ތަޢުލީމު

އިސްލާމީ ޔުނިވަރސިޓީން 500 އަށްވުރެ ގިނަ ދަރިވަަރުން ދަސްވެނިވެއްޖެ


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން 500އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެއެވެ. އިސްލާމީ ޔުނިވަރސިޓީން ދަސްވެނިވި ދަރިވަރުންނަށް ސަނަދު ހަވާލުކުރުމަށް ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 4ވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެޔުނިވަރސިޓީން ހިންގި ތަފާތު ކޯސްތަކުން 500 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވާއިރު، އެ ޔުނިވަރސިޓީން ދޭ އެންމެ ޝަރަފުވެރި އިނާމްކަމަށްވާ "ބެސްޓް ސްޓޫޑެންޓް އެވޯޑް" 7 ފަރާތަކުން ވަނީ ޙާސިލުކޮށްފައެވެ. މީގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޙާއްސަ އިނާމާއި، އިސްލާމިކް މިނިސްޓްރީން ދެއްވާ ޚާއްސަ އިނާމުގެ އިތުރުން، ޢުމްރާ ދަތުރު ލިބިފައިވަނީ ދ.މީދޫ ފެހިގެ ސަލްވާ މުޙައްމަދު ލަތީފަށެވެ. އިސްލާމީ ޔުނިވަރސިޓީގެ 2018ވަނަ އަހަރުގެ ދަސްވެނިންގެ ތެރެއިން މަތީ ވަނަތަށް ޙާޞިލްކުރި ފަރާތްތަކަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އަލްއުސްތާޛާ ޢާއިޝަތު ޚަލީލާ ޢަބްދުއްސައްތާރު ވިދާޅުވީ، އެޔުނިވަރސިޓީގެ އެންމެ މުހިއްމު އަމާޒަކީ މަތީ ފެންވަރުގެ ޢިލްމީ ދިރާސާކުރުމާއި، އިސްލާމީ ޢިލްމު ފޯރުކޮށްދިނުމާއެކު އިސްލާމީ ފިކުރުގެ ތެރެއިން ޤައުމަށް ބޭނުންތެރި ދުނިޔެވީ ޢިލްމު ފޯރުކޮށްދިނުމުގައި ތަޢުލީމީ އެންމެ މަތީ މަރުހަލާއަށް އެ ޔުނިވަރސިޓީ ގެންދިއުންކަމަށެވެ. އަދި މި ސަރަހައްދުގެ ތަޢުލީމީ މުޢައްސަސާތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ އިސްލާމީ މަތީ ތަޢުލީމުގެ މަރުކަޒަކަށް އެޔުނިވަރސިޓީ ހެދުންކަމަށެވެ.

އަލްއުސްތާޛާ ޢާއިޝަތު ޚަލީލާ ވިދާޅުވީ، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ޞައްޙަ އަޤީދާ ދަމަހައްޓާ ނެގެހެއްޓުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު އޭގެ އެންމެ ފުރިހަމަ މާނައިގައި ތަންފީޒުކުރުމުގެ ޤާބިލުކަން ލިބިފައިވާ މުއައްސަސާއަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީކަމަށެވެ.

"މިސަރުކާރުން ރާއްޖޭގައި އިސްލާމީ އަޤީދާ ވަރުގަދަކުރުމަށް ކުރާ މަސައްކަތްތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމުގެ ޤާބިލުކަން ލިބިފައިވާ ތަނަކީ މި ޔުނިވަރސިޓީ. ދިވެހިރާއްޖޭގައި ޤާނޫނު ތަންފީޒުކުރާ މުއްސަސާތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޮޑެތި ޖިނާޢީ ކުށްތަކާއި ބަދުއަޙްލާޤީ އަމަލުތަކާއި މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތަކުގައި މި މުޢައްސަސާއިން ޢިލްމު އުނގެނިފައިވާ ހަމައެންމެ ދަރިވަރަކުވެސް ޝާމިލުނުވާކަން އެއީ މާތްﷲ އަށް ނިޙާޔަތަށް ޝުކުރުވެރިވާންޖެހޭ ކަމެއް." ޚަލީލާ ވިދާޅުވިއެވެ.

އަލްއުސްތާޛާ ޢާއިޝަތު ޚަލީލާ ޢަބްދުއްސައްތާރު ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ އިސްލާމީ ޔުނިވަރސިޓީތަކާ ގުޅިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ކުރިއަށްގެންދާ ތަފާތު ޕްރޮގްރާމްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ޖާގައިގެ ދަތިކަމަކީ މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްގޮންޖެހުންކަމަށެވެ. އެގޮތުން ކްލާސްތައް މަދުވުމާއި، އިސްލާމީ ޔުނިވަރސިޓީ ހުރި ޢިމާރާތުގެ ބައުކަމާއެކު، ހުޅުމާލޭގައި އިސްލާމީ ޔުނިވަރސިޓީގެ އައު ކެމްޕަހެއް އެޅުމަށް ބިން ހަމަޖެހިގެންދިއުމަކީ އެ ޔުނިވަރސިޓީކުރާ ވަރަށް ބޮޑު އުއްމީދެއްކަމަށް އޭނާ ވިދާޅުވިއެވެ.

"މަދު ކްލާސްރޫމްތަކެއް ހުރި ޔުނިވަރސިޓީ މިހާރު ހިންގަމުން މިދާ ޢިމާރާތަކީ ޔުނިވަރސިޓީއެއް ހިންގުމަށް އެންމެ އެކަށީގެންވާ ޢިމާރާތެއްނޫން. އެހެންކަމުން މިތަނުގެ ދަރިވަރުންނާއި، މިތަނަށް ނިސްބަތްވާ ހުރިހާ ފަރާތްތަކެއްގެ އުއްމީދަކީ މިތަނުން ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުޞަތު ދިނުމުގެ ގޮތުން ހުޅުމާލޭގައި ޔުނިވަރސިޓީގެ އައު ކެމްޕަހެއް އަޅާނެ ބިމެއް ކައިރި މުސްތަޤުބަލެއްގައި ހަމަޖެހިގެންދިއުން." ޚަލީލާ ވިދާޅުވިއެވެ.

އިސްލާމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުން ސެޓްފިކެޓް ލެވެލް އެކަކުން ފެށިގެން، ޕީ.އެޗް.ޑީއާ ހަމައަށް އަންނަނީ ތަފާތު 72 ކޯހެއް ހިންގަމުންނެވެ. 2015ވަނަ އަހަރު ވުޖޫދުވި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މިހާތަނަށް 1800 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވެއެވެ. އިސްލާމީ ޔުނިވަރސިޓީން މިހާރު ދަނީ މާލޭގެ އިތުރުން ރާއްޖޭގެ ދެކުނުން ފުވައްމުލައް ސިޓީއާއި ލ.ފޮނަދޫގައިވެސް އެ ޔުނިވަރސިޓީގެ ލަރނިންގ ސެންޓަރުތައް ޤާއިމުކޮށް، އެތަންތަނުގައި ކިޔަވައިދެމުންނެވެ.