މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ޢާންމުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ދުއިސައްތަ ހާސް ލެޑް ބޮކިގެ ތެރެއިން ފަސް ހާސް ލެޑްބޮކި ފެނަކަ ކޯޕަރޭޝަންއާ ޙަވާލުކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރައްމިއްޔާތެއްގައި އެތަކެއްޗާ ޙަވާލުވެވަޑައިގަތީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައީދު މުހަންމަދެވެ. އެތަކެތި ހަވާލުކޮށްދެއްވީ މިނިސްޓާރ އޮފް އެންވަޔަރަމަންޓް ޑރ.ހުސައިން ރަޝީދު ހަސަނެވެ.
މި ބޮކިތަކަކީ އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ބޮކިތަކެކެވެ. ބޮކިތައް ގޭބީސީތަކަށް ދޫކުރާނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ލެޑް ބޮކި ޙަވާލުކުރުމުގެ ޕްރޮގްރާމްގެ ދަށުން ކޮންމެ ގޭބީސީއަކަށް 2 ބޮކި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ ކުރިއަށްއޮތްތަނުގައި ސްމާޓް މީޓަރ ތަޢާރަފް ކުރުމުގެމަސައްކަތްވެސް ކުރާނެކަމަށެވެ. އަދި އަތްފޯރާ އަގެއްގައި ކަރަންޓު ޔަގީންކޮށްދިނުންވެސް އެއީ އަމާޒެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަޢީދު ވިދާޅުވީ އެ ކުންފުނިން މަސައްކަތްކުރާނީ ރައްޔިތުންނަށް އެންމެ ބޭނުންތެރި ޙިދުމަތްތައް ފޯރުކޮށްދިނުމަށްކަމަށެވެ. އަދި އެ މަސައްކަތައް ސަރުކާރާއި މިނިސްޓްރީން ދެމުންގެންދާ އެއްބާރުލުން އޭނާވަނީ ފާހަގަކުރައްވާފައެވެ.
މި 5000 ބޮތްކަކީ ހަކަތަ އެފިޝަންޓް ކުރުން ނުވަތަ ސަމަކާރަ ކުރުމާއި އިޢާދަކުރަނިވި ހަކަތައާ ގުޅޭގޮތުން މިނިސްޓްރީއޮފް އެންވަޔަރަމަންޓާއި އިންޑިއާގެ އެނަރޖީ އެފިޝަންސީ ސަރވިސަސް ލިމިޓެޑާދެމެދު ކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖެއަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ 200000 ލެޑް ބޮކީގެ ތެރެއިން ލިބިފައިވާ ބޮކިތަކެކެވެ. މި އެއްބަސްވުމުގެ ދަށުން ލިބިފައިވާ 2500 ލެޑް މަގު ބައްތި ބޭނުންކޮށްގެން މާލޭގެ މަގުތައް އަލިކުރުމުގެ ޕްރޮގްރާމް މާރިޗް މަހުގެ 31ގައިވަނީ އިފްތިތާހުކޮށްފައެވެ.
މި ލެޑް ބޮކިތަކަކީ ތިމާވެއްޓާއި ރައްޓެހި ކަރަންޓު ޙަރަދުކުޑަ ލެޑް ބޮކިތަކެއްކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ 200000 ބޮކިން ދުވާލަކަށް 96000 ޔުނިޓުގެ ކަރަންޓު ސަލާމަތްކުރެވޭނެކަމަށެވެ. މި ލެޑް ބޮކި ކަރަންޓުގެ ޙިދުމަތްދޭ ގޭބީސީގެތަކަށް ދޭގޮތައް ހަމަޖެހިފައިވީނަމަވެސް ކުރިއަށްއޮތްތަނުގައި ރާއްޖޭގެ ހުރިހާ ގޭބީސީތަކަށް ލެޑްބޮކި ދޫކުރާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.