ކުޅިވަރު

ޑޮންނަރޫމާ ޓީމުން ބޭރުކޮށްލީ އަހަރެން: އެންރީކޭ


ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރޫމާ ޓީމުން އުނިކުރީ އޭނާ ކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ހުސްވި ސީޒަނުގައި ފްރާންސް ލީގާއި ފްރާންސް ކަޕް އަދި ޗެމްޕިއަންސް ލީގު ހޯދައިދިން ކީޕަރާ ބެހެ ގޮތުން އެންރީކޭ މިހެން ބުނީ ޕީއެސްޖީން ޑޮނަރޫމާ ދޫކޮށްލަން ނިންމުމާ ގުޅިގެންނެވެ. އަދި ސުޕަކަޕްގައި ޓޮޓެންހަމާ ދެކޮޅަށް ކުޅެން ނެގި ސްކޮޑުގައި އޭނާ ނުހިމެނި ސަބަބާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

"އޭނާ ޓީމުގައި ނުހިމެނީ އަހަރެން. އެކަމުގެ ފުރިހަމަ ޒިންމާ އަހަރެން ނަގަން. ޑޮނަރޫމާ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ގޯލްކީޕަރު. އެކަމަކު އަހަރެން ތަފާތު ހިޔާލަކަށް މަސައްކަތް ކުރަން ބޭނުން. އޭނާ އަށް އަހަރެން އެދެނީ ކާމިޔާބު،" އެންރީކޭ ބުންޏެވެ.

މިކަމާ ބެހޭ ގޮތުން ޑޮންނަރޫމާ ބުނީ ކޮންމެ ވެސް މީހަކު އޭނާ ކުލަބުގައި ހުންނަން ބޭނުންނުވަނީ ކަމަށެވެ. އަދި އޭނާގެ އެޖެންޓް ބުނީ ކުއްލި ގޮތަކަށް ޕީއެސްޖީން ކަންކަންކުރި ގޮތުން ވަރަށް ބޮޑަށް ހައިރާންވެއްޖެ ކަމަށެވެ.

"ޕީއެސްޖީން ކަންކަންތައް ކުރީ އެއްގޮތަކަށް ވެސް ރަނގަޅު ގޮތަކަށްނޫން. ވަރަށް ކުއްލި ގޮތަކަށް މި އެނގުނީ އެ މީހުން ޓީމު ލިސްޓުގައި އޭނާގެ ނަން ނުޖަހާ ކަމަށް. ހަގީގަތުގައި ކުލަބުން ކަންތައްތައް ކުރީ ވަރަށް ބޭ އިހްތިރާމްކޮށް. މި އަށްވުރެ ރީތި ކޮށް ވެސް ކަންކަން ކުރެވޭނެ،" އެޖެންޓް ބުންޏެވެ.
އޭނަ އަދި ބުނީ ޑޮންނަރޫމާ ޕީއެސްޖީ އަށް ކުޅުނޫ ވަރަށް ކުޅޭ ހިތުން، އެއްވެސް މައްސަލަ އެއް ނެތި ކަމަށާއި ކުލަބު ވޯލްޑް ކަޕަށް ފަހު މައްސަލަ ޖެހުނީ ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާ އިން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑޮނަރޫމާ އާއި ޕީއެސްޖީ މައްސަލަ ޖެހުނީ ކޮންޓްރެކްޓް އައު ކުރުމުގަ އެވެ. އޭނާ އަކީ އެ ކުލަބުގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާ އެވެ. ނަމަވެސް ޕީއެސްޖީން މިހާރު ބޭނުންވަނީ 26 އަހަރުގެ ޑޮންނަރުންމާއާ އެކު ކުރިއަށް ދިއުމުގެ ކުރިން އެ ކުލަބުގެ ޕޮލިސީތަކަށް އޭނާ އެއްބަސްވުމަށެވެ. މި ގޮތުން ފުރަތަމަ ކަމަކީ އެ ކުލަބުގެ އައު މުސާރައިގެ އޮނިގަނޑަށް ޑޮންނަރުންމާ އެއްބަސްވުމެވެ. އޭނާގެ ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ އަހަރެކެވެ. މި އެއްބަސްވުން އައު ކުރަން ދެ ފަރާތުން މިހާތަނަށް ދެއްކި ވާހަކަތަކަށް ކޮޅެއްގައި ނުޖެހި އޮތީ ވެސް އައު މުސާރައިގެ އޮނިގަނޑަށް ޑޮންނަރުންމާ އެއްބަސް ނުވާތީ އެވެ. ސަބަބަކީ އެ އޮނިގަނޑުގެ ދަށުން އޭނާ އަށް މިހާރު ލިބޭ މުސާރަ ބޮޑުތަކުން ކުޑަވާނެތީ އެވެ.

މި ހިޔާލު ތަފާތުވުންތަކުގައި ޕީއެސްޖީން ވަނީ ފްރާންސްގެ ލިލްއަށް ކުޅޭ ކީޕަރު ލޫކަސް ޝިވަލިއާ ގެނެސްފަ އެޗެ. އަދި ސުޕަކަޕް ކާމިޔާބު ކުރި މެޗުގައި ކުޅުނީ ވެސް ޝިވަލިއާ އެވެ. އޭނާ ގެނައީ 40 މިލިއަން ޑޮލަރު ދީފަ އެވެ. މީގެ އިތުރުން ވެސް ބައެއް ކީޕަރުން ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ޑޮންނަރޫމާ އަށް ޝައުގުވެރިވާ ކުލަބުތަކުގެ ތެރޭގައި އޭނާގެ ގައުމު އިޓަލީ އާއި އިނގިރޭސިވިލާތުގެ ކުލަބުތައް ހިމެނެ އެވެ. އިޓަލީގެ އިންޓަމިލާނުން އޭނާ އަށް ޝައުގުވެރިވި ނަމަވެސް މިހާތަނަށް ބިޑެއް ނުކުރެ އެވެ. އިނގިރޭސިވިލާތުން މިކަމާ އުޅެނީ މެންޗެސްޓާ ގެ ދެ ކުލަބެވެ. މީގެ ތެރެއިން މެންޗެސްޓާ ޔުނައިޓެޑުން އޭނާ ގަތުމަށް ޕީއެސްޖީއާއެކު ވަނީ މަޝްވަރާކޮށްފަ އެވެ. ނަމަވެސް ކުޅުންތެރިޔާގެ މުސާރަ ބޮޑުވުމާއި އޭނާ ވިއްކަން ޕީއެސްޖީ ކިޔާ އަގު 50 މިލިއަން ޔޫރޯ އަށް ވުރެ މަތިވާތީވެ މި ވާހަކަތައް ވަނީ މަޑުޖެހުން އައިސްފަ އެވެ.

އޭނާގެ އެޖެންޓް ބުނީ އިޓަލީގެ އެއްވެސް ކުލަބަކާ ވާހަކަ ނުދައްކާ ކަމަށާއި ކުޅުންތެރިޔާގެ ވިސްނުމަކީ އިނގިރޭސި ލީގުގައި ކުޅެން ބަދަލުވުން ކަމަށެވެ.