ތަރައްްޤީ

17 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަނީ


17 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އިޢުލާންކޮށްފިއެވެ.

އެ މިނިސްޓްރީން ބިން ހިއްކުމުގެ މަޝްރޫޢުގެ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައިވާ ރަށްތަކުގެ ތެރޭގައި ހއ. އަތޮޅުގެ 2 ރަށަކާއި، ރ. އަތޮޅުގެ 2 ރަށަކާއި، ކ. އަތޮޅުގެ 3 ރަށަކާއި، އއ. އަތޮޅުގެ 2 ރަށަކާއި، ފ. އަތޮޅުގެ 2 ރަށެއް ހިމެނެއެވެ. އަދި ދ، ތ، ލ، ގއ، ގދ. އިތުރުން އައްޑޫ ސިޓީ، މިއިން ކޮންމެ އަތޮޅަކުން އެއް ރަށް ވަނީ ހިމަނާފައެވެ.

ބިން ހިއްކުމުގެ މަޝްރޫޢުގެ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައިވާ ރަށްތަކަކީ:

1. ހއ. އިހަވަންދޫ 9. އއ. އުކުޅަސް 17. ސ. މަރަދޫ-މަރަދޫފޭދޫ
2. ހއ. ތުރާކުނު 10. ފ. މަގޫދޫ
3. ރ. އަލިފުށި 11. ފ. ފީއަލި
4. ރ. ދުވާފަރު 12. ދ. މާއެނބޫދޫ
5. ކ. ގުޅި 13. ތ. ހިރިލަންދޫ
6. ކ. ގުރައިދޫ 14. ލ. މާވައް
7. ކ. މާފުށި 15. ގއ. ދާންދޫ
8. އއ. ބޮޑުފޮޅުދޫ 16. ގދ. މަޑަވެލި

މި 17 ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ޑިޒައިންކުރުމާއި، މަސައްކަތަށް ބޭނުންވާ ސާރވޭ، އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ތައްޔާރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތުދިނުމަށް ބާއްވާ ބައްދަލުވުން އަންނަ އާދިއްތަ ދުވަހު ޕްލޭނިންގ މިނިސްޓްރީގައި އޮންނާނެއެވެ. އަދި މި މަސައްކަތާއި ބެހޭ ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯސަލް ބިޑް ހުޅުވުން އޮންނަނީ އަންނަމަހުގެ 7 ވަނަ ދުވަހުކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ބިންފުރިފައިވާ ރަށްރަށަކީ ކޮބައިތޯ ބަލާ، އެފަދަ ރަށްރަށުގެ ބިން ހިއްކައިދީ، ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ހެޔޮ އަގެއްގައި ފޯރުކޮށްދެއްވާނެކަމަށް ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވަޢުދުވެވަޑައިގެންފައެވެ. ބިން ހިއްކުމުގެ މަޝްރޫޢުތަކަށް މިއަހަރުގެ ބަޖެޓުގައި ގާތްގަނޑަކަށް 375 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.