ކުޅިވަރު

އައްޑޫ އިންޓަރ ސްކޫލު ފުޓްބޯޅަ މުބަރާތުގެ ފުރަތަމަ މެޗް ސ.އަތޮޅު މަދުރަސާއިން ކާމިޔާބުކޮށްފި


މަމެން އައްޑޫ އިންޓަރ ސްކޫލު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ހިތަދޫ ސްކޫލާއި، ސ.އަތޮޅު މަދުރަސާ ވާދަކޮށް، ސ. އަތޮޅު މަދުރަސާ ކާމިޔާބުކޮށްފި އެވެ.

އައްޑޫސިޓީ ހިތަދޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ 16 އަހަރުން ދަށުގެ އުމުރުފުރައިން ދަށުގެ ކުދިން ކުޅުނު މެޗެކެވެ. މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ދެވަނަ ހާފް ފެށުމާއިއެކު ނަތީޖާ ބަދަލުވެ 2-3 ކުން ސ.އަތޮޅު މަދުރަސާ މެޗް ކަމިޔާބްކުރިއެވެ.

ސ.އަތޮޅު ސްކޫލްގެ ޖާރޒީ ނަންބަރ 10 ރަޔަން މުއްސަދު ވަނީ 3 ގޯލް ޖަހާފައެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ. މި މެޗް ނިންމާލުމަށްފަހު ޕީއެސްއެމްއަށް އިންޓަރވިއު ދެއްވަމުން ހިތަދޫ ސުކޫލުގެ ކޯޗް މުޙައްމަދު ޝުއާއު ވިދާޅުވީ ފުޓްބޯޅައަކީ ހަމައެކަނި މުނިފޫހި ފިލުވުމަށް ކުޅެންޖެހޭ ކުޅިވަރެއްނޫން ކަމަށާއި، ފުޓްބޯޅައިގެ ރޮނގުން ކުރިއަށްދާން ބޭނުންނަމަ އަޚްޅާޤީ މިންގަނޑު ހިފެހެއްޓުމަކީ މުހިންމުކަމެއް ކަމަށެވެ.

ފުޓްބޯޅައަކީ އަސްލު ހަމައެކަނި މަގުމަތީގަ ކުޅެލަން އަޅުގަނޑުމެން ކުޅޭ ކުރިވަރަކަށް ވެގެން ނުވާނެ. ފުޓްބޯޅައަކީވެސް ލިބޭ އެޑިއުކޭޝަނެއް. ކުޅުންތެރިންނަށް އަޅުގަނޑު ބުނެލަންއޮތީ ފުޓްބޯޅައިގެ ރޮނގުން ކުރިއަށްދާން ބޭނުންނަމަ އަޚްލާގު ރަނގަޅު ކުރަން އެބަ ޖެހެއޭ. އަދި އަޅުގަނޑު ފާހަގަކޮށްލަން މިއަދި ކުޅުނު ދެ ޓީމުންވެސް ވަރަށް ރަނގަޅަށް ކުޅުނީ. ޑިސިޕްލިން ބަރާބަރަށް ހިފަހައްޓައިގެން ކުޅުނުކަން ފާހަގަކުރެވޭ" ހިތަދޫ ސުކޫލުގެ ކޯޗް މުޙައްމަދު ޝުއާއު ވިދާޅުވިއެވެ.

މި ޓޯނަމެންޓް ކުރިއަށް ގެންދަނީ ތިން އުމުރު ފުރަޔަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުން ދަށުގެ އުމުރުފުރައާއި، 14 އަހަރާއި 16 އަހަރުން ދަށުގެ އުމުރުފުރައިގެ ކުދިންނަށެވެ. އިންޓަރ ސްކޫލު ފުޓްބޯޅަ ޓޯނަމެންޓްގައި އައްޑޫގެ 9 ސްކޫލަކުން ބައިވެރިވެ އެވެ. އޭގެތެރޭގައި ޝަރަފުއްދީން ސްކޫލް، ހިތަދޫ ސްކޫލް، މަރަދޫ ސްކޫލް، މަރަދޫ ފޭދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް، ފޭދޫ ސްކޫލް، ހުޅުދޫ ސްކޫލް، ޝަމްސުއްދީން ސްކޫލް އަދި ސ. އަތޮޅު ސްކޫލް ހިމެނެއެވެ.