ރިޕޯޓް

"ދިވެހިންގެ ތަރިކަ" ހޭޝްޓެގާއެކު އާޘާރުތަކަށް އޮތް ލޯބި ސޯޝަލް މީޑިއާއަށް!


ކޮންމެ ޤައުމެއްގައިވެސް އާސާރީ ތަންތަނަކީ އެ ޤައުމެއްގެ ތާރީޚާއި ސަޤާފަތާ ގުޅިފައިވާ މުހިއްމު ތަރިކައެކެވެ.

އެތަންތަން ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ އެ ޤައުމެއްގެ ޤައުމިއްޔަތުގެ ޤައުމީ ވާޖިބެކެވެ. އެފަދަތަންތަން ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ. ދިވެހިރާއްޖެއަށް ބަލާނަމަ، ލިޔެވިފައިއޮތް މާ ދިގު ތާރީޚެއް ނެތްނަމަވެސް، ފެންނަންހުރި އާސާރީ ބިނާތަކާއި ލިބެންހުރި އާސާރީ ލިޔެކިޔުންތަކަށް ބަލާނަމަ ރާއްޖެއަކީވެސް މުއްސަނދި ތާރީޚަކާއި ސަޤާފަތެއް އޮތް ޤައުމެކެވެ. ދިވެހިންގެ މަސައްކަތްތެރިކަމާއި ފަންނުވެރިކަން ރާއްޖޭގެ އެތަން މިތަނުން މިހާރުވެސް ފެންނަން އެބަހުއްޓެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މިފަދަ ތަންތަން ރައްކާތެރިކޮށް ޙިމާޔަތްކުރުމަށްޓަކާ އެދެވޭ މަސައްކަތްތަކެއް ނުކުރެވޭކަން މިއީވެސް ފެންނަން އޮތް ހަޤީޤަތެކެވެ.

ގަސްތުގައިވިޔަސް ނުވަތަ ނޭނގިނަމަވެސް މިފަދަ ބައެއް އާސާރުތަކަށް ގެއްލުންދީ ނުވަތަ ހަލާކުކޮށްލާފައިވެސް އެބަހުއްޓެވެ. މިކަންކަމުގެ ނަތީޖާއެއްގެގޮތުން ރާއްޖޭގައިހުރި އާސާރީ ބައެއް ތަންތަން ހަލާކުވެ ނެތިގޮސްފައިވާއިރު، އެފަދަ ތަންތަނާއިބެހޭ މަޢުލޫމާތު ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރެވިފައި ނެތްކަންވެސް ފާހަގަކޮށްލަންޖެހެއެވެ. އެހެންކަމުން އާސާރު ޙިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގައި ފަރުދީ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކަކާމެދު މިވަނީ ވިސްނަންޖެހިފައެވެ.

ރާއްޖޭގެ ތާރީޚީ ތަންތަނާއި ތަކެތި ޙިމާޔަތްކުރުމަށް ވަކި ވުޒާރާއެއް އުފެއްދުން މިއީ މިކަމަށް އެޅިގެންދިޔަ ހަރުދަނާ ފިޔަވަޅެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގެން، ރާއްޖޭގެ އާސާރީ ތަންތަނާއި ތަކެތި ޙިމާޔަތްކުރުމަށް ކުރައްވަމުން އަންނަ މަސައްކަތްތަކަށް ޤާނޫނީ ބާރުވެރިކަން ހޯއްދަވައިދެއްވުމުގެ މަސައްކަތް މިހާރު ވަނީ ފަށްޓަވާފައެވެ. މިފަދަ ތަންތަން ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ކުރާ މަސައްކަތަށް ލިބިގެންދާނެ ބޮޑުކުރިއެރުމެއް ވެސް މެއެވެ. މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ނަމުގައި ޚާއްސަ ވުޒާރާއެއް އުފައްދަވައި ދިވެހިންގެ މާއްދީ އަދި މަޢުނަވީ ތަރިކަ ރައްކާތެރިކުރުމަށް ޚާއްސަ އިސްކަމެއްދެއްވައިގެން މިވަނީ މަސައްކަތްތަކެއް ފަށާފައެވެ.

ރާއްޖޭގެ އާސާރުތައް ޙިމާޔަތްކޮށް، ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހެރިޓޭޖް މިނިސްޓްރީންވަނީ ތަފާތުކަމެއް ފަށާފައެވެ.

ދިވެހިންނަކީ ސޯޝަލް މީޑިއާއަށް މިހާރު ވަރަށްވެސް ފަރިތަ ބައެކެވެ. ސޯޝަލް މީޑިއާގެ ތެރެއިން ދިވެހިންގެ މެދުގައި އާސާރުތަކަށް ދެވޭ އަޙައްމިއްޔަތުކަން އިތުރުކުރުމުގެ ގޮތުން "ދިވެހިންގެ ތަރިކަ" މި ނަމުގައި ހޭޝްޓެގް ބޭނުންކޮށްގެން މީސްމީޑިއާގައި ފޮޓޯ ޙިއްސާކުރުމަށް އެ މިނިސްޓްރީން އާއްމުންގެ ފަރާތުން އިލްތިމާސްކޮށްފައިވަނީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހެވެ.

މިއާއެކު ރާއްޖޭގެ އެތަން މިތަނުގައި ހުރި އާސާރުތަކާ ގުޅޭ ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު މިވަނީ ޢާއްމުވާން ފަށާފައެވެ. ވަކިން ޙާއްސަކޮށް ޓުވިޓަރގައި މިފަދަ ފޮޓޯތައް މި ދެތިން ދުވަހު ވަރަށް ބޮޑަށް ވަނީ ވައިރަލްވެފައެވެ. މިއީ ތަރިކަ ރައްކާތެރިކޮށް ހިމާޔަތްކުރުމުގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި ފަށާފައިވާ ކަމެކެވެ.

މި ހޭޝްޓެގް ސޯޝަލް މީޑިއާގައި ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ވައިރަލްވެފައިވާއިރު، މިއީ ވަކިން ޚާއްސަކޮށް ޒުވާނުންގެ މެދުގައި ތާރީޚީ އާސާރުތަކާ ގުޅޭ މަޢުލޫމާތު ހޯދުމަށް ދެވުނު ހިތްވަރެއްކެވެ. އަދި އެކަމުގެ ނަތީޖާ މިހާރުވެސް މިވަނީ ފެންނަން ފަށާފައެވެ.

މާލޭ ހުކުރު މިސްކިތާއި، ބޮޑުތަކުރުފާނު ޒިޔާރަތާއި، އުތީމު ގަނޑުވަރުފަދަ ތަންތަނަކީ ރާއްޖޭގެ ގިނަ ބަޔަކަށް މިހާރު އެނގޭނެ ތަންތަނެވެ. ނަމަވެސް މި ހޭޝްޓެގް ވައިރަލްވާން ފެށުމާއެކު، އާއްމުކޮށް މީހުންނަށް ނޭނގޭ އެތައްތަނެއްގެ މަޢުލޫމާތު މިހާރުމިވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައިހުރި ހިރިގަލު މިސްކިތްތަކާއި، އިހުޒަމާނުގެ ތަފާތު ޒިޔާރަތްތަކާއި، ދުވަސްވީ ތަންތަނުގެ ޝަޢުގުވެރި ފޮޓޯތަކަކާއި، މަޢުލޫމާތުތައް ސޯޝަލް މީޑިއާގައި ދަނީ ޢާއްމުވަމުންނެވެ.

ސޯޝަލް މީޑިއާއަކީވެސް އޭގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ހިފިއްޖެނަމަ، މުޖުތަމަޢުގެ ތެރޭގައި ތަފާތުކަމެއް ގެނެވިދާނެ އެއްޗެކަން މިދެންނެވި ހޭޝްޓެގާއެކުވެސް މިވަނީ ސާބިތުކޮށްދީފައެވެ. މި ހޭޝްޓެގާއެކު ދިވެހިންގެ މެދުގައި އާސާރުތަކަށް އޮތް ލޯބި އަނެއްކާވެސް މިވަނީ އިތުރުވާން ފަށާފައެވެ. އެކަން ސޯޝަލް މީޑިއާއިން މިހާރު ހާމަވާން ފަށާފައިވާއިރު، މިއީ އާސާރުތަކާ ގުޅޭ ތަފާތު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށްވެސް ހުޅުވިގެންދިޔަ އިތުރު ދޮރެކެވެ. ހަމައެހެންމެ އާސާރުތަކުގެ މަޢުލޫމާތު އެއްކުރަންތިބޭ ކަމާބެހޭ ފަރާތްތަކުގެ މަސައްކަތްތައްވެސް ލިބިގެންދާ ފަސޭހަކަމެކެވެ.

ޝައްކެއްވެސް ނެތްގޮތުގައި އާސާރީ ތަންތަނާއި، ތަކެތި ހިމާޔަތް ކުރުން މިއީ އެއްޖީލުން އަނެއް ޖީލަށް ވާރުތަވާ ކަމެކެވެ. ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިއްމު އެއް ބަހާއަކީ ދިވެހިންގެ އާސާރުތަކާއި ތަރިކަތައްކަމަށްވާއިރު، މިއީ ޤައުމީ ވާޖިބެއްގެގޮތުގައި ދެކިގެން، މިހާރަށްވުރެ ބޮޑަށްވެސް މިކަމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރަން އެބަޖެހެއެވެ. ސޯޝަލް މީޑިއާއިން މި ފެށުނު މަސައްކަތް މިއަށްވުރެ ފުޅާކުރަންޖެހެއެވެ.