ޚަބަރު

ފްލެޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން އެފްޑީސީން ޚާއްޞަ ސަރވޭއެއް


  • މަޤްޞަދަކީ ކުޑަކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ރައްކާތެރިކުރުން

  • ރައްޔިތުންގެ ޚިޔާލާއި ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވި

  • ހޭލުންތެރިކުރުމުގެ ޚާއްޞަ ސެޝަނެއް ކުރިއަށްގެންދާނެ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ "އަމާން ދޯދި" އަދި "އަމާން އުދަރެސް" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ޚާއްޞަ ސޭފްޓީ ސާވޭއެއް އެ ކޯޕަރޭޝަނުން ފަށައިފިއެވެ.

މި ސާވޭގެ މައިގަނޑު މަޤްޞަދަކީ ޓަވަރުތަކުގައި ދިރިއުޅޭ ކުޑަކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ހިމެނޭ ޔުނިޓުތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ގޭބިސީތަކުގައި އެޅިފައިވޭތޯ ކަށަވަރުކުރުމެވެ. މި މަސައްކަތުގެ ތެރެއިން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވަނީ ބައެއް ޔުނިޓުތަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އަދި ރައްކާތެރިކަން އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި، މަޝްވަރާކުރައްވާފައިވެއެވެ.

މިކަމާ ގުޅޭގޮތުން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، އެ ކޯޕަރޭޝަނުން އަބަދުވެސް އެންމެ އިސްކަމެއް ދެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.

"އެގޮތުން، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން، އެމް.އެން.ޑީ.އެފް އާ ގުޅިގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭ ހޭލުންތެރިކުރުމުގެ ޚާއްޞަ ސެޝަނެއް މާދަމާ ރޭ ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައި. އަޅުގަނޑުގެ ވަރަށް ބޮޑު އެދުމަކީ، އަމާން ޓަވަރުތަކުގައި ދިރިއުޅުއްވާ ވީހާވެސް ގިނަ ރައްޔިތުން މި މުހިންމު ހަރަކާތުގައި ބައިވެރިވެވަޑައިގަތުން،" ހަމްދާން ވިދާޅުވިއެވެ.

އެމް.އެން.ޑީ.އެފް އާއި އެފްޑީސީ ގުޅިގެން އަމާން ޓަވަރުތަކުގެ ރައްޔިތުންނަށް އަމާޒުކޮށްގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ހިންގާ ހޭލުންތެރިކުރުމުގެ ސެޝަންތަކުގެ މައިގަނޑު މަޤްޞަދަކީ އަލިފާން ރޯވާން ދިމާވާ ސަބަބުތައް ދެނެގަނެ، އެފަދަ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން، ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވެއްޖެނަމަ ރައްކާތެރިކަމާއެކު އަމަލުކުރާނެ ގޮތްތަކުގެ މައުލޫމާތާއި އިރުޝާދުތައް ވެސް މި ސެޝަންގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ.

އަމާން ޓަވަރުތަކުގައި ދިރިއުޅޭ ކުޑަކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ހިމެނޭ ޔުނިޓުތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކުރުމަށް ޚާއްޞަ ސާވޭއެއް ފަށާފައިވާއިރު، އެފަދަ ފަރާތްތަކަށް ކުރިމަތިވެދާނެ ތަފާތު ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، އެކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރުމަށް އެފްޑީސީން އަބަދުވެސް އިސްކަންދޭނެއެވެ.

އަދި މި ޓަވަރުތަކަކީ އާއިލާތަކަށާއި، ކުޑަކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް އަމާން، ރައްކާތެރި އަދި ހިތްފަސޭހަ މާހައުލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެފްޑީސީން ވަނީ އަރުވާފައެވެ.