ސިޔާސީ

ޤައުމު އާރާސްތު ކުރުމަށްޓަކައި އެކުވެރިކަމާއި އެއްބައިވަންތަކަން ބޭނުންވޭ - ނާއިބު ރައީސް


ޤައުމު އާރާސްތު ކުރުމަށްޓަކައި އެކުވެރިކަމާއި އެއްބައިވަންތަކަން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޝަހީދުގެން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ ދިވެހި ތާރީޚުން ފެންނަން އޮތް ޙަގީގަތަކީ ޤައުމަށް ދިމާވާ ކޮންމެ އުދުވާނީ ހަމަލާއެއްގައިވެސް ދިވެހިންގެ ތެރެއިން ބަޔަކު ޝާމިލްވެފައިވާ މަންޒަރު ތާރީޚުން ފެންނަން އޮތްކަން ކަމަށެވެ. އެހެންކަމުން ޤައުމު ކުރިއަރުވާ އާރާސްތުކުރުމަށްޓަކައި ދިވެހިންގެ ތެރެއިން އެކުވެރިކަމާއި އެއްބައިވަންތަކަން ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބްރައީސް ވިދާޅުވީ އިސްލާމީ ޙިދާޔަތުގެ މަތީގައި ރާއްޖެ ދެމިއޮތުމަކީ ދިވެހި ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެކަމެއް ކަމަށެވެ. ނާއިބު ރައީސް ވިދާޅުވީ ދިވެހި ތާރީޚުގައި ހިނގާފައިވާ މުއްހިމު ކަންކަން އަދުގެ ކިޔަވާ ކުދިންނަށް އެނގެންޖެހޭ ކަމަށެވެ. އަދި އެފަދަ ކަންކަން އެކުދިންނަށް ދަސްކޮށްދީ އެކުދިންގެ ހިތްތަކުގައި ޤައުމީ ވަންތަ ލޯބި އާލާ ކުރުމަކީވެސް އެހާމެ މުހިއްމު ކަމެއް ކަމަށް ނާއިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ނާއިބު ރައީސްގެ ވާހަކަފުޅުގައި ޤައުމެއް ޤައުމުގެ ގޮތުގައި ގެނެސްދިން ގޮތްތަކާއި ފަރާތްތައް އެގިގެން ދިޔުމަކީ މުހިއްމު ކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

"ބަވަނަ ވެފައިވާ ދުނިޔޭގައި ޤައުމާ ދިމާވެދާނެ ނުރައްކާތެރި ނުވަތަ އެ ނޫންވެސް ވިސްނަންޖެހޭ ގިނަ ކަންކަމާ މެދު ވިސްނަންޖެހޭ. ތަފާތު އެކި ފަހަރުގެ މަތިން ޤައުމަށް އެކިކަހަލަ ހަމަލާތައް، ޤައުމިއްޔަތު ނަގާލުމަށްޓަކައި، ދީން ނަގާލުމަށްޓަކައި، ދީފައިވާ ހަމަލާތުކުން ޤައުމު ޞަލާމަތްކުރުމަށްޓަކައި ކުރެއްވި މަސައްކަތްތަކަކީ އަޅުގަނޑުމެންގެ ހިތްތަކުގައި ދިރިދިރި ހުންނާނެކަންކަން."ނައިބް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވަނީ ޤައުމީ އަދި ދީނީ ގޮތުން ޤައުމު ދިފާޢުކުރެވޭނެ ޒުވާން ޖީލެއް އުފެދިގެން ދިޔުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ޤައުމާއި ދީނުގެ ހިމާޔަތުގައި ކުރަންޖެހޭ ކަމަކީ ހަމައެކަނި ހަނގުރާމަކުރުން ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ހޯމް މިނިސްޓަރ ވަނީ ތަފާތު އިޤްތިޞާދީ ބާރުތަކަށް އެހެނިހެން ވަޞީލަތްތައް ބޭނުން ކުރަމުންދާ ހިނދު ދިވެހިން ދިވެހިންގެ ދައުރު ފުރިހަމައަށް އަދާކުރުމަށް ގޮވާލައްވަފައެވެ. އަދި ޤައުމަށް ދިމާވާ ކޮންމެ ހަމަލާއެއްގައިވެސް ފަރުދީ ގޮތުން ޤައުމަށްޓަކައި ކޮށްދޭނެ ކަންތައްތަކާއި ނަގާނެ ޒިންމާތަކާމެދު ދިވެހި ކޮންމެ ދަރިޔަކު ވިސްނާ ފިކުރުމަށް ވަނީ ގޮވާލާފައެވެ.

"އެބޭފުޅުންގެ މަތިވެރި އަޚްލާޤީ ސިފަތަކުން އަޅުގަނޑުމެން ސިފަލިބިގަންނަންޖެހޭ. ޤައުމަށް ދީނަށް ޚިދުމަތް ކުރެވޭނީ އެ ބައެއްގެ ކިބައިގައި ހުރި ރިވެތި ސިފަތަކުގެ ނަތީޖާގެ ގޮތުން. އަޅުގަނޑު އުއްމީދު ކުރަނީ ޒުވާން ޖީލު ބިނާވެގެންދާނީ މި ޤައުމު ހުރިހާގޮތަކުން ދިފާޢުކުރެވޭނެ ބާރާއި ހިކުމަތާއި އިއްޒަތް ލިބިގެންދާނެ ބައެއްގެ ގޮތުގައި ކަމަށް." މިނިސްޓަރ ވިދާޅުވިއެވެ.

ޝަހީދުންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެވެސް ޝަޢުބާން މަހުގެ އެއްވަނަ ދުވަހެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރުމަށް ޖިހާދުކުރައްވަނިކޮށް އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށް މިދުވަސް ފާހަގަކުރިނަމަވެސް، މިއީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ މިނިވަންކަމުގެ ދިފާޢުގައި ޖިހާދުވެވަޑައިގެންނެވި ޤައުމީ ބަޠަލުންގެ ޛިކުރާ އާކުރުމުގެ މަޤްޞަދުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.