ޚަބަރު

ތަފާތު އުކުޅުތަށް ބޭނުންކޮށްގެން ޅަ ޢުމުރުގައި ކުދިންނަށް ކިޔަވައިދޭންޖެހޭ - ރައީސް ވަޙީދު


ދަރިވަރުންގެ ޅަ ޢުމުރުގައި ތަފާތު އުކުޅުތަށް ބޭނުންކޮށްގެން އެދަރިވަރުންނަށް ކިޔަވައިދޭންޖެހޭ ކަމަށާ އެންމެން ޝާމިލުވާ ތަޢުލީމީ ޖީލެއް ބިނާކުރުވޭނީ އޭރުންކަމަށް ކުރީގެރައީސް ޑރ.މުޙައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ. ރައީސް ވަހީދު މިހެން ވިދާޅުވީ އުނގެނުމުގައި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ޓީޗަރުން ތަމްރީނުކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދުނިޔޭގެ އޯޓިޒަމް ދުވަހާ ގުޅިގެން އޯޓިޒަމް އެސޯސިއޭޝަނުން ވަނީ ތިން ޕްރޮގްރާމެއް ފަށާފައެވެ. މިމަހުގެ 2ވަނަ ދުވަހު މިޕްރޮގްރާމްތަށް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި އޯޓިޒަމް އެސޯސިއޭޝންގެ ފައުންޑަރ އަދި ޗެއަރޕަރސަން އިލްހާމް ހުސައިނެވެ. ޓީޗަރުންނަށް ހިންގާ ޓްރެއިނިންގް ވޯކްޝޮޕްގައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުން 60 ޓީޗަރުން ބައިވެރިވެފައެވެ.

މިޓްރެއިނިންގ ޕްރޮގްރާމް ނިންމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދު ހަސަން ވިދާޅުވީ، ސްކޫލް މާޙައުލަކީ ހުރިހާ ކުދިންގެ ބައިވެރިވުން ހިމެނޭ ފަހި މާޙައުލަކަށް ހަދަންޖެހޭކަމަށެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖަކަށްވާއިރު، އެކި ކުދިންނަށް ކިޔަވައި ދިނުމުގައި ތަފާތު އެކުޅުތަށް ބޭނުންކުރަން ޖެހޭކަން ރައީސް ވަހީދު ފާހަގަކުރެއްވިއެވެ. ޅަ އުމުރުގައި ކުދިންނަށް ތަފާތު އުކުޅުތަށް ބޭނުންކޮށްގެން ކިޔަވައިދިނުމަކީ، ތަޢުލީމީ ޖީލެއް ބިނާކުރުމުގައި އެންމެ މުހިންމު އެއް އަސާސްކަމަށް ރައީސް ވަޙީދު ވިދާޅުވިއެވެ.

"ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއް. ކޮންމެ ކުއްޖަކަށް ކިޔަވައދިނުމަށްވެސް ތަފާތު އުކުޅުތަށް ބޭނުންވޭ. އަޅުގަނޑުމެން މިއަދު އޯޓިޒަމް އެސޯސިއޭޝަނުން މިވަނީ މިކަމުގައި ކުރިއެރުންތަކެއް ހޯދާފައި. މިވޯކްޝޮޕަކީ ރާއްޖޭގެ ސްކޫލްތަކުންވެސް މި ކުރިއެރުމަށް ވާޞިލުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް. މިކަމުގައި އެންމެގެ ބައިވެރިވުންވެސް މުހިންމު." ރައީސް ވަހީދު ވިދާޅުވިއެވެ.

މިވޯކްޝޮޕަކީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ މަންދޫބު، މުޙައްމަދު އަލްމުނީރު ސަފްލުއްދީން ވިދާޅުވީ، ރާއްޖެއަކީ ޑިމޮކްރަސގެ ޅަފަތުގައި އޮތް ޤައުމަކަށްވިޔަސް، އެންމެން ޝާމިލުކޮށްގެން ތަޢުލީމީ ނިޒާމު ބިނާކުރުމުގައި ރާއްޖެއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ސްކޫލްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ކްލާސް ރޫމްތަކާއި ޓީޗަރުން ތިބުމަކީ ފާހަގަކޮއްލެވޭކަމެއްކަމަށް ސަފްލުއްދީން ވިދާޅުވިއެވެ.

"ރާއްޖެއިން މިހާތަނަށް އައިއެރު ވަނީ، އިންކްލޫސިވިޓީގައި މުހިންމު ކާމިޔާބީތަކެއް ހޯދާފައި. އެގޮތުން ސެން ޓީޗަރުންނާއި، ޙާއްސަ ކްލާސް ރޫމްތަކެއް ހުރުމަކީ ކާމިޔާބީއެއް." ސަފްލުއްދީން ވިދާޅުވިއެވެ.

އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުންނަށް އޯޓިޒަމް އެސޯސިއޭޝަނުން ޚާއްސަ ތަމްރީން ޕްރޮގްރާމެއް ހިންގީ މިމަހުގެ 14އިން 16އަށް ކުރިއަށް ގެންދިޔައިރު، އޯޓިޒަމް ހުންނަ ކުދިން ޅަފަތުގައި ދެނެގަތުމަށް ސްކްރީނިންގް ޕްރޮގްރާމެއްވެސް އެއެސޯސިއޭޝަނުން ހިންގައެވެ. މި ޕްރޮގްރާމުގެ ދަށުން 2އަހަރުން ދަށުގެ ކުދިންނަށް ހިލޭ ސްކްރީން ކުރެވޭއިރު 2 އަހަރުން މަތީގެ ކުދިންގެ އަތުން ކުޑަފީއެއް ނަގައިގެން ސްކްރީން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އޯޓިޒަމް އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ.

މިޕްރޮގްރާމްތަކުގެ އިތުރުން، އޯޓިޒަމްއާއި، އޯޓިސްޓިކް ކުދިން ބެލެހެއްޓުމަށް ބެލެނިވެރިން ހޭލުންތެރިކުރުމަށް ޚާއްސަ ޕްރޮގްރާމެއް މިމަހުގެ ފަހުކޮޅު ފެށުމަށް ތައްޔާރުވަމުންދާކަމަށް އޯޓިޒަމް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.