ޚަބަރު

ފޭރުމުގެ ބޮޑު ދެ މައްސަލައެއްގައި ހިމެނޭ ފައިސާ އަދިވެސް ނުފެނޭ - ފުލުހުން


މާލެ ސަރަހައްދުގައި ހިންގި ފޭރުމުގެ ބޮޑު ތިން މައްސަލައެއްގެ ތެރެއިން މިފްކޯއިން ފޭރުނު ފައިސާއާއި ބީއެޗްއެމުން ފޭރުނު ފައިސާތައް މިހާތަނަށް ހޯދިފައިނުވާކަމަށާ އެހެންނަމަވެސް މިދެމައްސަލައިގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފޭރުމުގެ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މާލެ ސަރަހައްދުގައި ހިންގި ބޮޑު ތިން ފޭރުމެއްގެ ތެރެއިން މިފްކޯ އާއި ބީއެޗްއެމް ޓްރޭޑާސްއިން ފޭރުނު ފައިސާތައް މިހާތަނަށް ފެނިފައިނުވާ ކަމަށެވެ.

"މިހާތަނަށް އެ ދެމައްސަލައިގެ ފައިސާއާ ހަމައަށް ދެވިފައިނުވޭ، މައްސަލަތައް ދަނީ އަދިވެސް ތަހުގީގް ކުރަމުން،" ޝިފާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބީއެޗްއެމްގެ ފައިސާ ފޭރުމުގައި ޢަމަލީ ގޮތުން ބައިވެރިވި ކުޑަ ކުއްޖަކާއި ޢުމުރުން 21 އަހަރުގެ މީހަކާއި އެކަމުގެ ހެކި ނައްތާލަން މަސައްކަތް ކުރި ދެ ކުޑަކުދިންނާއި ފޭރުނު ފައިސާ ފޮރުވުމުގައި އިސް ދައުރެއް އަދާކުރި ޢުރުމުން 23 އަހަރުގެ ދެމީހަކު ހައްޔަރު ކުރިކަމަށެވެ. އެހެންނަމަވެސް މީގެތެރެއިން ބައެއް މީހުން މިހާރު ދޫކޮށްލާފައިވާތީ އިސްތިއުނާފް ކުރުން ކުރިއަށްދާ ކަމަށާ އިތުރު ދެމީހަކު ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފައިސާ ފޭރުމުގައި ބައިވެރިވި ދެ މީހަކު ސައިކަލެއްގައި ފޭރުނު ފައިސާ ދަބަސް ހިފައިގެން ސްކޫޕް ގޯޅިގަނޑުގައި ހުރި ގެއަކަށް ވަނީ ގޮސްފައި. އަދި އިތުރު ދަބަހަކަށް އެ ފައިސާ ދަބަސް ލުމަށްފަހު އެ ދަބަސް ހިފައިގެން ޓެކްސީއެއްގައި ހުޅުމާލެއަށް ގޮސްފައިވޭ." ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ މިފްކޯގެ ފައިސާ ފޭރުނު މައްސަލާގައި ޢުމުރުން 23 އަހަރާއި 19 އަހަރުގެ ދެ ފިރިހެނުން ހައްޔަރު ކުރިނަމަވެސް އެތަނުން 23 އަހަރުގެ މީހާ ކޯޓުން ދޫކޮށްލާފައިވާތީ އެ އަމުރު އިސްތިއުނާފް ކޮށްފައިވާ ކަމަށެވެ. އަދި އެމައްސަލައިގެ ތުހުމަތުގައިވެސް އިތުރު ދެމީހަކު ހޯދަމުންދާ ކަމަށެވެ.

މީގެ އިތުރުން މަސް އެކްސްޕޯޓްކުރާ އެންސިސްގެ ފައިސާ ފޭރުނު މައްސަލައިގެ ތުހުމަތުގައި ޖުމްލަ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާ އޭގެތެރޭގައި ޢުމުރުން 19 އަހަރާއި 23 އަހަރާއި ދެމެދުގެ 4 ފިރިހެނުންނާއި 26 އަހަރުގެ އަންހެނެއް ހިމެނޭއިރު އޭގެތެރެއިންވެސް 3 މީހަކު ދޫކޮށްލާފައިވާކަން ފުލުހުން ފާހަގަކުރެއްވިއެވެ.

"އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އެކަކު މާލޭގައި ދިރިއުޅުނުތަން ކޯޓް އަމުރެއްގެ ދަށުން ބަލާ ފާސްކޮށް އެ މައްސަލައާ ގުޅުންހުރި ހަތް ލައްކަ ރުފިޔާ ވަނީ ހޯދިފައި. އިތުރު ފައިސާ ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް." އޭނާ ވިދާޅުވިއެވެ.

ފުލުހުން މިއަދު ޙިއްސާކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 31ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ އެންސިސް ކުންފުނިން ފޭރުނު 2.7 މިލިއަން ރުފިޔާގެ މައްސަލައިގެ މަޢުލޫމާތާއި މިދިޔަ މަހުގެ 20ވަނަ ދުވަހު މިފްކޯގެ ހެޑް އޮފީހުން ދެމިލިއަން ރުފިޔާ ހިފައިގެން ދަތުރުކުރި ވޭނުގެ ބިއްލޫރިގަނޑު ތަޅާލައި ދެ މިލިއަން ރުފިޔާ ފޭރިގެންފައިވާ މައްސަލައާއި ގުޅޭ މަޢުލޫމާތުގެ އިތުރުން މިދިޔަ މަހުގެ 10ވަނަ ދުވަހު އެސްބީއައިއަށް ޖަމާކުރަން ގެންދިޔަ ބީއެޗްއެމްގެ 2.3 މިލިއަން ރުފިޔާ ފޭރުނު މައްސަލައިގެ މަޢުލޫމާތެވެ.