ނަފްސާނީ ޙާލަތްތައް މެދުވެރިވާ ފަރާތްތަކަށް އެހީތެރިވުމަށް އެކުލަވާލާފައިވާ، ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން، 1677ގެ ޗެޓް އެޕެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ހާމަކުރައްވައިފިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ނަފްސާނީ ބަލިން ރައްކާތެރިވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ ސޯޝަލް ސަރވިސް ކޯޑިނޭޓަރ އާއިޝަތު ޝޫޒާ ވިދާޅުވީ ނޭޝަނަލް މެންޓަލް ހެލްތް ހެލްޕްލައިން މެދުވެރިކޮށް ވާހަކަތައް ޙިއްސާކުރުމަށް ބައެއް ފަރާތްތަކުން ފަސްޖެހޭކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އިތުބާރު ކުޑަވުންކަމަށާއި، ކާކުކަން އެނގިދާނެތީ ދިމާވާ ހާލަތުތައް ޙިއްސާކުރުމަށް ބައެއް ފަރާތަތަކަށް ދަތިވާކަމަށެވެ.
"އަޅުގަނޑުމެންނަށް ރިކުއެސްޓް ލިބޭ ޗެޓުން ވާހަކަދައްކަން. މިހާރު އެފަދަ އެޕެއް އެކުލަވާލުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ." ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ ސޯޝަލް ސަރވިސް ކޯޑިނޭޓަރ އާއިޝަތު ޝުޒާ ވިދާޅުވިއެވެ.
ހެލްޕްލައިން މެދުވެރިކޮށް ކުރިން އެހީތެރިކަން ފޯރުކޮށްދެނީ ކުއްލި ހާލަތުގައި ކުރިއަށްދޭ އެހީތެރިކަން އެކަނިކަމަށެވެ. ނަމަވެސް ބައެއް ކޭސްތަކަކީ އެންމެ ފަހަރަކު އެހީތެރިކަން ފޯރުކޮށްދީގެން ފަރުވާ ލިބޭ ކަންކަމަށް ނުވުމާއެކު، ކޭސް މެނޭޖްމެންޓް ސިސްޓަމެއް އެކުލަވާލާ އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ޝުޒާ ވިދާޅުވިއެވެ.
ސްޓްރެސް، އެންޒައިޓީ، ޕެނިކް އެޓެކް ފަދަ ކަންކަން ދިމާވުމުން ބޭނުންވާ އެހީތެރިކަން ހޯދުމަކީ ކުރުން މުހިންމު ކަމެއްކަމަށެވެ. އެ ފަދަ ހާލަތުތައް ދިމާވުމުން ފަރުވާ ނުހޯދުމަކީ ދިގު މުއްދަތަކަށް އެފަދަ ކަންކަމަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވާކަމެއްކަމަށް ޝުޒާ ވިދާޅުވިއެވެ. އޭގެ ސަބަބުން ޑިޕްރެޝަން ނުވަތަ ދިގު މުއްދަތަށް ދެމިގެންދާ އެންޒައިޓީ ފަދަ ހާލަތުތައް މެދުވެރިވިޔަ ނުދިނުމަށް، ނަފްސާނީ ޙާލަތެއް ދިމާވުމުން ވީހާވެސް އަވަހަށް ފަރުވާ ހޯދުން މުހިންމުކަމަށް ޝުޒާ ވިދާޅުވިއެވެ.
ޝުޒާ ވިދާޅުވީ ސްޓްރެސް ކުޑަކުރުމާ، ރަނގަޅު ކާނާ ކެއުމާއި، ފެން ބުއިން އަދި ކަސްރަތުކުރުން ފަދަ ކަންކަމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ ސީނިއަރ ކައުންސެލަރ ޝައިނާ މުހްސިން ވިދާޅުވީ ނަފްސާނީ ގޮތުން އުނދަނގޫވިނަމަވެސް އެކަމަށް ފަރުވާ ހޯދުމަށް ބައެއް ފަރާތްތަކުން ޖެހިލުންވާކަމަށެވެ. އަދި ނަފްސާނީ ބައްޔަކަށް ޑައިގްނޯސްކޮށްފާނެކަމުގެ ބިރު ބައެއް ފަރާތްތަކަށް ހީވެފައި އޮންނަކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ނަފްސާނީ ގޮތުން ދިމާވާ އުނދަނގޫތައް ހައްލުކުރުމަށް މީހަކާ ވާހަކަދައްކާ، އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމުކަމެއްކަން ޝައިނާ ފާހަގަކުރެއްވިއެވެ.
"ޖިސްމާނީ ސިއްޙަތާ އެއްވަރަށް މުހިންމު ނަފްސާނީ ޙާލަތެއް. އެކަހަލަ ކަމެއް ދިމާވާކަން ޤަބޫލުކުރުމަކީވެސް ވަރަށް ބޮޑު މިންވަރެއް. އޭނައަކީ ބަލިކަށި މީހެއް ނޫން. އެއިން ދައްކުވައިދެނީ އޭނާ ހިތްވަރުގަދަކަން." ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ ސީނިއަރ ކައުންސެލަރ ޝައިނާ މުހްސިން ވިދާޅުވިއެވެ.
ސްޓްރެސް ނުވަތަ ކަންބޮޑުވުންތަކަކީ އާއްމު ދިރިއުޅުމުގެ ޙިއްސާއެއްކަމަށާއި، ދިމާވާ ހާލަތުތަކުން އަރައިގަނެވޭނެކަން ޤަބޫލުކޮށްގެން އެކަމަށް މަސައްކަތްކުރުން މުހިންމުކަމަށްވެސް ޝައިނާ ވިދާޅުވިއެވެ.
ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން "1677" މެދުވެރިކޮށް 24ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބޭނެއެވެ. އަދި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުންވެސް ނަފްސާނީ ބަލީގެ ފަރުވާ އަންނަނީ ފޯރުކޮށްދެމުންނެވެ.