އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީން ބަލައި ނިންމާފައިވާ މައްސަލަތަކުން އެކަނިވެސް ދައުލަތަށް 3.5 ބިލިއަން ރުފިޔާ ލިބެންޖެހޭ ކަަމަށް އެ ކޮމިޝަންގެ ނާއިބް ރައީސް މުއައްވިޒު ރަޝީދު ވިދާޅުވެއްޖެއެވެ.
ޤައުމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭސީސީގެ ނާއިބް ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، އެކޮމިޝަނުން ބެލި މައްސަލަތަކުން އެކަނިވެސް ދައުލަތަށް 3.5 ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށެވެ. އަދި ކޮރަޕްޝަނުގެ ސަބަބުން ގެއްލޭ މުދަލާއި ފައިސާ ހޯދުމަށް ހަރުދަނާ ނިޒާމެއް ޤާއިމްކުރަން ޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މުއައްވިޒު ވިދާޅުވީ ކޮމިޝަންތަކުން ދިރާސާތައް ހެދުމަށް މައުލޫމާތު ހޯދުމުގައި ދައުލަތުގެ އިދާރާތަކުން ބައެއް ފަހަރު އެހީތެރިކަން ނުލިބޭ ކަމަށާއި މިފަދަ ގޮންޖެހުންތަކާއިއެކުވެސް ބައެއް ކަހަލަ ބައެއް ދިރާސާތައް ހެދުމަށްފަހު ކަންކަން ރަނގަޅުކުރުމަށް އެންގުމުންވެސް އެކަށީގެންވާ ރަނގަޅު ގޮތުގައި އެކަން ނުކުރާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ކޮރަޕްޝަނަށް މަގުފަހި ނުވާ ގޮތަށް ބައްޓަން ކުރެވޭނީ ދެފުށް ފެންނަ ގޮތަކަށް އިދާރާތަކުގެ މަސައްކަތްތައް ފަރުމާކުރެވިގެން." މުއައްވިޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު އުފެއްދުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ. އެގޮތުން ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު ދެފުށް ފެންނަ ގޮތެއްގައި މުއައްސަސާތަކުގެ ހިންގުން ބައްޓަން ކުރަން ޖެހޭ ކަމަށް މުއައްވިޒް ވިދާޅުވިއެވެ.
"ކޮރަޕްޝަން ވަކިތަކުން އެއްވެސް ޤައުމެއް ސަލާމަތް ކުރުމަކީ ފަސޭހަ ކަމެއް ނޫން. ކޮރަޕްޝަނުގެ އަމަލުތައް ހޯދައި ބަލައި ފިޔަވަޅު އެޅުމަކީ ހުރިހާ ޤައުމަކަށްވެސް ކުރިމަތިވެފައިވާ ގޮންޖެހުމެއް" އޭނާ ވިދާޅުވިއެވެ.
އޭސީސީން ތަހުގީގުކުރާ މައްސަލަތަކުގެ ތެރެއިން ދައުލަތުގެ ހިއްސާވާ ކުންފުނިތަކުގެ މައްސަލަތައް ގިނަ ކަމާއި އެމައްސަލަތަކުގެ ސީރިއަސްކަން މުއައްވިޒް ވަނީ ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތަކީ އޭސީސީގެ މަސައްކަތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.