ވިޔަފާރި

ޕާޓާ ޓްރެވަލް މާރޓް 2019 ގައި މަޓާޓޯ އިން ބައިވެރިވާނެ


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯ) އިން ޕާޓާ ޓެރެވެލް މާޓު ގައި ބައިވެރިވާނެކަން އިއުލާންކޮށްފިއެވެ.

ފެސިފިކް އޭޝިޔާ ޓްރެވެލް އެސޯސިއޭޝަން (ޕާޓާ) ޓްރެވެލް މާޓް މިއަހަރު އޮންނާނީ ސެޕްޓެމްބަރ މަހުގެ ތެރޭގައި ކަޒަކިސްތާންގެ ވެރިރަށް އެސްޓާނާގައެވެ.

ޕާޓާ ޓްރެވަލް މާޓަކީ އޭޝިއާ ޕެސިފިކް ޤައުމުތަކަށް އަމާޒްކޮށްގެން ބާއްވާ ފެއަރއެކެވެ. މަޓާޓޯއާއި ޕާޓާއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޕާޓާ ޓްރެވެލް މާޓުގައި ރާއްޖެ އިޝްތިހާރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާނީ މަޓާޓޯއިންނެވެ. މަޓާޓޯ މެދުވެރިކޮށް ޕާޓާ ޓްރެވަލް މާޓުގައި ބައިވެރިވާ ދިވެހި ކުންފުނިތަކަށް ޙާއްސަ ޑިސްކައުންޓެއް ލިބިގެންދާނެކަމަށް މަޓާޓޯއިން ބުނެއެވެ.

1951 ވަނަ އަހަރު ޤާއިމްކޮށްފައިވާ ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާއަކީ އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި ހަރަކާތްތެރިވާ ޖަމިއްޔާއެކެވެ. މިގޮތުން ސަރަހައްދީ ފެންވަރުގައި ފަތުރުވެރިކަމުގެ ދާއިރާގެ އިންސާނީ ވަސީލަތް ބިނާކުރުމާއި، ދާއިރާއަށް ތައާރަފްވާ އެންމެ ފަހުގެ ވަސީލަތްތައް މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވުމަކީ މި ޖަމިއްޔާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.