ތަރައްްޤީ

މަރަދޫ ފޭދޫއާ މީދޫގެ ބަނދަރު ހަދާނެ ފަރާތެއް ހޯދަނީ


އައްޑޫސިޓީގެ މަރަދޫފޭދޫ އާއި މީދޫގެ ބަނދަރު ހަދާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންްކޮށްފިއެވެ.

"ޑިޒައިން އެންޑް ބިލްޑް އޮފް ހާބަރ އަޕްގްރޭޑް" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓްގައި މަރަދޫފޭދޫ އާއި މީދުގެ ބަނދަރު ހެދުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ބަހައްޓަންޖެހެ އަދަދަކީ 110،000.00 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީން ކުރައްވާފައިވާ އިޢުލާނުގައި ވިދާޅުވެފައިވަނީ އެ މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށެވެ. އަދި އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ފިނޭންސުން ވިދާޅުވީ ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 1500ރުފިޔާ ނުވަތަ 100 ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ. މި ފައިސާއަކީ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެކެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ މިފައިސާ ބަލައިގަންނާނީ މި މަހުގެ 28ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ބީލަން ހުޅުވުން އޮންނާނީ މޭ މަހުގެ ދެވަނަ ދުވަހުގެ ވާ މެންދުރުފަހު 13:00ގައި ކަމަށެވެ. އައްޑޫ ސިޓީގެ މަރަދޫ ފޭދޫއާ މީދޫގެ ބަނދަރުގެ އިތުރުން މި އިޢުލާނުގައި ފިނޭންސުން ވަނީ ތ. އޮމަދޫއާ ށ. ނޫމަރާގެ ބަނދަރު ހެދުމަށްވެސް އިޢުލާން ކުރައްވާފައެވެ.