މާލޭގެ މަގުތަކުގައި ހަރުކޮށްފައި ހުރި ބޮކިތައް ލެޑު ލައިޓުތަކަށް ބަދަލުކުރަން ފަށައިފިއެވެ. މިމަޝްރޫޢު އިފްތިތާޙުކުރުމުގެ ގޮތުން އެންމެ ފުރަތަމަ ލައިޓުތައް ހަރުކޮށްފައިވަނީ އިއްޒުންދީން މަގުގައެވެ.
މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި އިންޑިއާގެ އެނަރޖީ އެފީޝިއަންސީ ސަރވިސްއާއި ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ ދަށުން މާލޭގެ މަގުތަކުގައި ހަރުކޮށްފައި ހުރި 2500 މަގު ބައްތި ތިމާވެއްޓާއި ރައްޓެހި ލެޑު ލައިޓަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ މި ލައިޓުތައް ހަރުކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ހުސެއިން ރަޝީދު ހަސަންއެވެ.
މާލޭގެ މަގުތަކުގައި ލެޑު ލައިޓު ހަރުކުރުމުގެ ރަސްމިއްޔާތުގައި އެނަވަޔަރަމަންޓް މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލުގެ އިސްވެރިންނާއި މިޕްރޮޖެކްޓްގައި މަސައްކަތްކުރާ އިންޑިއާ ކުންފުނީގެ އިސްވެރިންވަނީ ބައިވެރިވަފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މާލޭގައި ބޭނުންކުރާ ކަރަންޓުގެ ނިސްބަތް އަހަރުން އަހަރަށް އިތުރުވަމުންދާއިރު އޭގެ އެންމެ ހެޔޮގޮތުގައި ކަރަންޓު ބޭނުން ކުރަން ފިޔަވަޅުތަކެއް އަޅަން ޖެހޭކެމަށެވެ. އަދި ކަރަންޓު ބޭނުންކުރުމުގައި އެންމެ ފައިދާހުރި ގޮތެއްގައި ބޭނުންކުރުމަކީ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅައި ކުރިއަށް ގެންދާ މުހިއްމު މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ މިއީ ތިމާވެއްޓަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް އިންޑިއާއާއި ރާއްޖެއިން ކުރާ މަސައްކަތައް އިތުރުވެގެން ދިޔަ މުހިއްމު ބޮޅެއްކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ރަށްރަށުގައި ހުރި ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި އިންޑީއާއާއި ގުޅިގެން ރާއްޖެއިން މަސައްކަތްކުރައްވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ.
ރާއްޖޭއާއި އިންޑިއާއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދެލައްކަ އެނަރޖީ ސޭވިންގ ބޮކި ގޭބިސީތަކަށް ބެހުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުގެ ދަށުން ކަރަންޓު އެތައް ގުނައަކުން ސަލާމަތް ކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރެއެވެ. އެގޮތުން ގަޑިއަކު 67 މިލިއަން ކިލޯވޮޓް ހަކަތަ ސަލާމަތްކުރެވޭނެކަމަށް އެމިނިސްޓްރީން ލަފާކުރެއެވެ. އަދި ޖައްވަށް ބޭރުކުރެވޭ ވިހަ ގޭސްތައް އަހަރަކު 50 ޓަނަށްވުރެ ބޮޑުޢަދަދަކުން މަދުކުރެވޭނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.