ތަރައްްޤީ

ނޮޅިވަރަންފަރަށް ބަދަލުކުރި މީހުންނާ ދޭތެރޭގައި ވަނީ އިހުމާލުވެފައި - މިނިސްޓަރ އާތިފާ


އިޖުތިމާޢީ މިންގަނޑަކުން ނޮޅިވަރަންފަރުގެ ރައްޔިތުންނާ ދޭތެރޭގައި ކުރީގެ ސަރުކާރުން ވިސްނާފައިނުވާކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.

ނޮޅިވަރަންފަރުގައި ޢިމާރާތްކުރާ ހައުސިންގ ޔުނިޓުތަކުގެ މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު އާތިފާ ވިދާޅުވީ ނޮޅިވަރަންފަރުގެ ހައުސިންގ މައްސަލައަކީ 7 އަހަރުވެފައިވާ މައްސަލައެއް ކަމަށްވާއިރު އެއީ ކުރީގެ ސަރުކާރުތަކުން އިހުމާލުވެފައިވާ މައްސަލައެއްކަމަށެވެ. ނޮޅިވަރަންފަރަށް 2011 ވަނަ އަހަރު 181 އާއިލާއެއް ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް މިހާތަނަށްވެސް މި އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައެއްނުވެއެވެ. މިނިސްޓަރ ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ނޮޅިވަރަންފަރަށް ބަދަލުކުރި ޢާއިލާތަކާއި ދޭތެރޭގައި އެއްވެސް ވަރަކަށް ވިސްނާފައިނުވާކަމަށެވެ.

ކުރީގެ ސަރުކާރުތަކުން އިހުމާލުވެފައިވަނީ އަސާސީ ވަރަށް ބޮޑު ކަމަކަށް ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލައަކީ ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ކުރީގެ ހައުސިންގ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށާއި އެހެންނަމަވެސް އެކަމަށް ޖަވާބު އޭރުގެ މިނިސްޓްރީގެ ދީފައިނުވާކަމަށް ހައުސިން މިނިސްޓަރ އާތިފާ ވިދާޅުވިއެވެ.

ހދ.ފެރިދޫ، ކުނބުރުދޫ އަދި މާބައިދޫއިން ނޮޅިވަރަންފަރަށް ބަދަލުވި ޢާއިލާތަކުގެ ތެރެއިން ގެދޮރުވެރިކަން ލިބިފައިނުވާ 53 ޢާއިލާއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންދަނީ 27 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫޢެއް އެކަމަށް ޚާއްސަ ބަޖެޓެއް މެދުވެރިކޮށް ކުރައްވަމުންނެވެ. ހައުސިންގ މިނިސްޓްރީން މިމަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށްވަނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި މެރިސް ކޮންސްޓްރަކްޝަން ގުޅިގެން އުފައްދާފައިވާ ޖޮންޓްވެންޗަރ ކުންފުންޏަކާއި ޙަވާލުކޮށްފައެވެ. މިއެއްބަސްވުމުގައި އެދެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސަޢުދުﷲ ޙިލްމީއާއި މުޙައްމަދު ސަޢީދެވެ. މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޚާލިސް ޝަރީފެވެ.

މިމަޝްރޫޢޫގެ އިތުރުންވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 1500 ހައުސިންގ ޔުނިޓުއެޅުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކޮށްގެން އެމަސައްކަތްކުރިއަށްދާކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި މިމަސައްކަތަށް 127 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.