ތިމާވެށި

ރ. ވަންދޫ ސަރަޙައްދީ ކުނިކޮށި ޖުލައި މަހު އޮޕަރޭޓްކުރަން ފަށަނީ


ރ.ވަންދޫގައި ޤާއިމްކުރާ ސަރަޙައްދީ ކުނި ނައްތާލާ ނިޒާމު އޮޕަރޭޓްކުރުމުގެ
މަސައްކަތް މިއަހަރުގެ ޖުލައި މަހު ފަށާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް
އެންޑް އެނާރޖީ ޠާރިޤް އިބްރާހީީމް ވިދާޅުވެއްޖެއެވެ.



ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ރ. ވަންދޫގައި
ވޭސްޓް މެނޭޖްމަންޓް ސެންޓަރު އޮޕަރޭޓް ކުރަން ބޭނުންވާ އިކުއިޕްމަންޓާއި، އެރަށަށް
ބޭނުންވާ ޔުޓިލިޓީ ބިލްޑިންގއާއި، ފެން ޕްލާންޓާއި، ތެޔޮ ރައްކާކުރުމަށް ބޭނުންވާ
ސްޓޯރޭޖް ޤާއިމްކުރުމާއި، އަލިފާން ނިއްވާ ސިސްޓަމް ޤާއިމްކުރުމަށް ބަޔާކާ
ޙަވާލުކުރުމަށް ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ
ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އަމާޒަކީ ނ، ރ ،ބ، ޅ މި ހަތަރު އަތޮޅުގެ ސާޅީސް ފަސް
ރަށުގެ ތެރެއިން މިހާރު ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ޤާއިމްވެފައި ހުރި
ސެންޓަރުތައް އަޕްގްރޭޑް ކުރުމާއި، އަދި އެފަދަ ސެންޓަރުތައް ނުހެދި ހުރި
ރަށްތަކުގައި އެފަދަ ސެންޓަރުތައް ޤާއިމްކުރުން ކަމަށެވެ. އަދި އެކަމަށް ބޭނުންވާ
ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ނ،ރ،ބ،ޅ އަތޮޅުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ވޭސްޓް މެނޭޖްމަންޓް
ސެންޓަރުތައް ބެލެހެއްޓުމަށް ފެނަކައާ ޙަވާލުކުރުމަށް މިނިސްޓްރީން ވަނީ
ނިންމާފައެވެ. ރ.ވަންދޫގައި ސަރަޙައްދީ ފެންވަރުގައި ކުނި ނައްތާލާ ސެންޓަރެއް
ހެދުމުގެ މަޝްރޫޢަކީ ވޯރލްޑް ބޭންކްގެ ލޯން އެހީގައި ހިންގާ
މަޝްރޫޢެކެވެ.