ތިމާވެށި

މޫދާއި ފަރުތަކަށް ޕްލާސްޓިކް އެޅުން ހުއްޓަންޖެހޭ - އެންވަޔަރަމަންޓް މިނިސްޓަރ


މޫދާއި ފަރުތަކަށް ޕްލާސްޓިކް ފުޅިއާއި ކޮތަޅުފަދަ ތަކެތި އެޅުން ހުއްޓާލަންޖެހޭކަމަށާ، އެކަން ނުހުއްޓައިފިނަމަ ރާއްޖޭގެ ތިމާވެއްޓަށް އިޢާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުކުރުމުގެ ޤައުމީ ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ، ރާއްޖޭގެ ކަނޑަފަޅުގެ ދިރުންތަކަށާއި، ގުދުރަތީ މުއްސަނދިކަމަށް އޮތް އެންމެބޮޑު ބިރަކީ ޕްލާސްޓިކް ކަމަށެވެ. އަދި ޕްލާސްޓިކަކީ މިއަދު އިންސާނުންގެ ދިރިއުޅުމާ ވަރަށްބޮޑަށް ގުޅިފައިވާ އެއްޗަކަށްވީނަމަވެސް، އޭގެސަބަބުން ބޮޑެތި ސިއްޙީ މައްސަލަތައް ކުރިމަތިވާކަމަށެވެ. އަދި ރާއްޖޭގެ ޤުދުރަތީ ވެއްޓަށްވެސް ޕްލާސްޓިކްގެ ސަބަބުން އިޢާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މޫދަށް އެއްލައިލާ ޕްލާސްޓިކް ފުޅި ނުވަތަ ކޮތަޅުގެ ސަބަބުން ފަރުތަކާއި ކަނޑުގެ ދިރުންތަކަށް އެކަމުގެ ނޭދެވޭ އަސަރުކުރާކަން ފާހަގަކުރައްވަމުން އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ ކަނޑުން ބާނާ މަހުގެ ބަނޑުތެރެއިން ޕްލާސްޓިކް ކޮތަޅުފަދަ އެއްޗެހި ނެގުން އެއީ މިހާރަކަށް އައިސް އާއްމުވަމުންދާ ކަމެއްކަމަށެވެ. މިއީ މަސްމަހާމެހީގެ އިތުރުން އިންސާނުންގެ ޞިއްޙަތަށްވެސް އެކަމުގެ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުންވެސް ކުރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ޕްލާސްޓިކް ކައިފަހުރި މަހެއް ކެވުނީމަ އަޅުގަނޑުމެންނަށް ގެއްލުންވަނީ ކިހާވަރަކަށްކަން އަދި ކަނޑައެޅިގެން ބުނެދޭން ނޭންގުނުނަމަވެސް މީކީ މަސްމަހާމެހި ކާން ތައްޔާރުކޮށްފައި ހުންނަ އެއްޗިއްސެއްނޫން ޕްލާސްޓިކަކީ. އެހެންކަމުން ފިތުރަތުގެ މި ނިޒާމާއި އިދިކޮޅަށް މިކުރެވޭ ކަންކަން ހުއްޓުވުމަކީ މިއަދު އަޅުގަނޑުމެން ކޮންމެހެންވެސް ކުރަންވެއްޖެކަމެއް.." މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލުމުގެ ޕްލޭން އެންވަޔަރަންމަންޓް މިނިސްޓްރީން މިހާރު ތައްޔާރުކުރަމުންދާކަމަށް މިނިސްޓަރ ޑރ.ޙުސެއިން ރަޝީދު ޙަސަން ވިދާޅުވިއެވެ. ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓާއި އިޤްތިޞާދަށް އަދި ޞިއްޙީގޮތުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.