސްވެރިން މިހާރު ވަނީ ރާއްޖެ އައިސްފައެވެ. އެއީ އިންޑިއާ އާއި ސްޕެއިންގެ ނޫސްވެރިންނެވެ.

މި ސަރުކާރުން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ހަރުދަނާކޮށް، އިސްތިހާރުކުރުމަށްކުރާ ޚަރަދު 3 ގުނައަށް އިތުރުކޮށްފައެވެ. ދިވެހި ސަރުކާރާއި ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކާއިއެކު ފަތުރުވެރިކަމުގެ އަމާޒަށް ވާސިލްވެވޭނެކަމުގެ އުންމީދު ބޮޑުކަމަށް ދާއިރާގެ އިސްފަރާތްތަކުން ދެކެއެވެ.