ސިޔާސީ

"އަމީނިއްޔާ ޑައިމަންޑް ޖުބްލީ ފެއަރ" ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްގެ ދެ ކަނބަލުން "އަމީނިއްޔާ ޑައިމަންޑް ޖުބްލީ ފެއަރ" އަށް ޒިޔާރަތް ކުރައްވައި އެ މަޢުރަޒު ބައްލަވާލައްވައިފިއެވެ.

އިއްޔެ ހަވީރު ފެށި މި މަޢުރަޒަކީ އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ފެއަރ އެކެވެ.

އަމީނިއްޔާ ސްކޫލުން ވިދާޅުވީ އެ ސްކޫލުގެ އަހަރީ ދުވަހާއި ގުޅުވައިގެން އެފަދަ މަޢުރަޒެއް ކުރިއަށް ގެންދަނީ އެ ސްކޫލުގެ އިސް ދަރިވަރުންގެ ހުނަރުތައް ދައްކާލުމާއެކު އިހުގެ ދަރިވަރުން އެއްތަނަކުން ބައްދަލުކޮށްލުންކަމަށެވެ.

މި މައުރަޒުން ލިބޭ ފައިސާ ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ އަމީނިއްޔާ ސްކޫލުން މިއަހަރުގެ ތެރޭ ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތަކަށެވެ.

އަމީނިއްޔާ ސްކޫލްގެ އަހަރީދުވަސް ފާހަގަކުރުމަށްޓަކައި މިއަހަރު އެކި ދުވަސްތަކުގެ މައްޗަށް ބަހާލައިގެން ޙަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. މިގޮތުން މިމަހުގެ ތެރޭގައިވެސް ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށްވަނީ ރާވާފައެވެ.

އަމީނިއްޔާ ސްކޫލްގައި ކިޔަވައިދޭން ފަށާފައިވަނީ 1944 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މިއަހަރުގެ ނޮވެމްބަރު 28 ގައި އެ ސްކޫލަށް 75 އަހަރު ފުރޭނެއެވެ.