ރިޕޯޓް

ހުޅުލޭ އެއަރޕޯޓު - ދިވެހިން ހިލޭ ސާބަހަށް ކުރި އެންމެ ބޮޑު މަސައްކަތް!


"ވޭލާނާ" އިންޓަރނޭޝަނަލް އެއަރޕޯޓު ނުވަތަ ކުރީގެ ނަމުންނަމަ ހުޅުލޭ އެއަރޕޯޓަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ޢަދަދެއްގެ ދިވެހިރައްޔިތުން ނުކުމެ، ހިލޭ ސާބަހަށް ކުރި އެންމެ ބުރަބޮޑު މަސައްކަތެވެ. ދިވެހިންގެ ފަޚުރުވެރި ޤައުމުގެ މި މައިދޮރާއްޓަށް މިއަދު 53 އަހަރު ފުރޭއިރު، ވެލާނާ އެއަރޕޯޓު ވެފައިމިވަނީ ދިވެހިންގެ ހީވާގިކަމާއި މުރާލިކަމާވެސް ގުޅިފައިވާ މުހިއްމު ހަނދާނަކަށެވެ.

ހުޅުލޭގައި އެންމެ ފުރަތަމަ އެއަރޕޯޓެއް ހުޅުވާފައިވަނީ 1960ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 19ގައެވެ. އިނގިރޭސީންގެ ޙިމާޔަތުގައި ދިވެހިރާއްޖެ އޮތް ދުވަސްވަރު ހެދި މިއެއަރޕޯޓަކީ 3000 ފޫޓް ދިގު 75 ފޫޓް ފުޅާ، ރަންވޭއަކާއެކު، ދަގަނޑުފިލާ ބޭނުންކޮށްގެން ހެދި އެއަރޕޯޓެކެވެ. ނަމަވެސް، އިނގިރޭސީންގެ އަތްދަށުން މިނިވަންވުމަށް ރާއްޖެއިން މަސައްކަތް ފެށުމާއި، ދެކުނު ގަނޑުބަނޑާއެކު ދިވެހިންނާއި، އިނގިރޭސީންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގެސަބަބުން ދިވެހިންގެ މެދުގައި އަމިއްލަ އެއަރޕޯޓެއް އެޅުމުގެ ވިސްނުން އުފެދިގެންދިޔައެވެ. މިއާއެކު ދިވެހިންގެ އަމިއްލަ އެއަރޕޯޓެއް ހެދުމަށް ސަރުކާރުން ގަސްތުކުރައްވައި އެކަން އިޢުލާނުކުރައްވާފައި ވަނީ 27 އޭޕްރީލް 1964 ގައި އޭރުގެ ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރުގެ ވެރިކަމުގެ ދުވަސްވަރުގައެވެ.

މި އެއަރޕޯޓުގެ މަސައްކަތް ފެށީ ދިވެހިންގެ އަމިއްލަ ފައިސާއިންނާއި، ރައްޔިތުންގެ އެހީއާއި މަސައްކަތުންނެވެ. މަދުމީސްކޮޅަކާއެކު ފެށި މި ބުރަ މަސައްކަތް ބަދަލުވެގެންދިޔައީ ޤައުމީ ބޮޑު ޙަރަކާތަކަށެވެ. މިއީ އޭރުގެ އިޤްތިޞާދީ ޙާލަތަށް ބަލާނަމަ، ރާއްޖޭގައި ހިންގި އެންމެ އާދަޔާ ޚިލާފު އަދި އެންމެ ބުރަ ބޮޑު މަސައްކަތެވެ. ނަމަވެސް ދިވެހިން މިކަމަށް ބޭނުންވެފައިތިބި މިންވަރާއި، މަސައްކަތުގެ ތެރޭގައި ދެއްކި ޖޯޝާއި ފޯރީގެ ނަތީޖާއަކަށްވީ، ކުރު މުއްދަތެއްގެ ތެރޭގައި އެއަރޕޯޓުގެ ރަންވޭއާއެކު ކޮންޓްރޯލް ޓަވަރާއި، ޓަރމިނަލްގެ މަސައްކަތް މުޅިން ނިންމައި 1966 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 12ވަނަ ދުވަހު ދިވެހިންގެ ފުރަތަމަ މަދަނީ ވައިގެ ބަނދަރު ހުޅުވިގެންދިޔުމެވެ.

މިއާއެކު ދިވެހިންގެ އެއަރޕޯޓް ވެގެންދިޔައީ ރާއްޖޭގެ އިޤްތިޞާދުގެ މައިދޮރާއްޓަށެވެ. ރާއްޖެއަށް ބޭރުފައިސާ ވަންނަ މައި މަރުކަޒަށެވެ. މިކަމުގެ ސަބަބުން ރާއްޖެ، ބޭރު ދުނިޔެއަށް ހުޅުވި، 1972ވަނަ އަހަރު ފަތުރުވެރިކަން ރާއްޖެއަށް ތަޢާރުވެގެންދިޔައެވެ.

ފަތުރުވެރިކަން ފުޅާވެ، އެއަރޕޯޓުން ޚިދުމަތް ހޯދާ މީހުންގެ ނިސްބަތް އިތުރުވުމާއެކު އެތެރޭގެ އުދުހުންތަކަށް ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ކުރިއަރުވައި ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވަން ނިންމެވިއެވެ. އެކަމުގެ ދިރާސާތަކާއި މަޝްވަރާތައް ކުރެވެމުންއައިސް، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުވިތާ 2އަހަރު ފަހުން ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހުޅުލޭ އެއަރޕޯޓް ހެދުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފެއްޓެވިއެވެ. އަދި 1981ވަނަ އަހަރުގެ ނޮވެމްބަރު 11ގައި "މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް"ގެ ނަމުގައި އެއަރޕޯޓް ރީ-ބްރޭންޑްކޮށް އަލުން ހުޅުވިއެވެ.

އެއަރޕޯޓުގެ މާޒީގެ ތެރެއިން ދެން އެންމެ ފާހަގަވެގެންދިޔަ އެއްކަމަކީ، 40އަށް ވުރެއް ގިނަ އަހަރު ވަންދެން ދިވެހިންގެ އެއަރޕޯޓް ދިވެހިންގެ އަތުގައި އޮތުމަށްފަހު، ރައީސް ނަޝީދުގެ ސަރުކާރުގައި އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް އިންޑިއާގެ ޖީ.އެމް.އާރ ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމި ނިންމުމެވެ.

ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް 25އަހަރަށް ޖީ.އެމް.އާރާ އޭރުގެ ސަރުކާރުން ހަވާލުކުރައްވާފައިވަނީ 28 ޖޫން 2010 ވަނަ އަހަރެވެ. މީގެ އިތުރުން ހަމަ އެއަހަރުތެރޭ "މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު"ގެ ނަން "އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް"އަށް ބަދަލުކުރިއެވެ. އެއަރޕޯޓުގެ ބާނީ ދިވެހިޖުމްހޫރިއްޔާގެ ދެވަނަ ދައުރުގެ ފުރަތަމަ ރައީސް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، އަލްމަރްޙޫމް ރައީސް އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލޭގެފާނުގެ ނަމަށް ނިސްބަތްކޮށް، އެއަރޕޯޓުގެ ނަން ބަދަލުކުރެއްވީ 26 ޖުލައި 2011 ގައެވެ.

އެއަރޕޯޓް ހިންގުން ޖީ.އެމް.އާރއާއި ހަވާލުކުރިތާ 2 އަހަރު ފަހުން އެކުންފުންޏާއެކު ސަރުކާރުންވެފައިވާ އެއްބަސްވުމުގައި ހުރި ބައެއް މައްސަލަތަކެއްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށް އޭރުގެ ސަރުކާރަށް ޤަބޫކުރެވިގެން އެ އެއްބަސްވުން ސަރުކާރުން ބާތިލުކޮށްފައިވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 7ވަނަ ދުވަހެވެ. އެއަށްފަހު އެއަރޕޯޓް ހިންގުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓްގެ ދަށަށް އަނެއްކާވެސް ބަދަލުވެގެންދިޔައެވެ.

އަހަރުތައް މާޒީވެ، އެއަރޕޯޓަށް 53 އަހަރު ފުރޭއިރު، އާ ނަމާކާއެކު ދިވެހިންގެ އެއަރޕޯޓް އަނެއްކާވެސް މިވަނީ ތަރައްޤީގެ އައު އުސްމިންތަކަކާ ދިމާލަށް މިސްރާބުޖަހާފައެވެ. އެއަރޕޯޓަކީ ދިވެހިން ފަހުރުވެރިވާފަދަ ތަނަކަށް ހެދުމަށް 1 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ކާމިޔާބުކަމާއެކު މިހާރު ދަނީ ކުރިއަށެވެ. މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ އައު ރަންވޭގެ މަސައްކަތް މިހާރު ވަނީ މުޅިން ނިންމާލާފައެވެ. މި ރަންވޭއަކީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯއިން ކަނޑައަޅާފައިވާ ކޯޑް-އެފްގެ ފެންވަރަށް ތަރައްޤީކޮށްފައިވާ ރަންވޭއެކެވެ. މިއީ ރާއްޖޭ ހިމެނޭ ސަރަޙައްދުގައި މިފެންވަރަށް ތަރައްޤީކޮށްފައިވާ ފުރަތަމަ ރަންވޭވެސްމެއެވެ. މި ރަންވޭގެ ދިގުމިނުގައި 3400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެއެވެ. މި މަސައްކަތް ކޮށްފައިވަނީ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީންނެވެ. ރަންވޭގެ މަސައްކަތް ނިންމާ، ފުރަތަމަ ފަހަރަށް A380 މަރުކާގެ މަތިންދާބޯޓެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހުއެވެ.

އައު ރަންވޭ އޮޕަރޭޝަނަށް ގެނެއުމަށްޓަކާ އެއަރޕޯޓު ހިންގާ ކުންފުނި، އެމް.އޭ.ސީ.އެލުން މަސައްކަތް ކުރަމުންދާއިރު، އެއަރޕޯޓުގެ އައު ޕަސެންޖަރ ޓަރމިނަލާއި، ސީޕްލޭން ޓަރމިނަލާއި، ވީ.އައި.ޕީ ލައުންޖްގެ އިތުރުން އައު ފިއުލް ފަރމް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

މި މަޝްރޫޢާއެކު މިހާރު ބޭނުންކުރަމުންދާ އެއަރޕޯޓަށް %30 އިގެ ޖާގަ އިތުރުވެ، އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން މީހުންނަށް ޚިދުމަތްދެވޭނެއެވެ.

ދިވެހިންގެ އެއްބައިވަންތަކަމާއި، މިނިވަންކަމާ ގުޅިފައިވާ އެންމެ މުހިއްމު އެއް ރަމްޒުކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ލިބިގެންދާ ކޮންމެ ކުރިއެރުމަކާއި، ތަރައްޤީއަކީ ދިވެހިންނާއި އަދި މުޅި ޤައުމުގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅިލާމެހިފައިވާކަމެކެވެ.