ތަޢުލީމު

ރާއްޖެއިން ބޭރުން ކިޔެވުމަށް 242 ފަރާތަކަށް ލޯނު ދޭން ނިންމައިފި


ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ފުރުޞަތުގެ ދަށުން 242 ފަރާތަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން އަލަށް ކިޔަވަންފަށާ 158 ދަރިވަރުންނަށާއި މިހާރު ކިޔަވަމުންގެންދާ 84 ދަރިވަރަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ކަމަށް 54 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ސްޓޫޑެންޓް ލޯން ސްކީމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫށްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމަން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ އަލަށްކިޔަވަންފަށާ ދަރިވަރުންނަށް ލޯނު ދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި އެ ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކުރެވެން ނެތް ދާއިރާތަކަށް އަމާޒުކޮށްގެންކަމަށެވެ.

ރާއްޖޭގައި ތަމްރީނުވެފައިވާ މީހުން ބޭނުންވާ ދާއިރާތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މި ލޯނަށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ފަހަރުގެ ލޯން ސްކީމަކީ ވަރަށް ފުޅާކޮށް ހުޅުވާލެވުނު ފުރުޞަތެއްކަމަށާއި، އެގޮތުން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެ ކަމަށެވެ.

"މިފަހަރު ލޯން ސްކީމްގެ ދަށުން ރާއްޖޭން ބޭރުގައި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފަ. މީގެ އިތުރުން ސައިކޮލަޖީ ،އޮކިއުޕޭޝަނަލް ތެރަޕީ ސްޕެޝަލް އެޑިއުކޭޝަން، ސްޕީޗް ތެރަޕީ، ސްޕޯޓްސް މެނޭޖްމަންޓް، ރިނިއުބަލް ގްރީން އެނާރޖީ ، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދާއިރާއިން ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފަ. މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ކިޔެވުން ފުރިހަމަކުރުމަށްޓަކައި ރާއްޖެއިން ބޭރުގައި ލޯން ސްކީމްއިން ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެ."މިނިސްޓަރ ވިދާޅުވިއެވެ.

މަތީ ތަޢުލީމާއި ތަމްރީނަށް ހުޅުވާލި މި ފުރުޞަތުގައި ޑިޕްލޮމާއިން ފެށިގެން ޕީ.އެޗް.ޑީއަށް ކިޔެވުމަށްވެސް ލޯން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ލޯނަށް އެދުމުގެ ފުރުޞަތު އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މި ލޯނަށް އެދި އެޕްލިކޭޝަން ހުށައަޅަން ޖެހެނީ އޮންލައިންކޮށެވެ.

މިދިޔަ އަހަރުގެ އޮގަސްޓްމަހު ސަރުކާރުން މަތީ ތަޢުލީމަށް ކިޔެވުމަށް ހުޅުވާލި ފުރުޞަތުގައި ލޯނު ލިބުނު ތިންސަތޭކައަށްވުރެގިނަ ދަރިވަރަކަށް ލޯން ލިބުނުކަމުގެ ލިޔުން މިދިޔަ މަހު ވަނީ ދޫކުރަން ފަށާފައެވެ. މި ލޯން ސްކީމަކީ 91 މިލިއަން ރުފިޔާގެ ލޯން ސްކީމެކެވެ.

މަތީ ތައުލީމު ޙާސިލުކުރުމަށް ސަރުކާރުން ދޭ ލޯން ސްކީމްގައި ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެއެވެ.
ތަފާތު އެކި ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލްކުރުމަށް ލޯން ދޭއިރު މި ލޯންތަކަށް ފައިސާ ދައްކަން ފަށަން ޖެހެނީ ކިޔަވައި ނިންމުމަށްފަހު 6 މަސްފަހުންނެވެ. މަތީ ތަޢުލީމަށް ސަރުކާރުން ދޫކުރާ ލޯން އަނބުރާ ދެއްކުމަށް ކުރިން ލިބޭ އެންމެ ދިގު މުއްދަތަކީ 15 އަހަރު ނަމަވެސް، އަލަށް ދޫކުރާ މި ލޯނުތައް އަނބުރާ ދެއްކުމަށް ލޯނުގެ ޢަދަދަށް ބަލައި 20 އަހަރާ ހަމައަށް މުއްދަތު ލިބެއެވެ.

މީގެ އިތުރުން މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނުގެ އިންޓްރެސްޓް ރޭޓްވެސް ވަނީ 5 އިންސައްތައިން 3 އިންސައްތައަށް ކުޑަކޮށްފައެވެ.