ސިއްހަތު

އިންފެކްޝަންފެތުރުން ކޮންޓްރޯލް ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް


އިންފެކްޝަންފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް- އައި.ޖީ.އެމް.އެޗް-ން މި މަހުގެ ތެރޭގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ގަސްތުކުރާކަމަށް އައިޖީއެމްއެޗްގެ ސީ.އީ.އޯ ބްރިގޭޑިއަރ ޖެނެރަލް ރިޓެޔާރޑް ފަރުހަތު ޝަހީރު ވިދާޅުވެއްޖެއެވެ.އެހޮސްޕިޓަލުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އެއްވަގުތެއްގައި ބަލިމީހުންކައިރިއަށް ވަދެ ނުކުންނަ މީހުން ގެ  އަދަދު މަދު ކުރުން ހިމެނެއެވެ.ބަލިމީހުން ކައިރިޔަށް ޒިޔާރަތް ކުރާ މީހުން އެއްވަގުތެއްގައި ވަދެ ނުކުމެ އުޅޭ އަދަދު ކަނޑައަޅައި އަންގާނެކަމަށް ވެސް އައިޖީއެމްއެޗުން ބުނެފައިވެއެވެ.މި ގޮތައް އެ ހޮސްޕިޓަލުން ނިންމީ ހޮސްޕިޓަލުގެ ތެރެއިން ފެތުރޭ އިންފެކްޝަންތައް ބޭރުތެރެއަށް ފެތުރުން މަދުކުރުމުގެ ގޮތުންކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ. އަދި މީގެ އިތުރުން އައި.ޖީ.އެމް.އެޗްގައި މަސައްކަތްކުރާ ލެބޯޓްރީ ޓެކްނީޝަނުންނާއި ނަރުހުންގެ އިތުރުން އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޔުނީފޯރމް އެޅި މީހުންގެ ޔުނީފޯރމްތައް އައިޖީއެމްއެޗްގެ ލޯންޑްރީން ދޮވެ އިސްތިރި ކުރުން ހަމަޖެއްސުމަށް ނިންމާފައިވާކަމަށް އައިޖީއެމްއެޗްގެ ސީ.އީ.އޯ ބްރިގޭޑިއަރ ޖެނެރަލް ރިޓެޔާރޑް ފަރުހަތު ޝަހީރު ވިދާޅުވިއެވެ.އައިޖީއެމް.އެޗްގެ ހައުސްކީޕިންގ ގައި މަސައްކަތް ކުރާ މުއައްޒަފުން ތަމްރީން ކުރުމާއި އިންފެކްޝަންތަކާއި ގުޅޭ މައުލޫމާތުދީ ހޭލުންތެރިކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.އިންފެކްޝަން ފެތުރުމުން ކުޑަކުރުމަށްޓަކައި އާމުން ހޭލުންތެރިކުރުމުގެ މަސައްކަތްތަކެއްވެސް ކުރިޔަށްގެންދިއުމަށް ރާވާފައިވާކަމަށް އައި.ޖީއެމް.އެޗުން މައުލޫމާތުދެއެވެ.އެ ހޮސްޕިޓަލުން އަލަށް ހަދާ ހުރިހާ ތަނެގައި އެންޓި ބެކްޓީރިއަލް މެޓީރިއަލް ބޭނުންކޮށްގެން ހަދަމުންގެންދާކަމަށް އައިޖީއެމްއެޗްގެ ސީ.އީ.އޯ ފަރުހަތު ޝަހީރު ވިދާޅުވިއެވެ.