ސިއްހަތު

އަރިދަފުސް ރޯގާއާއި ޑެންގީހުން ޖެހިގެން 42 ހާހަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވޭ - އެޗް.ޕީ.އޭ


އަރިދަފުސް ރޯގާއާއި ޑެންގީހުން ޖެހިގެން މިއަހަރުގެ މިހާތަނަށް 42 ހާހަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގެ މިދުވަސްވަރާއި އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު މަދުކަމަށެވެ. ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ޙާލަތާއި ގުޅޭގޮތުން އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރު އެންމެ ގިނައިން އަރިދަފުސް ރޯގާގެ ކޭސްތައް ރިޕޯޓުކޮށްފައިވަނީ މިދިޔަ މާޗު މަހުއެވެ. އެގޮތުން މާޗުމަހު އެކަނިވެސް އަރިދަފުސް ރޯގާގެ 16،496 ކޭސް ރިޕޯޓުކޮށްފައިވެއެވެ. ފެބްރުއަރީމަހު މި އަދަދު އުޅެނީ 12،845 ގައެވެ. އަދި ޖަނަވަރީމަހު އަރިދަފުސް ރޯގާގެ 12،161 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ޖަނަވަރީ އިން މާޗު މަހަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ މިންވަރާއި އަޅާބަލާއިރު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ އަދަދު ވަނީ ގިނަވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ޑެންގީހުމުގެ ޖުމްލަ 1387 ކޭސް ރިޕޯޓުކޮށްފައިވެއެވެ.
މީގެ ތެރެއިން އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ ޖަނަވަރީމަހުގެ ތެރޭގައެވެ. ޖަނަވަރީމަހު ޑެންގީގެ 526 ކޭސް ރިޕޯޓުކޮށްފައިވާއިރު، ފެބްރުއަރީ މަހު 422 ކޭސް އަދި މާޗު މަހު 439 ޑެންގީ ކޭސް ރިޕޯޓުކޮށްފައިވެއެވެ.

ޗިކަންގުންޔާގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ޖުމްލަ 486 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި ފުރަތަމަ ދެ މަހާއި އަޅާބަލާއިރު މިދިޔަ މާޗުމަހު ޗިކަންގުންޔާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ޖަނަވަރީމަހު 80 ކޭސް ރިޕޯޓުކޮށްފައިވާއިރު، ފެބްރުއަރީމަހު މި އަދަދު އުޅެނީ 179 ގައެވެ. އަދި މާޗުމަހު ޗިކަންގުންޔާގެ 227 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން، މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް ޓެސްޓްކުރެވުނު 233 މީހުންގެ ތެރެއިން 18 މީހަކު މި ބައްޔަށް ޕޮސިޓިވްވެފައިވާކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. ނަމަވެސް ވައިރަލް ހުން، ބޭރަށް ހިންގުމާއި ހޮޑުލުން، ފާނަ ބަސަންދު، ލޮލުރޯގާ، ހޭންޑް ފުޓް އެންޑް މައުތް ފަދަ ބަލިތައް އާއްމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުވެފައިނުވާކަން އެޗް.ޕީ.އޭއިން ފާހަގަކުރައްވާފައިވެއެވެ.

ކުރީ އަހަރުތަކާއި އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު އަރިދަފުސް ރޯގާޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު މަދުވި ނަމަވެސް ޑެންގީއާއި ޗިކަންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް އިތުރުވަމުންދާތީ، މަދިރި ކޮންޓްރޯލްކުރުމަށާއި، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކޮށްފައެވެ.