ސިއްހަތު

އައްޑޫގެ އާ ހޮސްޕިޓަލުގެ ޕްރޮޕޯޒަލްތައް އޯފިޑަށާއި،ސައުދީއަށް


އައްޑޫ ސިޓީގައި އަލަށް ހަދާ ސަތޭކަ އެނދުގެ ހޮސްޕިޓަލް ހެދުމަށް އިންޓަރނޭޝަނަލް ޕްރި- ކޮލިފައިން ޓެންޑަރ އިން ކޮލިފައިވި، 6 ފަރާތުގެ ޕްރޮޕޯޒަލްތައް އޯފިޑަށާއި، ސައުދީއަށް ފޮނުވައިފިއެވެ.ހެލްތު މިނިސްޓްރީގެ  ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ހަބީބް ވިދާޅުވީ، އޯފިޑާއި ސައުދީން ޕްރޮޕޯޒަލްތައް އިވެލުއޭޓްކޮށް ނިމުމުން އެ ހަ ފަރާތުގެ މެދުގައި ޓެންޑަރއަށް ހުޅުވާލާނެ ކަމަށެވެ.އިންޓަރނޭޝަނަލް ޕްރި- ކޮލިފައިން ޓެންޑަރ އަށް ކުރިމަތިލާފައިވަނީ، 9 ފަރާތަކުންނެވެ. އޭގެތެރޭގައި ރާއްޖެއާއި ބޭރުގެ ކުންފުނިތައްވެސް ހިމެނެއެވެ.އައްޑޫ ސިޓީގައި އަލަށް ހަދާ 100 އެނދުގެ ހޮސްޕިޓަލް އެޅުމަށް ކަނޑައަޅާފައިވަނީ ހިތަދޫ ސްޓޭޑިއަމް ކައިރީގައެވެ.ޑރ. ހަބީބު ވިދާޅުވީ، އެތަނުގައި ހޮސްޕިޓަލް އަޅަން ނިންމީ، ހޮސްޕިޓަލް ތަކަކީ ސާފްތާހިރުކަން ވަކި މިންގަނޑެއްގައި ބަހައްޓަންޖެހޭ ތަންތަން ކަމަށްވާތީ، އެ ސަރަހައްދަކީ އެގޮތުން ރަނގަޅު ސަރަހައްދަކަށްވާތީ ކަމަށެވެ. އަދި އެ ހޮސްޕިޓަލް ވެގެންދާނީ، ރާއްޖޭގައިހުރި އެންމެ ރަނގަޅު މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލަށް ކަމަށެވެ.މާލެއިން ނުލިބޭ ބައެއް ޚިދުމަތްތައް އެ ހޮސްޕިޓަލުން ލިބިގެންދާނެކަން ފާހަގަ ކުރައްވަމުން ޑރ. ހަބީބު ވިދާޅުވީ، ހޮސްޕިޓަލް ވެގެންދާނީ ރާއްޖޭގައި ހުރި އެންމެ ރަނގަޅު އޮތޯޕެޑިކް ސާރޖަރީ ކުރާ ހޮސްޕިޓަލަށް ކަމަށެވެ.އައްޑޫގައި އަލަށް ހަދާ ހޮސްޕިޓަލަކީ، އޯފިޑް އަދި ސައުދި ސަރުކޭރުގެ ލޯން އެހީގެ އިތުރުން ސަރުކާރުން ޚަރަދު ކޮށްގެން ހަދާ ހޮސްޕިޓަލެކެވެ.ހަބީބް ވިދާޅުވީ، ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭވަރުވާނެ ކަމަށެވެ.