ސިއްހަތު

ރާއްޖޭގެ ދެކުނުގައި އިތުރު ޓަރޝަރީ ހޮސްޕިޓަލެއް އަޅަނީ


ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީއިން ފަށްޓަވައިފިއެވެ. ހެލްތް މިނިސްޓްރީއިން މިހާރުވަނީ އެ ހޮސްޕިޓަލުގެ އާ އިމާރާތް ޑިޒައިންކުރާނެ ފަރާތެއް ހޯދުމަށްވެސް މިހާރު އިޢުލާންކުރައްވާފައެވެ.

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އާ އިމާރާތެއް އަޅަން ނިންމީ މިހާރު ހުރި އިމާރާތުގައި އެކަމަށް ބޭނުންވާ ޖާގަ ނެތުމާއި، ބޭނުންވާ ޚިދުމަތްތައް ޤާއިމުކުރެވެން ނެތުމުންކަމަށެވެ. އަދި މިހާރު ހުރި އިމާރާތަކީ އިތުރަށް ބޮޑު ކުރެވޭ ގޮތަށް ހަދާފައިވާ އިމާރާތެއް ނޫންކަމަށްވެސް މިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ.

"ބައިނަލްއަޤްވާމީ ފެންވަރަށް ހޮސްޕިޓަލް ތަރައްޤީކުރާނީ، އަދި މި އިމާރާތަކީ ޑަބްލިއުއެޗްއޯގެ ގްރީން ކޮންސެޕްޓަށް، އާ ޚިދުމަތް ތަކާއިއެކު ތަރައްޤީކުރާ ޒަމާނީ ހޮސްޕިޓަލަކަށްވާނެ." ތަސްލީމާ ވިދާޅުވިއެވެ.

ތަސްލީމާ ވިދާޅުވީ ހޮސްޕިޓަލުގެ ޕްލޭންތައް ހަދަމުންދަނީ އެ ސަރަޙައްދަށް އެންމެ ބޭނުންވާ ޚިދުމަތްތައް ދެނެގަތުމަށްފަހުކަމަށެވެ. އަދި ހޮސްޕިޓަލުގެ އާ އިމާރާތުން ޚިދުމަތްދޭން ފަށާއިރު މިހާރު ތިނަދޫއިން ލިބެން ނެތް އިތުރު ދާއިރާތަކުން ސްޕެޝަލިސްޓް ޚިދުމަތްތައްވެސް ލިބޭނެކަމަށެވެ. އަދި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތްދޭއިރު، ވީހާވެސް ގިނަ ޓެސްޓްތައް ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހެދޭނެގޮތް ހަމަޖައްސާނެކަމަށްވެސް ހެލްތް މިނިސްޓްރީއިން ވިދާޅުވެއެވެ.

ހެލްތް މިނިސްޓްރީއިން ވިދާޅުވީ ކައުންސިލާއި ގުޅިގެން ހޮސްޕިޓަލްގެ އާ އިމާރާތް އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކަކީ މަދުވެގެން 100 އެނދު ހިމެނޭހެން ތަރައްޤީކުރާ ހޮސްޕިޓަލްތަކެވެ. އެހެން ނަމަވެސް ތިނަދޫގައި އަލަށްހަދާ އިމާތާގުޅޭ އިތުރު މަޢުލޫމާތެއް މިނިސްޓްރީއިން ހިއްސާކޮށްފައެއް ނުވެއެވެ.

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މިވަގުތު ހުރީ 50 އެނދުގެ ޖާގައެވެ.

މިދިޔަ ސަރުކާރުންވަނީ އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރުވެސް، ޓަރޝަރީ ފެންވަރުގެ ޚިދުމަތް ލިބޭ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.