ޚަބަރު

މޯލްޑިވް ގޭހުގެ ސިލިންޑަރުތައް ޤައިދީން ލައްވާ މަރާމާތުކުރުވަނީ


މޯލްޑިވް ގޭހުގެ ގޭސް ސިލިންޑަރުތައް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީން ލައްވާ މަރާމާތުކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހީމް މުޙައްމަދު ދީދީއެވެ. އަދި މޯލްޑިވް ގޭހުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމެވެ. މިއީ ރިހެބިލިޓޭޝަން ޕްރޭމްވޯރކްގެ ދަށުން ޤައިދީންނަށް ތަފާތު މަސައްކަތްތައް ދަސްކޮށްދީ، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ވެވުނު އެއްބަސްވުމެއްކަމަށް ކަރެކްޝަނަލްއިން ވިދާޅުވެއެވެ.

މީޑިއާއަށް މަޢުލޫމާތުދެއްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވީ، ތަފާތު ކުށްކުށުގައި ޙުކުމް ތަންފީޒުކުރާ ފަރާތްތަކަކީވެސް މުޖުތަމަޢުއަށް ބޭނުން ހިފޭ ބައެއްގެގޮތުގައި ހަދާ، އެމީހުންނަށް އެކި ކަހަލަ މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމަކީ ކަރެކްޝަނަލްގެ އަމާޒެއްކަމަށެވެ. އެގޮތުން މޯލްޑިވް ގޭހާއެކު މި ވެވުނު އެއްބަސްވުމުގެ ދަށުން، ގޭސް ސިލިންޑަރުތައް ނުވަތަ ގޭސް ފުޅިތައް މަރާމާތުކުރުމަށް ޝަޢުގުވެރިވާ ޤައިދީން ލައްވާ އެ މަސައްކަތް ކުރުވާނީ އުޖޫރައެއް ދީގެންކަމަށް މުނާޒް ވިދާޅުވިއެވެ.

މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމް ވިދާޅުވީ، އެ ކުންފުނީގެ ގޭސް ފުޅިތައް ބާކަމުގެ ޝަކުވާއަކީ ދޭތެރެ ދޭތެރެއިން ލިބޭ ޝަކުވާތަކެއްކަމަށެވެ. އެހެންކަމުން ޤައިދީން ލައްވާ، މުޖުތަމަޢުއަށް ބޭނުން ހިފޭ ފަދަ މަސައްކަތެއް މި އެއްބަސްވުމުގެ ތެރެއިން ކުރެވިގެންދާއިރު، މިއީ އެކުންފުނީގެ ޓެކްނިކަލް މުވައްޒަފުންނަށްވެސް ލިބިގެންދާ ފަސޭހައެއްކަން ޝަޒައިލް ފާހަގަކުރެއްވިއެވެ.

މޯލްޑިވް ގޭހާއި ކަރެކްޝަނަލް ސަރވިސްއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން، މި ރަސްމިއްޔާތުގައި ވަނީ މޯލްޑިވް ގޭހުގެ އިޖްތިމާޢީ ޒިންމާގެ ދަށުން 10 ކޮމްޕިއުޓަރ ސިސްޓަމް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހަދިޔާކޮށްފައެވެ. މި ސިސްޓަމްތައް ބޭނުން ކުރާނީ ޤައިދީންނަށް ހިންގާ އެކި ކަހަލަ ތަމްރީން ޕްރޮގްރާމްތަކަށް ކަމަށް ކަރެކްޝަނަލްއިން ވިދާޅުވެއެވެ.