ޚަބަރު

ހުޅުމާލެއަށް މޫދަށް އެރޭ މީހުންނަށް ފަސޭހަ އިންތިޒާމަތަކެއް ހަމަޖައްސަނީ


ހުޅުމާލޭގައި މޫދަށްއެރޭ ޓްރެކް ސަރަޙައްދުގައި ހަދާ ފާޚާނަ ބަރިއާއި، ޗޭންޖިންގ ފެސިލިޓީގެ މަސައްކަތް ނިންމައި، މޭމަހުގެތެރޭ އާންމުންނަށް ޚިދުމަތް ލިބޭނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.

ހުޅުމާލޭގައި މޫދަށް އެރޭ ސަރަޙައްދުތަކަކީ ހުޅުމާލެ ރައްޔިތުންގެ އިިތުރުން، މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުންވެސް ދަތުރުދިއުމާއި މޫދަށް އެރުމަށް ބޭނުންކުރަމުންދާ ސަރަޙައްދުތަކެވެ. ނަމަވެސް މޫދަށް އެރޭ ސަރަޙައްދެއްގައި ހުންނަންޖެހޭ ވަސީލަތްތައް، އެތަނުގައި ލިބެން ނުހުންނަކަމުގެ ޝަކުވާ އާއްމުން ކުރަމުންދާކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ފާހަގަކުރެއެވެ.

ހުޅުމާލެ މޫދަށްއެރޭ ސަރަޙައްދަކީ އާއްމުންނަ އެންމެ އެކަށީގެންވާ ޚިދުމަތްތައް ލިބޭ ތަނަކަށް ހެދުމަށް ރައީސް އިބްރާޙީމް މުޙައްމަދު ސޯލިޙްގެ ސަރުކާއުގެ 100ދުވަހުގެ ވަޢުދުތަކުގައި ވަނީ ހިމަނުއްވާފައެވެ. މި ކަމަށް ޢަމަލީ ސިފަ ގެނައުމަށް، ހުޅުމާލެ ރުއްގަނޑު ދޭއް ސަރަޙައްދުގައި، އެޗްޑީސީން މިހާރުވަނީ މޫދަށްއެރޭ މީހުންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ.

މި ޕްރޮޖެކްޓާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން އެޗްޑީސީގެ ޑިރެކްޓަރ ޕްލޭނިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އިސްމާއިލް ޝާން ރަޝީދް ވިދާޅުވީ އެ ސަރަޙައްދުގައި އަންހެނުންނާއި ފިރިހެނުންނަށް ޚާއްސަކޮށްގެން ވަކިން ފާޚާނަތަކާއި، ޗޭންޖިންގ ފެސިލިޓީއާއި، އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ އަންހެން އަދި ފިރިހެން ފާހަނައެއް ހިމެނެއެވެ.

"އަންހެން ތިން ފާހަަނަ، ފިރިހެން ތިން ފާހަނަ، އަދި ކުޑަކުދިންގެ ޑައިޕަރ ޗޭންޖްކުރުމުގެ ފެސިލިޓީއާއި، އަންހެން ފާހަނާގައި ކުޑަކުދިންނަށް ގާތުން ދެވޭގޮތަށް ފަރނީޗަރ އެރޭންޖްމަންޓްސް ހުންނާނެ." އިސްމާއިލް ޝާން ރަޝީދް ވިދާޅުވިއެވެ.

900 އަކަފޫޓުގެ ބިމެއްގައި ތަރައްޤީކުރާ މި ވަސީލަތްތަކަކީ، ސަރުކާރުން 1.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ ޚިދުމަތްތަކެކެވެ.

"މޫދަށް އެރޭ ޓްރެކްސަރަޙައްދުގެ ބީޗް އަދި މި ތަރައްޤީކުރަނީ. މިތާންގައި ބޭރުގައި 4 ޝަވަރ ހެޑްވެސް ބަހައްޓާނަން. ކުރިއަށް އޮތްތާންގައި މުޅި ބީޗް އެކި ސަރަޙައްދުގައިވެސް ޝަވަރ ހެޑްސް ބަހައްޓާނަން." އިސްމާއިލް ޝާން ރަޝީދް ވިދާޅުވިއެވެ.

މިި ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ ޓްރެކް ސަރަޙައްދަށް ރޭގަނޑު މޫދަށް އެރޭވޭގޮތަށް އެ ސަރަހައްދު އަލިކުރުމަށް ބައްތި ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ޝާން ވިދާޅުވީ ކުރިއަށް އޮތް 10 ވަރަކަށް ދުވަހުތެރޭގައި ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ފަށާނެކަމަށެވެ.