ވިޔަފާރި

ފުވައްމުލައް ސިޓީން މިހާރު މަސްވެރިންނަށް އައިސް ލިބޭނެ - މިފްކޯ


މިފްކޯއިން ފުވައްމުލައް ސިޓީގައި ބަހައްޓާފައިހުރި އައިސް ޕްލާންޓުން މަސްވެރިންނަށް މިހާރު އައިސް ލިބޭނެކަމަށް މިފްކޯއިން ބުނެފިއެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން މިފްކޯ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އެސިސްޓެންޓް ރީޖަނަލް މެނޭޖަރ މުސްތަފާ ޖަމީލް ވިދާޅުވީ، ފުވައްމުލައް ސިޓީގައި ހުރި އައިސް ޕްލާންޓުން އައިސް ވިއްކުމުގެ ނިޒާމް ހަމަޖެހިފައިވާކަމަށައި، މި ޕްލާންޓުން 24 ގަޑިއިރު ތެރޭގައި 25 ޓަނުގެ އައިސް އުފައްދާނެ ކަމަށެވެ.

މިފްކޯއިން ވަނީ ދާދި ފަހުން އައްޑޫސިޓީ ފިޝަރީޒް ކޮމްޕްލެކްސްއިންވެސް މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ. ހުޅުމީދޫ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް އައިސް ލިބޭނެގޮތް އިންތިޒާމް ހަމަޖެއްސުމުން އައްޑޫ ސިޓީގައިވާ މިފްކޯގެ 2 ތަނަކުން މަސްވެރިންނަށް އައިސް ލިބިގެންދާނެއެވެ.

އެއީ ހިތަދޫގައި ހުންނަ އައިސް ޕްލާންޓުންނާއި، ހުޅުމީދޫ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ނެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ ދުވާލެއްގެ މައްޗަށް 100 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ. އަދި ހިތަދޫ އައިސް ޕްލާންޓުން 50 ޓަނުގެ އައިސް އުފައްދައެވެ.

ރާއްޖޭގެ ދެކުނުން މަސްވެރިންނަށް މިވަގުތު އައިސް ލިބެން ހުންނާނެ ޕްލާންޓްތަކަކީ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ހިތަދޫ އައިސް ޕްލާންޓު، ޏ. ފުވައްމުލަކު އައިސްޕްލާންޓު، ގދ. ފަރެސްމާތޮޑާގައި ހުންނަ ޕްލާންޓު، ގއ. ކޫއްޑޫ، ދާންދޫ، ގެމަނަފުށި، ދެއްވަދޫ އަދި ކޮލަމާފުށީގަ ހުންނަ ޕްލާންޓުން ކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯއިން ބުނީ، މިދުވަސްވަރު މަސްވެރިކަން ވަރަށް ރަނގަޅުކަމަށާއި، ޖުމްލަގޮތެއްގައި ދުވާލެއްގެ މައްޗަށް 350 ޓަނުގެ މަސް މިފްކޯއަށް ލިބޭކަމަށެވެ.

އައިސް ނުލިބުމުގެ މައްސަލައަކީ މަސްވެރިންގެ ފަރާތުން ލިބެމުން އަންނަ ވަރަށްބޮޑު ޝަކުވާއެކެވެ. ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދިއުމުން މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނޭކަމަށް މިފްކޯއިން ފާހަގަކުރެއެވެ.