ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީއަށް 50 ގޮނޑި ލިބިއްޖެނަމަ ހުއްޓައިނުލާ 24 ގަޑިއިރު ފާތަނެކަމަށް ބުނެ ޒުވާނަކު ވައުދުވީ އިންތިޚާބުގެ ވޯޓްލުން ކުރިއަށް ދިޔަ ދުވަހުގެ ހަވީރުއެވެ. އޭނާ އެ ވައުދުވީ ވޯޓްލުން ބަންދުކުރުމާ ހަމައަށް ދިޔައިރުވެސް ވޯޓްލާން ނުކުތް މީހުން މަދުވުމުން އެކަމަށް ގިނަ މީހުން ނެރުމުގެ ބޭނުމުގައެވެ. ނަތީޖާއަކަށްވީ އޭނާ ބޭނުންވި ގޮތަށް ގިނަ ބަޔަކު ވޯޓްލާން ނުކުތުމާއެކު ބުނި އަދަދަށްވުރެ ގިނައިން އެޕާޓީއަށް ގޮނޑިލިބި ވައުދުވެސް ފުއްދަން ޖެހުމެވެ.
ވައުދެއް ވެއްޖެނަމަ ފުރިހަމަ ކުރަންޖެހޭނެކަން އެނގިހުރެ އެ ވައުދު ފުއްދުމަށްޓަކައި މާލޭގެ ދެކުނު ފަރާތުގައި އޮތް ފަތާ ޓްރެކަށް މއ.ލޭކްވުޑް ފިރާސް އަފީފް ފަތަން ދިޔައީ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހުއެވެ. އެތަނަށްގޮސް ބައެއް ކަހަލަ ތަހުލީލުތައް ކޮށްލުމަށްފަހު ފަތަންފެށީ މެންދުރުފަހު 2:20 ހާއިރެވެ. އަދި އެތަނަށް ދިޔައީ މާގިނަ ބަޔަކަށް އެންގުމަކާއިނުލާ ހަމައެކަނި ސަލާމަތަށްޓަކައި ގާތް މީހުން ގޮވައިގެންނެވެ. އެއަށްފަހު 24 ގަޑިއިރު ފެތުމަށްވީ ވައުދު ހޮނިހިރު ދުވަހުގެ 2.20 ގައި ފުރިހަމަކޮށް ނިންމާލީ އޭނާ ކާމިޔާބަށް އެދުނު ޕާޓީގެ އިސްބޭފުޅުންނާއެކުއެވެ. އެގޮތުން އެހަފްލާގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި އެޕާޓީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން ފިރާސް ބުނީ މަޖިލިސް އިންތިޚާބުގެ ވޯޓުލުން ބަންދުކުރުމާއި ހަމައަށް ދިޔައިރުވެސް ވޯޓްލާން ނުކުތް މީހުން މަދުވުމުން ވަރަށް ބޮޑަށް ކަންބޮޑުވި ކަމަށާއި އެހެން ކަމުން ވިސްނާލުމަށްފަހު އޭނާގެ މަގުސަދަކަށްވީ ގިނަ ބަޔަކު ވޯޓްލާން ނެރުން ކަމަށެވެ. އެގޮތުން އެފަދަ ކަމަކަށް ބެޓްކުރީ އޭނާގެ ގިނަ ރައްޓެހިން ލައްވާ ވޯޓް ލެއްވުމުގެ ބޭނުމުގައި ކަމަށެވެ.
"އެއީ 6 އެޕްރީލްގައި ވޯޓްލީ ދުވަހު 4 ޖަހާއިރު ވޯޓުލީ މީހުން މަދުވީމާ. ދެން އަހަރެން ރަށްޓެހި ވަރަށް ބައިވަރު ހަމަ އެމްޑީޕީއަށް ސަޕޯޓުކުރާ މީހުންވެސް ވޯޓު ނުލާ ތިބީމައި. އެމީހުން ނެރެވޭނެ ގޮތަކާ ދޭތެރޭވިސްނިއިރު ބެޓެއްކުރީ. އެމްޑީޕީއަށް 50 ގޮނޑިއަށްވުރެ ގިނަ ވެއްޖެއްޔާ 24 ގަޑިއިރު ފަތާނަމޭ. 45 ގޮނޑިއަށްވުރެ ގިނަވެއްޖެއްޔާ 12 ގަނޑިއިރު ފަތާނަމޭ އަވަހަށް ވޯޓުލާން ދާށޭ ކިޔާފަ ޕޯސްޓެއް ކުރީ.'' ފިރާސް ކިޔައިދިނެއެވެ.
ފިރާސް ބުނީ ފެތުމަކީ އޭނާ އަބަދުވެސް ފަތާ ކަމަށާއި އެހެންކަމުން އެކަން ކުރަން އުނދަގޫ ނޫން ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް 24 ގަޑިއިރު ފަތާފައިނުވާތީ އެކަން ކުރެވޭނެ ގޮތަކާއިމެދު ވިސްނާ އެކަން ފުރިހަމަކޮށް ނިންމާލީ އެންމެ ރަނގަޅަށް އެކަން ކުރެވޭނެ ގޮތުގެ މަތީން ކަމަށެވެ. އެގޮތުން ފިރާސް ފެތުން ކުރިއަށް ގެންގޮސްފައިވަނީ ނަމާދު ވަގުތަށް މެދުކަނޑާލުމުގެ އިތުރުން ކޮންމެ އެއްގަނޑިއިރުން 10 ވަރަކަށް މިނެޓްގެ ބްރޭކެއް ނެގުމާއި ބައެއް ކަހަލަ ކާނާއާއި ބުއިންތައްވެސް ބޭނުން ކުރަމުންނެވެ.
"ދެން އަބަދުވެސް ފަތަން. ދެންހަމަ ދިގުކޮށްވެސް ފަތަން. އެކަމަކު 24 ގަޑިއިރަކު ނުފަތަން. ދެން ކުޑަކޮށް ރިސާރޗްކޮށްލިއިރު ވަރަށް ބައިވަރު ކޮމްޕްލިކޭޝަންސް އާދޭ. ފުރަތަމަ އެހެން ބުނިއިރު ހަމަ 24 ގަޑިއިރު ފަތަން ސިކުނޑީގައި އޮތީ. އެކަމަކު ދެން ލޮނުގަނޑާއި ހުރިހައި އެއްޗަކަށް ކޮންސިޑާކުރާއިރު ހަމަ އެއްގަޑިއިރުތެރޭ 10 ވަރަކަށް މިނެޓްގެ ރެސްޓް ނަގަންޖެހޭ." ފިރާސް ބުންޏެވެ.
ފިރާސް ބުނީ ވައުދެއް ފުއްދުމަށްޓަކައި ކުރިއަށް ގެންދިޔަ ހަރަކާތް ކާމިޔާބު ކުރެވުމުން ވަރަށް އުފާވާ ކަމަށާއި އެކަމުގައި އެހެން މީހުންގެ އެހީތެރިކަން ލިބުނު އުފަލާއި އިހުސާސް ކިޔައިދޭން ވެސް ނޭނގޭ ކަމަށެވެ. އެގޮތުން ފިރާސް އެކަން ފާހަގަކުރިއިރު އެހެން ބައެއް މީހުން ވެސް ވަނީ އިއްޔެ އާއި މިއަދުގެ އެކި ވަގުތުތަކުގައި ފިރާސްއާ އެކު އެ ފެތުމުގައި ބައިވެރިވެފައެވެ.
މިއީ އިންތިޚާބެއްގައި ވަކިގޮތަކަށް ކާމިޔާބީއެއް ލިބިއްޖެނަމަ ވަކި ކަމެއް ކުރަން ބުނެ އެކަން މީހަކު ކުރި ފުރަތަމަ ފަހަރެވެ. އެއާއެކު ފިރާސްގެ މަސައްކަތަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތައުރީފުކުރައްވާފައެވެ. އަދި ގިނަ އަދަދެއްގެ އާއްމުންވެސް ދަނީ ޝޯޝަލް މީޑިއާގައި އޭނާއަށް ތަޢުރީފްކުރަމުންނެވެ.