ސިޔާސީ

އައްޑޫގެ ކަރަންޓު މައްސަލައަށް ވަގުތީ ހައްލެއް މާދަން ގެންނާނަން- ރައީސް


އައްޑޫ ސިޓީގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ވަގުތީ ޙައްލެއް މާދަމާ ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރައްވަން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީގެ ފޭދޫ ސްޓޭޑިއަމްގައި އޮތް ފުޓުބޯޅަ މެޗެއް ޝަރަފުވެރި ކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި މާދަމާ ހިތަދޫ އިންޖީނުގެއަށް ބޭނުންވާ އެއްހާސް ކިލޯ ވޮޓާއި އަށްސަތޭކަ ކިލޯވޮޓުގެ ދެ ޖަނަރޭޓަރ އައްޑޫ ސިޓީއަށް ގެންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި ވަކިން އޮންނަ ދެ ރަށް ކަމަށްވާ ހުޅުމީދޫގެ ކަރަންޓުގެ މައްސަލައަށް ވަގުތީ ޙައްލެއް ހޯދުމުގެ ގޮތުން 800 ކިލޯ ވޮޓުގެ ޖަނަރޭޓަރު މާދަމާ ގެންނާނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެން މިހާރުން މިހާރަށް ވަގުތީ ހައްލެއް ހޯދުމަށްޓަކައި ކުރަންޖެހިފައި ހުރި ކަމެއް. އެގޮތުން އެއީ ފެށުމެއް ކަމަށް ތިބޭފުޅުން ބައްލަވާ، މި ސިޓިގެ ކަރަންޓުގެ މައްސަލަ އިރާދަކުރެއްވިއްޔާ ދާއިމަށް ހައްލު ކުރެވޭ ކަހަލަ ގޮތަކައް މަސައްކަތް އަޅިުގަނޑުމެން ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޭ އިންޖީނުގެއަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ. އަދި މިހާރު އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައާ ގުޅޭގޮތުން އިންޖީނުގޭގެ މުވައްޒަފުންނާއި އެމަނިކުފާނު ވަނީ މަޝްވަރާ ކުރައްވާފައެވެ. މި މަޝަވަރާ ބައްދަލުކުރެވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކަކީ މިހާރުގެ ކަރަންޓަށް ދިމާވެފައިވާ ހާލަތާއި ކުރިއަޓް އޮތްތާ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައްޑޫގެ ކަރަންޓަށް ދާއިމަށް ހައްލުުކުރެވުމަށެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކައް ކަރަންޓު ދިނުމަށް ބޭނުންކުރަމުން އަންނަ އިންޖީނަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މައްސަލަ ހައްލު ކުރެވެންދެން އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުން ގެންދާނެކަމަށް އައްޑޫ ސިޓީ ފެނަކަ ބްރާންޗުން މީގެކުރިން ވަނީ ބުނެފައެވެ.