ޚަބަރު

ތަޢުލީމީ ނިޒާމު ހަރުދަނާ ކުރެއްވުމަކީ ރައީސް ޞާލިޙުގެ އަމާޒެއް - ނައިބްރައީސް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާ ކުރައްވައި ކުރިއެރުވުންކަމަށް ނައިބްރައީސް ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ.

ކ.އަތޮޅު މަދަރުސާގެ އައު އިމާރާތުގެ ބިންގާ އެޅުމަށް ކާށިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބްރައީސް ވަނީ ތަޢުލީމީ ނިޒާމު ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ.

ނައިބްރައީސް ވިދާޅުވީ ސަރުކާރުން ހުރިހާ މަސައްކަތެއް ކުރައްވަނީ ވަރުގަދަ ޖީލެއް އުފެއްދުމަށް ކަމަށާ، ތަޢުލީމު ވަރުގަދަކުރުމަށްވުރެ ބޭނުންތެރި އެހެން އެއްވެސްކަމެއް ނުވާކަމަށެވެ. ދަރިވަރުންނަކީ ސުކޫލުނިމި މުޖުތަމަޢަށް ނުކުންނައިރު ދިރިއުޅުމަށް އަހުލުވެރި މަސައްކަތަކަށް އަހުލުވެރި، ރަނގަޅަށްއުޅެން އެނގޭ ބަޔަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށްވެސް ނައިބްރައީސް އަލި އަޅުއްވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ސްކޫލުތަކާއި އެޑިއުކޭޝަން މިނިސްޓްރީއާ ގާތްގުޅުމެއް ބާއްވަން ޖެހޭކަމަށެވެ. އަދި ސުކޫލުތަކަށް ދިމާވާ ދަތިތައް ހައްލުނުވެ ދިގު މުއްދަތަކަށް އެކަންކަން ތަހައްމަލުކުރަން ނުޖެހޭގޮތަށް ރަނގަޅަށް ކަންތައްތައް ބެލެންވެސް ޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ކ.އަތޮޅު މަދަރުސާގެ އާޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމާއި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީއެވެ. މި ޢިމާރާތަކީ މަލްޓިޕާޕަސް ހޯލަކާއި 4 ފަންގިފިލާގެ ކްލާސްރޫމް ބްލޮކެއް ހިމެނޭގޮތަށް ކުރާ ޢިމާރާތެވެ.