ސިއްހަތު

މަދިރި ނައްތާލުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ


މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކަށް ޢާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި މިފަދަ ބަލިތައް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ކެމްޕެއިނެއް އިފްތިތާހްކޮށްފިއެވެ.
މި ކެމްޕެއިންއަކީ މަދިރީގެ ސަބަބުން ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް މިމަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ.

މި ކެމްޕެއިނުގެ ތެރޭގައި ސްކޫލްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަންތަކާއި ބެލެނިވެރިންނަށް ޚާއްސަ ކޮށްގެން ކުއިޒް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ރިސޯޓްތަކަށް އަމާޒުކޮށްގެން އިންޓަގްރޭޓަޑް ޕެސްޓް މެނޭޖްމަންޓް ކޮންފަރެންސެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ބިދޭސީންނަށް މައުލޫމާތު ދިނުމާއި ރަށްތަކުގައި ހުރި މަދިރި އާލާވާފަދަ ތަންތަން ނައްތާލުމުގެ މަސައްކަތްވެސް މި ކެމްޕެއިންގެ ތެރެއިން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ މިމަހުގެ 25 ވަނަ ދުވަހު ޑަބްލިޔު.އެޗް.އޯގެ ކޮންސަލްޓެންޓްގެ އެހީތެރިކަމާއެކު ރާއްޖޭގައު ޑެންގީ ހައިލެވެލް އެޑްވޮކަސީ ފޯރަމްއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ކެމްޕެއިންގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރު ވިދާޅުވީ މަދިރީގެ ސަބަބުން އުފެދޭ ނުރައްކާތެރި ބަލިތައް ރާއްޖެއިން ނައްތާލުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އިތުރަށް އެކަމުގައި ވަކިވަކި ފަރުދުންގެ ދައުރުވެސް މުހިއްމުކަމަށެވެ.

އެގޮތުން މަދިރިން ސަލާމަތްވުމަށް ނުވަތަ މަދިރި ނައްތާލުމަށްޓަކައި ގެއާއި ގޯތި ތެރޭގައި އަދި އާންމު ތަންތަނުގައި މަދިރި އުފެދި އާލާވާ ގޮތަށް ހުންނަ ތަކެތި ރަނގަޅު ގޮތުގައި ނައްތާލުމަކީ މަދިރި ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ހަތިޔާރުކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފާއިތުވި ތިން އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު ޑެންގީ ހުންޖެހިފައިވާ މީހުންގެ އަދަދު އިތުރުވެފައިވާކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 1303 މީހުން ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރެއިން އަތޮޅުތަކުން 909 މީހުން ޑެންގީހުންޖެހިގެން ރިޕޯޓްކޮށްފައިވާއިރު މާލެ ސަރަޙައްދުން 394 ކޭސް ރިޕޯޓްށްފައިވާކަމަށް އެޗްޕީއޭއިން މައުލޫމާތުދެއްވައެވެ.

ޗިކުންގުންޏާގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ފަހުން ރާއްޖޭގެ ޗިކުންގުންޔާގެ އައުޓްބްރޭކެއް އައިސްފައިވަނީ 2006 އަހަރުގައެވެ. އޭގެ ފަހުން މިހަތަނަށް މަދުން ރިޕޯޓްކޯށްފައިވީ ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 421 ކޭސް ރިޕޯޓްކޯށްފައިވާކަމަށް އެޗްޕީއެޢިން ވިދާޅުވެއެވެ.