ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފުވައްމުލަކު ހޮސްޕިޓަލުގެ ޑެންޓަލް ޔުނިޓް ހުޅުއްވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ފުވައްމުލައް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފުވައްމުލަކު ހޮސްޕިޓަލުގެ ޑެންޓަލް ޔުނިޓް ހުޅުއްވައި ދެއްވައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ޑެންޓަލް ޔުނިޓްގެ ޢިމާރާތް ކަމުގައިވާ ކުރީގެ އަތޮޅު ހޮސްޕިޓަލުގައި ޑެންޓަލް ޔުނިޓް ހުޅުވުމަށް މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ، މި ސަރުކާރުން ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ފެއްޓެވީވެސް ހަށިހެޔޮ ދުޅަހެޔޮ ޕްރްގްރާމް ކަމަށާ، އެހެންކަމުން ސަރުކާރުން ޞިއްޙީ ދާއިރާއަށް ވަރަށް ދެއްވާ ބޮޑު އަހައްމިއްޔަތު ފާހަގަކުރެވޭކަމަށެވެ.

ރާއްޖޭގެ އެއްވެސް ރަށެއް އަދި އެއެވެސް ރައްޔިތެއް ތަފާތު ކުރުމެއް ނެތި މުޅިދިވެހިރާއްޖޭގެ ޞިއްޙީ ކަންތައްތައް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައި ނާއިބު ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ސިއްޚީ ޚިދުމަތް ދޭފަރާތްތަކުން ލޯތްބާއި އޯގާތެރިކަމާއެކު ޚިދުމަތް ދިނުމަތް ވަނީ އެދި ވަޑައިގެންފައެވެ.

ސަރުކާރުގެ އެންމެ އިސް ވާޖިބަކީ ދިވެހި ރައްޔިތުންނަށް ރައްޔިތުން އެދޭގޮތަށް ދުޅަހެޔޮކަންމަތީގައި ދިރިއުޅުމަށް ހުރި ދަތިތައް ނައްތާލައި، ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކުރެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ފުވައްމުލަކު ހޮސްޕިޓަލުގައި މިހާރުން މިހާރަށް ހުރި ދަތިތައް ހައްލުކޮށް ޑައިލެސިސް ސެންޓަރާއެކު އިތުރު ޚިދުމަތްތަކެއް ފެށިގެންދާނެކަމުގެ ޔަގީންކަންވެސް ނާއިބުރައީސް ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ހެލްތްމިނިސްޓަރ އަބްދުﷲ އަމީނާއި މިނިސްޓަރ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވެސް ބައިވެރި ވެވަޑައި ގެންނެވިއެވެ.