ޚަބަރު

އެމްއެމްއައި އިން މަދަހަ ކިޔަން ދަސްކޮށްދޭ ކޯހެއް ފަށައިފި


މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައި އިން، ފުރަތަމަ ފަހަރަށް މަދަހަ ކިޔަން ދަސްކޮށްދޭ ކޯހެއް ފަށައިފިއެވެ.

ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ކޯސް ކުރިއަށްގެންދަނީ 80އަށް ވުރެ ގިނަ ބައިވެރިންނާއެކު ކަމަށް އެމްއެމްއައިއިން ބުނެއެވެ. މިއީ އެމްއެމްއައިގައި މިހާތަނަށް އެންމެ ގިނަ ބައިވެރިންނާއެކު ކުރިއަށްގެންދާ ކޯހެވެ.

މި ކޯހުގައި އުމުރުން 6 އަހަރާއި 18 އަހަރާއި ދެމެދުގެ ކޮންމެ ކުއްޖަކަށްވެސް ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިއަކީ، މީޑިއާގެ ދާއިރާއިން ފަންނުވެރިން ބިނާކުރުމުގެ މަޤްޞަދުގައި އުފައްދައި ހިންގަމުންއަންނަ މީޑިއާ އިންސްޓިޓިއުޓެކެވެ. އެމްއެމްއައިން މީޑިއާގެ ދާއިރާއާއި އެކި އެކި ފަންނުތަކުގެ ފަންނުވެރިން ބިނާކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަމުންދާއިރު، މެލޭޝިއާގެ މަޝްހޫރު ލިމްކޮކްވިކްގ ޔުނިވަރސިޓީގެ ކޯސްތައްވެސް އެ އިންސްޓިޓިއުޓްގައި ދަނީ ހިންގަމުންނެވެ.

އެމްއެމްއައި އިން މިއަހަރު ކުރިއަށްގެންދާ ކޯސްތަށް ފަށާފައިމިވަނީ، ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މަދަހަ ކިޔަން ދަސްކޮށްދޭ ކޯހަކުންނެވެ. އެމްއެމްއައިގެ މި ކޯހުގައި އުމުރުން 6 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ހުޅުވާލުމުން، 80 އަށްވުރެ ގިނަ ކުދިންވަނީ މި ކޯހަށް އެންރޯލްވެފައެވެ.

މި ކޯހަކީ، ގިނަ ކުދިންނަށް ބައިވެރިވެވޭނެ ކޯހަކަށް ހެދުމަށް އެމްއެމްއައިއިން މި ކޯސް ކުރިއަށްގެންދަނީ، ހަފުތާގެ ބަންދު ދުވަސްތަކުގައެވެ. މި ކޯހުގައި 10 ކުދިންގެ 4 ބެޗް ބައިވެރި ކުރުމަށް އެމްއެމްއައިއިން ނިންމާފައި ވީނަމަވެސް، ލިބުނު ހޫނު ތަރުހީބާއިއެކު މި ފަދަ އިތުރު ކޯސްތަކެއް އަހަރުގެ އެކި ދުވަސްތަކުގައި ކުރިއަށްގެންދިއުމަށް އެމްއެމްއައި އިން ވަނީ ނިންމާފައެވެ.

މި ކޯހުގައި ބައިވެރިވާ ކުދިންގެ މަދަހަތައް ރިކޯޑްކޮށް އަންނަ ރަމަޟާން މަހު ޕީއެސްއެމްގެ މުންނާރު ޓީވީއިން ދެއްކުމަށް ނިންމާފައިވާކަމަށްވެސް އެމްއެމްއައި އިން ބުނެއެވެ.

އެމްއެމްއައިގެ މަދަހަ ޕްރެކްޓިސް ސެޝަންގެ ތެރެއިން

އެމްއެމްއައިއިން މިހާރުވެސް މީޑިއާއާއި ކްރިއޭޓިވް އިންޑަސްޓްރީއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށް އެކި ލެވެލްތަކުގެ ކޯސްތައް ހިންގަމުން އަންނައިރު، މިދިޔަ އަހަރުވެސް ސްކޫލް ބަންދާ ދިމާކޮށް އެމްއެމްއައިއިންވަނީ "ސްކޫލް ހޮލިޑޭ ކްރިއޭޓިވް އެކްސްޓްރަވަގެންޒާ"އަކާއި، މިއަހަރުގެ މިޑް ޓާމް ސްކޫލް ބަންދާ ދިމާކޮށް "މިޑް ޓާރމް ހޮލިޑޭ ފަން" ގެ ނަމުގައި ޚާއްޞަ ކުރު ކޯސްތަކެއްވެސް ކުރިއަށްގެންގޮސްފައެވެ.