ރިޕޯޓް

ފުރަތަމަ 100 ދުވަހުގެ ވަޢުދު ފުއްދުމުގައި ޞިއްޙީ ދާއިރާ، ވަރަށް ކާމިޔާބު!


ރާއްޖޭގެ ސިއްޙީ ނިޒާމަކީ ޒަމާނަށް އެކަށީގެންވާ، ރައްޔިތުންނާ ވީހާވެސް ގާތުން ދެވޭ ޚިދުމަތަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެކެވެ. މި ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ސަރުކާރުގެ މަސައްކަތު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޞިއްޙީ ދާއިރާއިން މުހިއްމު ވަޢުދުތަކެއްވެފައިވާއިރު، އެކަންކަން ޙާސިލުވެފައިވަނީ ކިހާ މިންވަރަކަށްތޯ ބަލާލުން މިއީވެސް މުހިއްމުކަމެކެވެ.

ޞިއްޙީ ދާއިރާއިން ފުއްދުމަށް ކަނޑައަޅާފައިވާ ވަޢުދުތަކުގެ ތެރެއިން ޞިއްޙަތަށް ރަނގަޅުނޫން ކެއިން ބުއިމުގެ ބާވަތްތަކާ ދުރުވުމަށް ޢާންމުން ހޭލުންތެރިކުރުމަށް ކުރާހޭދަ އިތުރުކުރުމަށް ވެފައިވާ ވަޢުދުގެ ދަށުން ގައިންގަޔަށް ނާރާ ބަލިތަކަށް ޢާއްމުންގެ ހޭލުންތެރިކަން އިތުރުކޮށް ބަލިތަކުން ރައްކާތެރިކޮށް މިފަދަ ބަލިތަކުން މީހުން މަރުވާ ނިސްބަތް ދަށްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައި މިމަސައްކަތައް ކުރާ ހޭދަ އިތުރުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި މި މަސައްކަތް ގަވާޢިދުން ވިލަރެސްކުރުމަށް ޕަބްލިކް ހެލްތު ބޯޑެއް އެކުލަވާލައްވައި ޢަމަލީ މަސައްކަތްވެސް ފަށާފައިވެއެވެ. މީގެ އިތުރުން "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ޤަވާޢިދު" 31 ޖަނަވަރީ 2019 ގައި ވަނީ ގެޒެޓުކޮށްފައެވެ.

100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި، އެހެނިހެން ފަރުވާތައް ފަސޭހަކަމާއެކު އެކުއްޖަކު ދިރިއުޅޭ ސަރަހައްދުތަކުން ލިބޭނެގޮތް ހަމަޖެއްސުމަށް ކުރާ މަސައްކަތުގެ ދަށުން ނެޝަނަލް ބްލަޑް ޕޮލިސީ ޢާއްމުކޮށް، ރަށުންނާއި މާލެ ސަރަހައްދުގައި ދިރިއުޅޭ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް އެސް.ޓީ.އޯ ފާމަސީތައް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާފައިވަނީ 2 ފެބްރުއަރީ 2019 ގައެވެ. އަދި އަތޮޅުތެރޭގެ ހުރިހާ ހޮސްޕިޓަލްއެއްގައި "ސީރަމް ފެރިޓިން" ހެދޭނެ މެޝިންތައް ވަނީ ހަމަކޮށްފައެވެ.

މީގެ އިތުރުން، ދިވެހި ބޭސްވެރިކަމާއި އޯލްޓަނޭޓިވް މެޑިސިންގެ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން ޤައުމީ ފެންވަރުގެ މަހާސިންތާއެއް 30 ޑިސެމްބަރު 2018 ގައި ވަނީ ބާއްވާފައެވެ. އަދި މި މަހާސިންތާއިން އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި ދިވެހި ބޭސްވެރިކަމާއި އަލްޓަނޭޓިވް މެޑިސިންގެ ދާއިރާ ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހެލްތް މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ. އަދި ރާއްޖޭގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު ދުނިޔޭގެ ފެންވަރުގެ އިތުބާރު ލިބިފައިވާ ބޭސްކަމުގައި ހެދުމަށް ބޭރުގެ ފަރާތްތަކާއި އެކު މަސައްކަތް ކުރުމަށް ސިންގަޕޯރގެ ކުންފުންޏަކާއެކު 21 މާރިޗް 2019ގައި ފަހުމްނާމާއެއްގައި ސޮއިކޮށް 24 މާރިޗް 2019އިން ފެށިގެން ރާއްޖެ އެތެރެކުރެވޭ ބޭސް ތަޚްލީލްކުރުމުގެ މަސައްކަތް ވަނީ ހަރުދަނާ ކޮށްފައެވެ.

ސިއްޙީ ދާއިރާއިން ފުއްދުމަށް ކަނޑައަޅުއްވާފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އަނެއް މުހިއްމު ވަޢުދަކީ ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ހުރިހާ ތަނެއް އެއް ވިއުގައަކުން ގުޅާލުމެވެ. މި ވަޢުދުގެ ދަށުން ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން) މެދުވެރިކޮށް ސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ ހުރިހާ ތަނެއް އެއްވިޢުގައިން މިހާރު ވަނީ ގުޅާލާފައެވެ. މިއާއެކު ޞިއްޙީ ހިދުމަތް ހޯދުމުގައި ކަރުދާހަށް ކުރަންޖެހޭ ހޭދަކުޑަވެ، ޢާއްމުންގެ ޞިއްޙީ މަޢުލޫމާތުތައް ފަސޭހަކަމާއެކު ރައްކާތެރިކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ނެޝަނަލް މެންޓަލް ހެލުތު އިންސިޓިޓިއުޓް އުފައްދައި ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާ އާސަންދައިގެ ދަށުން ދޭން ފެށުމަކީވެސް މިސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދާފައިވާ ވަޢުދެކެވެ. އަދި މިއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޞީއްޙީ ސިޔާސަތުތަކުގެ ތެރޭގައިވެސް ހިމެނޭ މުހިއްމުކަމެކެވެ. ނެޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތު 25 މާރިޗް 2019 އިން ފެށިގެން އައިޖީއެމްއެޗްގައި ޤާއިމުކޮށް، އެތަނުން މިހާރު އަންނަނީ ޚިދުމަތްދެމުންނެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމާއި ނަފްސާނީ ބަލިތަކާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމަށްޓަކާ ޤައުމީ ފެންވަރުގައި ޚާއްސަ ކެމްޕޭނެއްވެސް ސަރުކާރުން ވަނީ ފަށްޓަވާފައެވެ.

މީގެ އިތުރުން އިމަޖެންސީ ކެއަރގެ މަސައްކަތް ރައްޔިތުންނާ ގާތުން ދެވޭނެ އިންތިޒާމެއް ޤާއިމުކުރުމަށް ކުރާ މަސައްކަތުގެ ދަށުން މާލެއާއި އަތޮޅު ތަކުގެ 200 އަށްވުރެ ގިނަ ޓެކްސީ ޑްރައިވަރުން އެމަރޖަންސީ ކެއަރގެ މަސައްކަތައް ވަނީ ތަމްރީންކޮށްފައެވެ. އަދި އެމްބިއުލާންސް ހަމަނުވާ ރަށްތަކަށް އެމްބިއުލާންސް ހަމަކުރުމާއި، އެމަޖެންސީ ކޯލް ސެންޓަރެއް މާލޭގައި ހުޅުވައި އެމަރޖަންސީ ހާލަތްތަކުގައި ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

2022 ގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލުމަށް ހިފާފައިވާ އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހދ އާއި ގދ އަތޮޅު ހޮސްޕިޓަލުގައި ޖީން އެކްސްޕާޓް މެޝިން ބަހައްޓައި ޓީބީއަށް ޓެސްޓްކުރުމުގެ ޚިދުމަތްވެސް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. އަދި ލެބޯރޓަރީ ސްޓާފުންނަށް ޖީން އެކްސްޕާޓް މެޝިން ބޭނުންކުރުމާބެހޭ ތަމްރީން ޕްރޮގްރާމްތައް ހެލްތް މިނިސްޓްރީން ވަނީ ކުރިއަށްގެންގޮސްފައެވެ.

އަދި ސަވައިކަލް ކެންސަރާއި ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން ހިއުމަން ޕެޕިލޯމާ ވައިރަސް ވެކްސިން، އެޗް.ޕީ.ވީ ވެކްސިން ޖެހުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު 21 މާރިޗް 2019 ގައި ވަނީ ބާއްވާފައެވެ.

ޞިއްޙީ ދާއިރާއަކީ ގޮންޖެހުން ބޮޑު ދާއިރާއަކަށްވީނަމަވެސް، މިދާއިރާ ތަރައްޤީކުރުމަށް މިކުރެވޭ މަސައްކަތުގައި ސަރުކާރަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެދެވޭ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ސަރުކާރުން ދެކެވަޑައިގަންނަވައެވެ. އަދި މިކަންކަމުގެ ނަތީޖާ މިހާރުވެސް ދަނީ ފެންނަމުންނެވެ.