ތަރައްްޤީ

ގދ.ތިނަދޫއިން ފްލެޓު ލިބުނު މީހުންގެ ވަގުތީ ލިސްޓު އަލުން އާންމުކޮށްފި


ގދ.ތިނަދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތައް ލިބުނު މީހުންގެ ލިސްޓް ރިވިއުކޮށް، ފްލެޓް ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓު އަލުން އާންމުކޮށްފިއެވެ.

މި ލިސްޓާއެކު ގދ. ތިނަދޫ ކައުންސިލުން އިއްޔެ ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، އެލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންނަމަ އަންނަ މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 13:00އާ ހަމައަށް ލިއުމަކުން އެ ޝަކުވާއެއް އެ ކައުންސިލަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

ތިނަދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓު އަލުން އާންމުކޮށްފައި މިވަނީ، ކުރީ ސަރުކާރުން އާންމުކުރި ލިސްޓާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ހުށަހެޅުމާ ގުޅިގެން ތިނަދޫ ކައުންސިލުން އެކަން ބަލައިދިނުމަށް އޭސީސީއަށް ހުށަހެޅުމުން ހައުސިންގ މިނިސްޓްރީއާ ގުޅިގެން އެކަން ކުރިއަށްގެންދިއުމަށް އޭސީސީން އެންގުމާ ގުޅިގެން އެ މިނިސްޓްރީގެ ލަފަޔާއެކު އެކުލަވާލި ކޮމެޓީން ރިވިއު ކުރުމަށްފަހުގައެވެ.

މި ލިސްޓް ރިވިއު ކުރުމަށް އެކުލަވާލި 7 މެންބަރުންގެ ކޮމެޓީގައި ހިމެނެނީ ގދ. އަތޮޅު ކައުންސިލްގެ 2 މުވައްޒަފަކާއި، ތިނަދޫ އަންހެނުންގެ ޖަމްޢިއްޔާގެ 2 މުވައްޒަފަކާއި ތިނަދޫ ކައުންސިލްގެ ތިން މުވައްޒަފެކެވެ.

ގދ. ތިނަދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ 120 ފްލެޓުގެ ތެރެއިން، އޭ ކެޓަގަރީގައި ހިމެނޭ 80 ފްލެޓަށް 580 ފޯމު ހުށަހަޅާފައިވާއިރު ބީ ކެޓަގަރީގައި ހިމެނޭ 25 ފްލެޓަށް އެދި 238 ފޯމު ހުށަހަޅާފައިވެއެވެ. ސީ ކެޓަގަރީގައި ހިމެނޭ 15 ފެލްޓަކީ ވިޔަފާރި އުޞޫލުން ވިއްކުމަށް ހަމަޖެހިފައިވާ ފްލެޓްތަކެކެވެ.